ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ހެނދުނު ޤައުމާއި މުޚާތަބް ކުރެއްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބް ކުރައްވަނީ މާދަމާ ހެނދުނު 10:00 ގައެވެ. މާދަމަ ފާހަގަކުރާނީ ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 52 އަހަރު ފުރޭ ދުވަހެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމްކުރެވުނީ، 1 ޖެނުއަރީ 1953ގައި، ސުމުއްވުލް އަމީރް އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައެވެ.
On the occasion of Republic Day President @ibusolih will be addressing the nation tomorrow, 11 November 2020 at 10:00hrs.
— Ibrahim Hood (@MvSpokesperson) November 10, 2020
މިހާރު ޤާއިމުވެފާ މިއޮތް، ދެވަނަ ޖުމްހޫރިއްޔާ ދިވެހިންނާއި ބައްދަލުކުރީ ސުމުއްވުލް އަމީރް އަލް މަރްޙޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި، 11 ނޮވެންބަރު 1968 ގައެވެ.
ކޯވިޑުގެ ޙާލަތާ ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ މި އަހަރު ނުބާއްވަވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި ދެއްވުމަށް ނިންމަވާފައިވާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން މިހާރުވަނީ ފަސްކުރައްވާފައެވެ. އަދި މިހާރު ނިންމަވާފައިވަނީ ޤައުމީ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ވަކިން ޚާއްޞަ ޖަލްސާއެއް ބާއްވަވާގޮތަށެވެ. މި ޖަލްސާ ބާއްވާނެ ތާރީޚު، ފަހުން އިޢުލާނު ކުރައްވާނެއެވެ.
ކޮމެންޓު ފޮނުވާ