މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި "އިންޑިއާ އައުޓް' ހަރަކާތުގައި ހައްޔަރު މީހުންގެ ތެރެއިން ޖަލު ބަންދުގައި މިހާރު ތިބީ ދެމީހުންކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.
ޤާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅު ކުރުމުގައި އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކޮށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހާރާގެ ތެރެއިން ފުލުހުން ވަނީ 17 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 2 މެމްބަރަކުވެސް ހިމެނެއެވެ. މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެމީހަކު ފިޔަަވައި ދެންތިބި އެންމެން ދޫކޮށްފައިވަނީ ޖަލުގައި ބަންދު ކުރުމަށްފަހު ކޯޓަށް ހާޒިރުކޮށް، ކޯޓުން ވަކި ޝަރުތުތަކާއި އެކުގައެވެ.
ޖަލުގައި ބަންދު ކުރި މީހުންގެ ތެރެއިން 9 މީހަކަށް ވަނީ އެކި މުއްދަތުތައް ޖަހާފައެވެ. ބަންދުގެ މުއްދަތު ހަމަވެ މިހާރު ބަންދުގައި ތިބީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ޕީޕީއެމްގެ އެކްޓިވިސް އަލީ ނަސީމް (ޓަކަނޭ) އެވެ. ޕީޕީއެމުން ވަނީ މިދެމީހުންވެސް މިހާރު މިހާރަށް ދޫކޮށް ލުމަށް ގޮވާލަމުމަށް ގޮވާލާފައެވެ.
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
ފުލުހުން މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާ އަށް އެއްވެސް ފުރުސަތެއް ނުދީ މުޒާހަރާ ފެށުމުގެ މާކުރިންވަނީ މުޅި ސަރަހައްދު ބަންދުކޮށް، ބާރުގެ ބޭނުންކޮށް އެއްވި މީހުން ހައްޔަރުކޮށްފައެވެ. މިމުޒާހަރާގައި ފުލުހުންގެ ތެރޭގައި ކަންކަން ކުރަންވާ ގޮތް ކިޔައިދޭން އިސްކޮށް ހަރަކާތްތެެވީ އިންޑިއާގެ މީހެއްކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެމީހާގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ދައުރު ވެފައިވެއެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އެމީހަކީ ފުލުހުންގެ މެޑިކަލް ޓީމުގަގައި ހަރަކާތްތެރިވާ މީހެއްކަމަށެވެ. ފުލުހުން މިހެން ވިދާޅުވި ނަމަވެސް މިހާތަނަށް މާލޭގައި ކުރި އެއްވެސް މުޒާހަރާއެއްގައި ފުލުހުންގެ މެޑިކަލް ޓީމުގައި ބޭރު މީހަކު ހަރަކާތްތެރިވި ތަނެއް ފެނިފައިނުވެއެވެ.