ސިޔާސީ ޕާޓީތަކަށް ދައުލަތުން ކުރަމުންދާ ހޭދަ! އެންމެ ބޮޑު އިސްރާފު!

ސިޔާސީ ޕާޓީތަކަށް ދައުލަތުން ކުރަމުންދާ ހޭދަ! އެންމެ ބޮޑު އިސްރާފު!

Author
ހުސެއިން
06 އޭޕްރިލް 2022 08:36
0

2008 ވަނަ އަހަރު ވުޖޫދު ކުރި އާގާނޫނު އަސާސީ ވުޖޫދުކުރި އެންމެ މުހިންމު އެއް ސަބަބަކަށް ވެގެން ދިޔައީ، ދިވެހިރާއްޖޭގައި ވެރިކަން ކުރަމުންއައި ބޯދާ ސިޔާސަތުތައް ދޫކޮށް، ޖަވާބުދާރީ ކުރެވޭ ނިޒާމެއްގެ ތެރެއިން، ރައްޔިތުންނަށް ބަސް ބުނެވޭ ވެރިކަމުގެ އޮނިގަޑެއް އެކުލަވާލުމެވެ. އަދި ހަމަ އެއާއެކު، މި ގާނޫނު އަސާސީން ގެނެސްދިން ޑިމޮކްރަޓިކް ނިޒާމުގެ ތެރެއަށް ސިޔާސީ ޕާޓީތައް ތަޢާރަފްކޮށް، އެޕާޓީތަކަކީ ޒިންމާދާރުކަމާއެކީ ހިނގާ ޕާޓީތަކެއްކަން ޔަގީންވެސް ކުރުމެވެ.

މިގޮތުން، މީގެ 13 އަހަރު ކުރިން ދިވެހިން ބަލައިގަތް މިގާނޫނު އަސާސީން އެކަށައެޅި މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމުގެ އެންމެ މުހިންމު މުވައްސަސާތައް ކަމުގައި ވެގެން ގޮސްފައިވަނީ ވެރިކަން ކުރުމަށްޓަކާ އުފައްދާ ސިޔާސީ ޕާޓީތަކެވެ.

ނަތީޖާއެއްގެ ގޮތުން، ޑިމޮކްރަސީގެ ޅަފަތުގައި ދިވެހިން ކުރަމުން މިދާ ދަތުރުގައި، ފާއިތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި، ވެރިކަމުގެ ހުވަފެންތައް ދެކެވަޑައިގެންނެވި އެތަކެއް ބޭފުޅުންނެއް އިސްވެ ތިއްބަވައިގެން، އެތަކެއް ސިޔާސީ ޕާޓީތަކެއް ވުޖޫދުވެގެން ގޮސްފައި ވެއެވެ. އަދި ހަމަ އެފަދައިން، ވުޖޫދުވި ގިނަ ޕާޓީތަކެއް، ޕާޓީތައް އުފެއްދެވި ބޭބޭފުޅުންގެ ވެރިކަމުގެ ހުވަފެންތައް ބިލާހަކަށް ވެގެން ދިޔަ ހިސާބުން، ވުޖޫދުން ފޮހެވިގެންވެސް ގޮސްފައި ވެއެވެ.

އެހެންނަމަވެސް، ރާއްޖޭގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ޕާޓީތައް ވުޖޫން ފޮހެވިގެން ދިޔަނުދީ، ޑިމޮކްރަޓިކް އުސޫލުގެ މަތިން މި ޕާޓީތައް ހިނގާކަން ކަށަވަރު ކުރުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން މި ޕާޓީތަކަށް ފައިސާ ދިނުން ލާޒިމްކޮށް، ފެށެނީއްސުރެ، ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ޕާޓީތަކަށް ފައިސާ ކަނޑައަޅާ، މިފައިސާ ދަނީ ޕާޓީތަކަށް ހޭދަ ކުރަމުންވެސް މެއެވެ.

