ލޯބިވެރިޔާ އާލިއާ ބަޓާއި ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ އިޝާރާތެއް އެކްޓަރ ރަންބީރު ކަޕޫރު ދީފިއެވެ.
މި ދެމިހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަޑަކަށް 5 އަހަރު ވެދާނެއެވެ. މި ދެތަރިން ރައްޓެހިވެފައިވަނީ އެކުގައި ކުޅެމުން ދިއަ ފުރަތަމަ ފިލްމު "ބްރަމަސްތުރަ"ގެ ސެޓުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކިއެކި ސަބަބު ތަކާއި ހެދި 5 އަހަރަށް އެ ފިލްމުގެ ޝޫޓިންގ ދެމިގެން ދިއައެވެ. 5 އަހަރު ފަހުން ފިލްމުގެ ޝޫޓިންތައް ނިމުނުކަން ފިލްމްގެ ޑައިރެކްޓަރު އަޔާން އިއުލާން ކުރީ ނިމިގެން މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި ފިލްމުގެ ޝޫޓިން ނިމުން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.
ދޭތެރެ ދޭތެރެއިން އަންނަނީ މި ދެތަރިން ކައިވެނި ކުރަން އުޅޭކަމުގެ އަޑު ގަދަވަމުންނެވެ. ނަމަވެސް މި ދެތަރިންގެ ފަރާތުން މި ވާހަކަ ތަކަށް އެއްވެސް ވަރެއްގެ ސީދާ ޖަވާބެއް އަދި މިހާތަނަށް ލިބިފައިއެއް ނުވެއެވެ.
ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމު "ޝަރްމާޖީ ނަމްކީން" ޕްރޮމޯޓް ކުރުމުގެ ގޮތުން ފިލްމު ކޮމްޕޭނިއަނަށް ދިން އިންޓަވިއު އެއްގައި ރަންބީރު ބުނީ އޭމީހުން ވަރަށް ވަހަށް ކައިވެނި ކުރާނެކަމަށާއި ނަމަވެސް އަދި ކައިވެނި ކާޑު ޕްރިންޓް ނުކުރާ ކަމަށެވެ. އެހެންނަމަވެސް ދެމީހުން ކައިވެނި ކުރާނެކަން އެއީ ޔަގީން ކަމެއް ކަމަށް ބުނެފައިވެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި ރަންބީރު މި އަހަރު ނިމުމުގެ ކުރިން ކައިވެނި ކުރާނެއެވެ. މި ދެތަރިން އެކީގައި އުޅުމަށް އެޕާޓްމެންޓެއް ގަނެ އަންނަނީ އެތަން ޒީނަތް ތެރި ވެސް ކުރަމުންނެވެ.
މި ދެމީހުން އަދި މިހާތަނަށް ކައިވެނި ނުކުރި ނަމަވެސް އާލިއާވެސް ބުނެފައިވަނީ ދެމީހުންނަކީ ދެމަފިރިން ކަމުގެ އިހުސާސް މިހާރު ކުރެވޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