ސްރީ ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސާގެ ދަރިކަލުން، އަދި އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސާއަށް ބޮޑުބޭބެ ވިދާޅުވާ ނަލާމް ރާޖަޕަކްސަ، ސްރީ ލަންކާގެ ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް މިނިސްޓަރުކަމުންނާއި، އަދި އެގައުމުގެ ސަރުކާރުގައި އޭނާ އަދާ ކުރައްވަމުން ގެންދަވާ އެހެން ހުރިހާ މަގާމަކުންވެސް އިސްތިއުފާ ދެއްވައިފިއެވެ.
"ސަރުކާރުގައި އަހަރެން އަދާ ކުރަމުންދާ ހުރިހާ މަގާމަކުން މި ވަގުތުން ފެށިގެން އިސްތިއުފާ ދީފައިވާކަން ރައީސްގެ ސެކެޓްރީއަށް އަންގައިފިން. އަހަރެން އުއްމީދުކުރަން، އަހަރެންގެ އިސްތިއުފާއަކީ، ރައީސްއަށާއި ބޮޑުވަޒީރަށް، ސްރީ ލަންކާގެ ރައްޔިތުންނަށާއި އަދި ސަރުކާރަށްވެސް ހަމަޖެހުން ގެނައުމަށް އެހީތެރިވެދޭނެ އިސްތިއުފާއަކަށް ވާނެކަމަށް. އަހަރެން ހުންނާނީ، އަހަރެންނަށް ވޯޓުދިން ފަރާތްތަކަށާއި، އަހަރެންގެ ޕާޓީއަށާއި، އަދި އަހަރެންގެ ދާއިރާ، ހަމްބަންތޯޓާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި،" ސަރުކާރުގެ ހުރިހާ މަގާމަކުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ކުރެއްވި ޓުވީޓުގައި ނަމާލް ވިދާޅުވެފައި ވެއެވެ.
I have informed the sec. to the President of my resignation from all portfolios with immediate effect, in hope that it may assist HE & PMs decision to establish stability for the people & the govt of #LKA. I remain committed to my voters, my party & the people of #Hambanthota.
— Namal Rajapaksa (@RajapaksaNamal) April 3, 2022
ނަމާލްއަކީ، ގޮޓަބަޔގެ ކެބިނެޓްގެ ކުޅިވަރާބެހޭ ވަޒީރުކަން ކުރެއްވުމުގެ އިތުރުން، ގާނޫނުހަދާ މަޖިލިހުގައި، އެގައުމުގެ ހަމްބަންތޯޓާގެ މެމްބަރުންކަން ކުރައްވަމުން ގެންދަވާ ބޭފުޅާވެސްމެއެވެ.
ނަމާލް ރާޖަޕަކްސާ ކެބިނެޓުން އިސްތިއުފާ ދެއްވާފައި މިވަނީ، އެގައުމުގެ ބޮޑުވަޒީރު، ނަމާލްގެ ބައްޕާފުޅު ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް މީޑިއާތަކުގައި ފެތުރުނު ޚަބަރު ބޮޑުވަޒީރުގެ އޮފީހުން ދޮގު ކުރައްވާފައި ވަނިކޮށެވެ.
ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުން ދިރިއުޅެން ޖެހުމާއި ގުޅިގެން އެގައުމުގައި ހިގަމުންދާ ބޮޑެތި މުޒާހިރާތައް ހުއްޓުވުމަށްޓަކާ އެގައުމުގެ ސަރުކާރުން މިހާރުވެސް ވަނީ 36 ގަޑިއިރުގެ ކާފިއު އިއުލާން ކޮށްފައެވެ.
ގައުމު އިގްތިސާދީ ބޮޑު ވަޅުގަޑެއްގައި ވަނިކޮށް، އަދި ހިގަމުންދާ ބޮޑެތި މުޒާހިރާތަކާއެކު، ގޮޓަބަޔަ އިއުލާންކުރި ކުށްލި ނުރައްކަލުގެ ހާލަތުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށްވަނީ ބޮޑެތި ބާރުތަކެއް ލިބިގެން ގޮސްފައެވެ. މިގޮތުން، ކުއްލި ނުރައްކަލުގެ ހާލަތާއި އަދި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތުތަކުގައި، ކުރިން އެންގުމަކާނުލާ މީހުން ހިފާ ހައްޔަރުކުރުމުގެ ބާރު އެގައުމުގެ އަސްކަރިއްޔާއަށް ލިބިގެން ދާނެއެވެ.
ނަމާލް ރާޖަޕަކްސަ މިހަފްތާގައިވަނީ، ސްރީ ލަންކާގެ ސަރުކާރުން، އެގައުމުގައި އިންޓަރނެޓް ބްލޮކް ކުރުމަށް ނިންމި ނިންމުމަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ވީޕީއެން ބޭނުންކޮށްގެން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރުމަކީ މިއަދު އާންމު ކަމަކަށް ވުމާއެކު، ސޯޝަލް މީޑިއާ ބްލޮކް ކުރުން ވެގެންދާނީ ބޭކާރު ކަމަކަށެވެ. އަދި އޭނާވަނީ އެ ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ކޯވިޑް19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި، ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް، އަދި ގައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިންތިހާއަށް ދަށްވެގެން ދިއުމާއި ގުޅިގެން، އެގައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށް މަޖުބޫރުވެ، ސްރީ ލަންކާގެ ސަރުކާރުންވަނީ، އެގައުމަށް މުދާ އެތެރެކުރާ މިންވަރު މަދުކޮށްފައެވެ.
އަދި، އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ސަރުކާރުން އެގައުމުގެ އިގްތިސާދުގެ ބޭނުން ނާޖާއިޒު ގޮތުގައިކޮށް، އަދި ނަގާފައިވާ ބޮޑެތި ލޯނުތަކާއި، މާބޮޑު ޕްލޭނެއް ނެތި ޓެކްސް ދަށްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ގޯސްވަމުންދާ އިގްތިސާދީ ހާލަތަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.
އިގްތިސާދީ ހާލަތު ދަށްވެ، ސްރީލަންކާއިން މިހާރުވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބަޔަގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުންދާ އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.