މިހާރު ސިޔާސީ މަސްރަހުގައި އޮތް އެންމެ ދުވަސްވީ އެއް ސިޔާސީ ޕާޓީކަމުގައިވާ ޖުމުހޫރީ ޕާޓީން: ސިޔާސީ ހަރަކާތެއް ނުހިންގިޔަސް އެޕާޓީއަށްވެސް ދަނީ ކޮންމެ އަހަރަކުވެސް ބަޖެޓުން ފައިސާ ލިބެމުން

މިގޮތުން، ރަޖިސްޓްރީ ކުރާ ހުރިހާ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާ ގޮތަށް މީގެކުރިން ހަމަޖެހިފައި އޮތްނަމަވެސް، އޭގެފަހުން ރައްޔިތުންގެ މަޖިލީހުންވަނީ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނު އިސްލާހުކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަކުރެވޭނީ ހަމައެކަނި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމުގައި ނިންމާ އެއުސޫލުން އަމަލު ކުރަން ފަށާފައެވެ. މިއުސޫލުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން މިހާރު ތިބީ 4 ސިޔާސީ ޕާޓީއެއްގައެވެ. އެއީ އެމްޑީޕީއާއި، ޕީޕީއެމް އާއި ޖުމުހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީގައެވެ.

 

ޕާޓީތަކަށް ކުރާ ހޭދައަކީ ޒިންމާދާރު ގޮތުގައި ކުރެވޭ ހޭދައެއްތަ؟

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކަށް ފަހު އަހަރަކަށް ދައުލަތުގެ ބަޖެޓް ބޮޑު ވަމުންދާއިރު، އެނިސްބަތުން ސިޔާސީ ޕާޓީތަކަށް ދޭ އަދަދުވެސް އިތުރުވާ ގޮތަށް ކަނޑައަޅާފައި އޮންނަ މި އުސޫލުގެ ދަށުން، މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަނީ 32 މިލިއަން ރުފިޔާ މިހާރު ދޫކޮށްފައެވެ.

ހަތަރު ސިޔާސީ ޕާޓީއަކަށް ދޫކުރާ ފައިސާތަކުގެ އަދަދު:
އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

އެހެންނަމަވެސް، ދައުލަތުގެ ބަޖެޓް ކޮންމެ އަހަރަކުވެސް ބޮޑުވަމުން ދާއިރު، ބަޖެޓް ބޮޑުވަމުން ދަނީ ދަައުލަތަށް ލިބޭ އާމްދަނީ ބަޖެޓް ބޮޑުވާ ނިސްބަތުން އިތުރުވެގެން ނޫންކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ބަޖެޓް އިންތިއާއަށް ބޮޑުކުރަމުން ދަނީ، ދަރަންޏަށް ފައިސާ ނަގައިގެން ނަމަވެސް، ކުރާ ހޭދަތައް އިތުރު ކުރުމަށްޓަކައެވެ. ދައުލަތައް އާމްދަނީ އިތުރު ކުރެވޭނެ މާގިނަ މަގުތަކެއް ނެތްނަމަވެސް، ހިންގާ ތަރައްގީގެ މަޝްރޫއުތައް އިތުރުވެ، ސިޔާސީ މަގާމްތަކަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވެ، އެނިސްބަތުން ދައުލަތުގެ ރިކަރަންޓް ޚަރަދުތައްވެސް ދަނީ ކޮންމެ އަހަރަކުވެސް ބޮޑުވަމުންނެވެ. އަދި ދައުލަތުގެ ޚަރަދަށް އަންނަ މި ބޮޑެތި ބަދަލުތަކުގެ ނަތީޖާއަކީ، ދައުލަތުގެ ދަރަނި ކޮންމެ އަހަރަކުވެސް އިންތިހާއަށް އުފުލިގެން ދިއުމެވެ.

