ރޯދަ މަހު ހިޔާގެ ކުލި ނަގަން ފެށުމަކީ ބޮޑު ތަކުލީފެއް، ނިންމުން ބަދަލުކޮށްދީ: މޭޔަރު

ރޯދަ މަހު ހިޔާގެ ކުލި ނަގަން ފެށުމަކީ ބޮޑު ތަކުލީފެއް، ނިންމުން ބަދަލުކޮށްދީ: މޭޔަރު

ހިޔާ ފްލެޓްތަކުގެ ކުލި ރަމަޟަންމަހު ނަގަން ފެށުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެ ނިންމުން ބަދަލުކޮށްދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރަށް ގޮވާލައިފިއެވެ.

ޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ނެގުން ތިން ފަހަރެއްގެ މަތިން ފަސްކޮށްދިނުމަށްފަހު މިމަހުން ފެށިގެން ވަނީ ކުލި ނަގަން ފަށާފައެވެ. މިކަމާއި ގުޅިގެން މޭޔަރު ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަހު(ރަމަޟާން މަހު) ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް ޢާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭކަމެއްކަމަށެވެ. މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ.

ރޯދަ މަހު ކުލި ނަގަން ފެށުމަކީ ވަރަށް ބޮޑު ދައްޗަކަށް ވާނެކަމެއްކަމަށް ބުނެ ބައެއް ޢާންމުންވެސް އަންނަނީ އަނެއްކާވެސް ކުލި ނެގުން ފަސްކޮށްދިނުމަށް ގޮވާލަމުންނެވެ.

ޗްޑީސީން ބުނެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިޔާ ފްލެޓްގެ ކުލި ބަލައި ގަންނަން ފަށާފައިވާކަމަށެވެ. ހިޔާ ފްލެޓްގެ ކުލި ބަލައި ގަތުމަށް ދެ ގޮތެއް ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން އޮންލައިން "ޕޭމަންޓް ޕޯޓަލް" އާއި އެޗްޑީސީ ކަލެކްޝަން ކައުންޓަރުން ފައިސާ ބަލައިގަންނާނެ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މައިހުޅުމާލެ: ވެބް ޕޯޓަލް ލިންކް (https://my.hdc.com.mv) އިން ފްލެޓަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތަށް އޮންލައިން ކޮށް މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުގެ ޒަރީއާއިން ކަމުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށްޓަކައި ހާއްސަ ކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ނަގުދު ފައިސާ އާއި ޗެކު އަދި ބޭންކް ކާޑުން ފައިސާ ދެއްކެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިދިޔަ ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، އެތަނުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުން ފެށިގެންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު 2000 އަށްވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. އެތަނުގެ ކުންޏަކީ މަހަކު 75000ރ.އެވެ. އަދި މެއިންޓެނެންސް ފީ ގެ ގޮތުގައި 1000ރ. ދައްކަން ޖެހެއެވެ. ހިޔާ ފްލެޓް ސަރަހައްދަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަންތަން ގާއިމް ކުރުމަށް އެޗްޑީސީން ދަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *