މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ 1-1 އިން އެއްވަރުވެ، ގަދަ ހަތަރެއްގައި ނިންމުމަށް ކުރާ އުންމީދަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެއްޖެއެވެ.
ރޭގެ މެޗުގައި ފުރަތަަމަ ލީޑުނެގީ ލެސްޓާ އިންނެވެ. މެޗުގެ 63 ވަނަ މިނިޓްގައި މި ގޯލު ޖެހީ ޖޭމްސް މެޑިސަން ނަގައިދިން ހުރަހަކުން ކެލެޗީ އިހެނާޗޯ ބޮލުން ޖެހި ގޯލުންނެވެ. ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައެވެ.
އެލަނޑު ޖެހިތާ ތިން މިނިޓް ވެސް ނުވަނިސް ޔުނައިޓެޑުން އެއްވަރުކުރިއެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ލެސްޓާ ކީޕަރު ކެސްޕާ ޝްމައިކަލް އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލީ ފްރެޑްއެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް އަދިވެސް އޮތީ ޓޭބަލްގެ ހަވަނައިގައެވެ. ޔުނައިޓެޑް މިހާތަނަށް ކުޅުނު 30 މެޗުން އެޓީމަށް ލިބިފައި ވަނީ 51 ޕޮއިންޓެވެ. ޔުނައިޓެޑަށް ވުރެ ދެ މެޗް މަދުން ކުޅެގެން 37 ޕޮއިންޓާ އެކު ލެސްޓާ އޮތީ ނުވަވަނައިގައެވެ. ހަތަރު ވަނައިގައި އޮތް އާސެނަލް ވެސް ކުޅެފައި ވަނީ ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުންނެވެ. އާސެނަލް ހަތަރު ވަނައިގައި އޮތީ 54 ޕޮއިންޓް ހޯދައިގެންނެވެ.
ޔުނައިޓެޑާއި ފަސްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވީ ނަމަވެސް ޓޮޓެންހަމް މިހާތަނަށް ކުޅެފައި ވަނީ 29 މެޗެވެ.