އަދި އޭގެ އާޚިރު ނަތީޖާ ގުޅިގެންދާ އެއް ބަދަލަކަށް ވެގެން ގޮސްފައި އޮންނަނީ ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދުވެސް އެނިސްބަތުން އިތުރުވެގެންދާ ދިއުމާއެވެ. ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް އިތުރު ނުކުރިޔަސް، އުފެއްދުންތެރި މަސައްކަތެއް އެ ޕާޓީއަކުން ދުވަހަކު ނުކުރި ނަމަވެސް، 10،000 މީހުންގެ އަދަދު އެޕާޓީއަކަށް ހަމަ ކުރެވިއްޖެނަމަ، ދައުލަތުގެ ބެޖެޓް ބޮޑުވަމުންދާ ނިސްބަތަކުން ސިޔާސީ ޕާޓީތަކަށް ލިބިގެންދާ ފައިސާގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

އަދާލަތު ޕާޓީއަކީ މާގިނަ ސިޔާސީ ހަރަކާތްތަކެއް ހިންގާ ޕާޓީއަކަށް ނުވި ނަމަވެސް, 10,000 މެމްބަރުން ހަމަވުމާއި ގުޅިގެން އެޕާޓީއަށް ދައުލަތުން ދަނީ ޚަރަދު ކުރަމުން

ހަމައެއާއެކު ފާހަގަ ކޮށްލާން ޖެހޭ އަނެއް ނުކުތާއަކީ، ސިޔާސީ ޕާޓީތަކަށް މެމްބަރުން ވައްދަމުންދާ އުސޫލެވެ. ފާއިތިވެދިޔަ ތަނުގައި "ވަގު" އައިޑީ ކާޑުތަކުގެ ބޭނުން ކޮށްގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާކަން ސާބިތުވެފައިވެސް އެބަހުއްޓެވެ. އަދި އެއް ޕާޓީއަކަށް ވަނުމަށްފަހު، އަނެއް ދުވަހު އަނެއް ޕާޓީއަކަށްވެސް ވަންނަންވީއެވެ. ޕާޓިތަކަށް މީހުން ވަނުމުގައާއި ވެއްދުމުގައި ހަމައެއް ލަމައެއް ނެތެވެ.

އެހެންނަމަވެސް، ޕާޓީތަކަށް ވަންނަ މިއިން ކޮންމެ މީހަކީ އެމީހެއްގެ ރަޖިސްޓްރީގެ ބޭނުން ކޮށްގެން ސިޔާސީ ޕާޓީތަކުން ދައުލަތުގެ މާލިއްޔަތުން ފައިސާ ނަގަމުންދާ ފަރާތެކެވެ. އެއީ އެމީހަކަށް ނާންގާ ޕާޓީގެ ދަފްތަރުގައި ހިމަނައިގެން ނަމަވެސް، އިލެކްޝަންސް ކޮމިޝަނަށް ޕާޓީން ފޯމު ހުށަހެޅުމާއެކު، އެމީހެއްގެ ނަމުގައި ޕާޓީއަށް ފައިސާ ހައްގުވެގެން ދަނީއެވެ.

 

އިލެކްޝަން ކޮމިޝަނަށް ކުރެވޭ އެއްވެސް ކަމެއް ނެތް!

ރާއްޖޭގަ އުފެދިފައިވާ ގިނަ ސިޔާސީ ޕާޓީތަކަކީ ކޮންމެވެސް މީހެއްގެ ވަށައިގެން އެބުރޭ ސިޔާސީ ޕާޓީތަކެއް ކަމީ އެއްވެސް ފަރާތަކަށް ވަންހަނާ ވެފަ އޮތް ކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގެ އަމާޒު މިއަދު ސީދާވެފަ ހުރީވެސް، ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ވަކިވަކި ފަރުދުންގެ ސިޔާސީ ކުރިމަގަށް ކަމުގައި ދަންނަވާން ޖެހެއެވެ. އަދި ހަމައެއާއެކު ދައުލަތުން ފޯރުކޮށްދޭ ފައިސާގެ އެހީތެރިކަމުގެ ބޭނުން ކޮށްގެން، ސިޔާސީ ޕާޓީއަކުން ގައުމުގެ މަސްލަހަތު ނަގާލިޔަސް، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހޭދަ ހުއްޓުމަކަށް ގެނެވޭނެ ގޮތެއްވެސް ފެންނާކަށް ނެތެވެ. ސިޔާސީ ޕާޓީގެ ލީޑަރޝިޕުން ނިކުމެ ދައުލަތުގެ މުދަލުގައި ހުޅުޖަހާ ރޯކޮށް، ތަންތަން ލޫޓުވާލިއަސް އެ ޕާޓީއަކަށްވެސް ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރުން ނޫންގޮތެއް ނެތެވެ.

