އިންސާނީހައްޤާއި، ޑިމޮކްރަސީއާ ގުޅޭ ގޮތުން ލިޔުނުފޮތް ރައީސަށް ހަދިޔާކޮށްފި

އިންސާނީހައްޤާއި، ޑިމޮކްރަސީއާ ގުޅޭ ގޮތުން ލިޔުނުފޮތް ރައީސަށް ހަދިޔާކޮށްފި

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2022 05:02
0

ޞުލްޙަ، އިންސާނީހައްޤު އަދި ޑިމޮކްރަސީއާ ބެހޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައި ހުންނެވި މާފަންނު މާހުރާ، އަޙްމަދު ސަލީމް ލިޔުއްވި "ރިވެލި" ފޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެކި ދައުރުތަކުގައި ސިޔާސީ އަދި ޚާރިޖީ މަސްރަޙު ބަދަލުވަމުން އައިސްފައިވާގޮތާއި ސުލްޙައާއި އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ މަގުގައި ދިވެހިރާއްޖެއިން ކުރަމުން އައިސްފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭގޮތަށް ދިވެހި އަދި އިނގިރޭސި ބަހުން ދެ ބަޔަކަށް ބަހާލައިގެން ލިޔެފައިވާ މި ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތުގެ މުޞައްނިފު ސަލީމަށް ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މިފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާރިޖީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ އިތުރުން އިންސާނީހައްޤުގެ ދާއިރާގައި ސަލީމްގެ ތަޖުރިބާ ފޮތެއްގެ ސިފައިގައި ލިޔުއްވައި ޝާއިޢުކުރެއްވީތީ އެކަމާ އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ސަލީމް ވަނީ އެބޭފުޅާގެ ޚިދުމަތުގެ ތާރީޙުގެ ތެރެއިން މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.