ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ކ.ގާފަރު އަދި ތ.ތިމަރަފުށި ދަތުރުކޮށްފި

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ކ.ގާފަރު އަދި ތ.ތިމަރަފުށި ދަތުރުކޮށްފި

Author
ޔޫސުފް
28 މާރޗް 2022 10:06
0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ކ.ގާފަރު އަދި ތ.ތިމަރަފުށި ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުން ކ.ގާފަރު ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ފުވައްމުލަކުގެ މާލެގަން އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 6-7 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި އެންމެ ފަހުގެ ޗެންޕިއަން ތ.ތިމަރަފުށި ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ދ.ކުޑަހުވަދޫގެ މައްޗަށް 1-7 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ސެމީގެ ފުރަތަމަ މެޗުގައި ރޭ ކ.ގާފަރު އަދި ފުވައްމުލަކުގެ މާލެގަން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގައި ކ.ގާފަރު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ޝާފީ އުމަރު އަދި ގައިސާން އަބޫބަކުރުއެވެ. ގާފަރު ޓީމުގެ ތިންވަނަ ލަނޑަކީ ފުވައްމުލަކު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެެކެއެވެ. ފުވައްމުލަކުގެ މާލެގަން ޓީމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ، އިބްރާހިމް އަރީޝް، އިސްމާއިލް އަލީފް އަދި އަބްދުﷲ ރަޝީދުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއަކުން 2 ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުވައްމުލަކުގެ މާލެގަން ޓީމުގެ މައްޗަށް ގާފަރުން ކުރި ހޯދީ 6-7 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަން ތ.ތިމަރަފުށި އަދި ދ.ކުޑަހުވަދޫއެވެ. މި މެޗު ތިމަރަފުށިން ކާމިޔާބުކުރީ 1-7 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތިމަރަފުށިން ޖެހި 7 ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާުބުކޮށްދިނީ ޢަލީ ޝިފާއު (ރޮނާ)އެވެ. މީގެ އިތުރުން ޢަބްދުﷲ ޒިޔާން 2 ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ، އިސްމާއިލް މުނީޒްގެ އިތުރުން، އިބްރާހިމް ހަމްދާންއެވެ. ކުޑަހުވަދޫގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އައިމާން ހަބީބްއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ރެެހެންދި ޓާފް ދަނޑުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.