އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ ގަލޮޅު ދަނޑުގެ ކުރެހުންތައް އާންމުކޮށްފިއެވެ.
ގަލޮޅު ދަނޑު ތަރައްޤީކުރުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް މިވަނީ އައު ގަލޮޅު ދަނޑުގެ 3D ކުރެހުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
އައު ކުރެހުންތަކުން ފެންނަގޮތުގައި އެތަން ފަރުމާކޮށްފައިވަނީ މިހާރު ބޭނުންކުރާ ދަނޑަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އަދި ފަހުގެ ޒަމާނީ މޮޑެލްއަކަށެވެ. އަދި ދަނޑުގެ ބޭރު ފަރުމާކޮށްފައިވަނީވެސް ދިވެހި ޤައުމީ ދިދައިގައި ހިމެނޭ ފެހި، ރަތް އަދި ހުދު ކުލައިންނެވެ. މި ކުރެހުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްޤީކުރުމަށްވަނީ ނިންމާފަ. މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް. ???????? pic.twitter.com/2JtGLy6Vd5
— Ahmed Mahloof (@AhmedMahloof) April 5, 2022
ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ. އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން، ސާޅީސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާ ވަނީ ގަލޮޅު ދަނޑު ތަރައްޤީކުރުމަށް ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައެވެ.
އެހެންކަމުން ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ގާތްގަނޑަކަށް 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ. ފާއިތުވެގެންދިޔަ ދެ އަހަރުވެސް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.
ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާއިރު، ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިން ވަނީ އަންގާފައެވެ.