ވައްޑެ، ޝަރީފަށް: ބަޣާވާތް ކޮށް ވެރިކަންވައްޓާލަން އުޅުނީ ކޮންބައެއްކަން ވަރަށް ސާފު

ވައްޑެ، ޝަރީފަށް: ބަޣާވާތް ކޮށް ވެރިކަންވައްޓާލަން އުޅުނީ ކޮންބައެއްކަން ވަރަށް ސާފު

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2022 09:14
0

ރާއްޖޭގައި އޮތް ޤަނޫނީ ވެރިކަން ވައްޓާލައި ބަޣާވާތް ކުރަން އުޅުނީ ކޮންބައެއްކަން ވަރަށް ސާފުކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒު ފަހުމީގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ ތިލަފަތުގެ ރަމްޒޭ ކިޔައި ސަރުކާރު ވައްޓާލަން އުޅޭބަޔަކު އެމްޑީޕީގައި އުޅޭކަމުގެ ތުހުމަތު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރުމާއި ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި އައްޑު އަތޮޅު މަރަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެދައިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އުފެދިފައިވާ ވާދަވެރިކަމުގެ ޖޯޝުގައި ވާހަކަ ދައްކަވާފައެވެ.

ޝަރީފްގެ ވާހަކަތަކާއި ގުޅިގެން ވަހީދު ވިދާޅުވީ ރައީސް ބައިވެރިވެ ވަޑައިގެން ރަސްމީ ޖަލްސާއެއްގައި އެމްޑީޕީގެ އިންތިޚާބުގެ ވަހަކަ ވައްދައި ޕާޓީ ޖަލްސާއަކަށް ބަދަލު ކުރުމަކީ ހިތާމަހުރި ކަމެއްކަމަށެވެ. އަދި މިއިންތިޚާބާއި ދިމާކޮށް މިފަދަ ނުރަގަޅު ކަންކަން ތަކުރާރުވަމުން ތަކުރާރުވަމުން ދާކަމީ ނުހަނު ހިތާމަހުރި ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ޤައުމީ އިހުތިފާލުތައް، ޕާޓީގެ އެތެރޭގެ ކެމްޕޭން ހަރަކާތަކަށް ބަދަލުކޮށް ލެއްވުމަކީ ވަރަށް ބޮޑު ގޯހެއް. މިފަދަ ނުރަގަޅު ކަންކަން ތަކުރާރުވަމުން ތަކުރާރުވަމުން ދާކަމީ ވަރަށް ވަރަށް ދެރަ ކަމެއް.

– ވަހީދު ވިދާޅުވިއެވެ.

އިއްޔެ ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ތެރެއިން "ތިލަފަތުގެ" ރަމްޒޭ ކިޔައިގެން ސަރުކާރު ވައްޓާލަން އުޅޭބަޔަކު އެމްޑީގައި އުޅޭކަމަށެވެ. "ތިލަފަތުގެ" ރަމްޒަކީ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟާއި ވާދަކުރައްވާ އިންތިޔާޒު ފަހުމީގެ ކެމެޕްޕެއިން ސްލޯގަންއެވެ. ފައްޔާޟުވެސް ބައިވެރިވި މިޖަލްސާގައި ޝަރީފް ވިދާޅުވީ ރާއްޖެއަށް ދިމަވި އިޤްތިޞާދީ ބޮޑު ކާރިސާގައި ޤައުމު ސަލާމަތް ކޮށްދެއްވީ ރައީސް ޞާލިހާއި، ފައްޔާޟު އިސްމާއިލްކަމަށެެވެ.

ޝަރީފްގެ މިތުހުމަތާއި ގުޅިގެން ވައްޑެ ވަނީ ޝަރީފްގެ ވީޑިއޯއެއް ހިއްސާ ކުރައްވައި، ބަޣާވާތް ކުރަން އުޅުނީ ކޮންބައެއްކަން ވަރަށް ސާފުކަމަށް ވިދާޅުވެފައެވެ.

ޝަރީފްގެ ވާހަކަތަކާއި ގުޅިގެން އިންތިއަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ދަޏީ ބަހުގެ ހޫނު ހަމަލާތަކެއް ޝަރީފަށާއި، ފައްޔާޟުގެ ޓީމަށް ދެމުންނެވެ. އަދި މިއީ ސަރުކާރުން ބާއްވާ ބޮޑެތި ހަފްލާތަކުގައި އެމްޑީޕީގެ އިންތިޚާބުގެ ވާދަވެރިކަން ވައްދައި، ޕާޓީ ހަލާކުކޮށްލަން ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.