އަދި ހަމައެއާއެކު، ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާއިން ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ ހޭދަތަކާއި ގުޅޭގޮތުން ބައެއް ޕާޓީތަކުގެ އިސް މެމްބަރުން ކޮށްފައިވާ ޝަކުވާތަކުގެ ތެރޭގައި، ޕާޓީތަކުގެ ލީޑަރުންގެ އަމިއްލަ މަސްލަހަތުގައި ޚަރަދު ކޮށްފައިވާކަމުގެ ޝަކުވާތައްވެސް ހިމެނޭއިރު، މިއިން އެއްވެސް ކަމަކީވެސް، އިލެކްޝަންސް ކޮމިޝަނަށް ބެލެން އޮތް ކަމެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައެއް ނުވެއެވެ.

ދައުލަތުން ފައިސާ ދޫކޮށްފައިވާ ބައެއް ޕާޓީތަކަކީ، ފާއިތުވެދިޔަ ތަނުގައި ސިޔާސީ ހަރަކާތައްވެސް ނުހިންގާ އަދި، އޮންނަ އިންތިޚާބުތަކުގައިވެސް ވާދަ ނުކުރާ ޕާޓީތައްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް، ދައުލަތުގެ ބަޖެޓުން މި ޕާޓީތަކަށްވެސް ކޮންމެ އަހަރަކުވެސް ފައިސާ ދޫކުރުމަކީ، ދައުލަތުގެ މާލީ ވުޒާރާއަށް ގާނޫނުން މަޖުބޫރު ކޮށްފައި އޮންނަ ކަމަކެވެ. އެނޫން ގޮތެއް ނެތެވެ. ސިޔާސީ ޕާޓީއަކުން ގައުމަށް ފައިދާހުރި މަސައްކަތެއް ނުކުރާ ތާގައި، މުޅި ގައުމުގެ މަސްލަހަތު ނަގާލިޔަސް، ދައުލަތުގެ މާލިއްޔަތުން އެޕާޓީއަކަށް ޚަރަދު ކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ގާނޫނީ ވާޖިބެކެވެ. މިއައްވުރެ ބޮޑު އިސްރާފެއް އޮންނާނެ ބާވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުރަބޯ
އަތޮޅުތެރޭ ރަށްތަކާ މާލޭގެ އަވަށްތަށް ފޮތިފޮތި ކޮށްގެން އިރުމަތީ ދާއިރާ ހުޅަނގު ދާއިރާ އުތުރު ދާއިރާ ދެކުނުދާއިރާ މެދުދާއިރާ މެދުއުތުރު ދާއިރާ މެދުދެކުނު ދާއިރާ މިގޮތަށް ދާއިރާތަށް ހަދައިގެން މެންބަރުން ލައިގެން އެމެންބަރުންނަކީ މަތިން ފައިބައިގެން އައި ބައެއްފަދައިން މާމަތީ އިމްތިޔާޒު ތަކެއްދީގެން މުސާރަޔާ އިނާޔަތް ތައް އަމިއްލަ އަށް ކަނޑައަޅައިގެން ބޭސްފަރުވާވެސް ޢާއްމުރައްޔިތުންނަށް ކޮށްދޭ ގޮތާ ޚިލާފަށް އާސިޔާންގެ ގައުމުތަކުން ކޮށްދީގެން ތިޔަ ކުރާ ހޭދަ އަކީ އެންމެ ބޮޑު އިސްރާފު.