2008ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގަތް ރިޔާސީ ނިޒާމުގެ އެންމެ މުހިންމު އެއް ސިފައަކީ ވެރިކަމުގެ ބާރުތައް ރައްޔިތުންނާއި ހަމައިން ފެށިގެން އައުމެވެ. މިހަގީގަތް އެންމެ ފުރިހަމަޔަށް ބުނެދެނީ ގާނޫނު އަސާސީގެ 4 މާއްދާއިންނެވެ.
މި މާއްދާގައި ބުނެފައިވަނީ ތިރީގައި މިވާފަދައިންނެވެ.
ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.
2008ވަނަ އަހަރުގެ އާ ގާނޫނު އަސާސީން އެކަށަ އަޅައިދިން މި ބިންގަލުގެ އެންމެ މައިގަޑު އަސާސަކީ، ވެރިކަމުގެ ބާރުތައް ރައްޔިތުންނާއި ހަމައަށް ވާސިލު ކޮށްދިނުމަށް އެ ގާނޫނު އަސާސީން އަޅައިދިން ފާލަމެވެ. އެއީ، ރާއްޖޭގެ މިވަގުތު އޮތް ރިޔާސީ ނިޒާމުގެ ހަގީގީ ބިންގާވެސް މެއެވެ. އެއީ، ގާނޫނު އަސާސީން ބާރު ލިބިދީގެން އުފައްދާފައިވާ ސިޔާސީ ޕާޓީތަކެވެ.
ހަމަ އެއާއެކު ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ސިޔާސީ ޕާޓީއެއް، ޕާޓީ އުފެއްދުމަށް ގާނޫނު އަސާސީން ކަނޑައަޅާދީފަ އޮތް މަހުފޫމުގެ ތެރެއަށް ވަންނަ ގޮތެވެ. ސަބަބަކީ، އާންމު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އަޑު އުފުލުމަށްޓަކާ ޖަމިއްޔާ ޖަމާއަތްތަކާއި، އަދި އެނޫންވެސް ފޯރަމްތައް އުފައްދާ ހަރަކާތްތެރި ވުމަކީ، ގާނޫނު އަސާސީންނާއި ހެދިފައި ހުރި ގާނޫނުތަކުންވެސް ލިބިދީފައި އޮތް ފުރުސަތުތަކަށް ވާތީއެވެ. އެހެންކަމުން، ސިޔާސީ ޕާޓީއަކީ ހަމައެކަނި "ރައްޔިތުންގެ ހައްގުގައި" ވަކާލާތު ކުރުމުގެ ނަމުގައި އުފައްދަންޖެހޭ "މުވައްސަސާތަކެއް" ނޫންކަމުގައި ދަންނަވާން ޖެހެއެވެ.
އޭގެ ބަދަލުގައި، ސިޔާސީ ޕާޓީތައް އުފައްދަން ޖެހޭނީ، ސިޔާސީ މަސައްކަތް ކުރުމަށެވެ. އިންތިޚާބުތަކުގައި ވާދަ ކުރުމަށެވެ. ވެރިކަމަށް އައުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ. އަދި އެއާއެކު، ގައުމަށް ކުރިމަތިވެފައިހުރި ހުރިހާ މައްސަލަތަކުގެ ވާހަކަ އެ ޕްލެޓްފޯމުގައި ދައްކާ، އިހުތިޖާޖުވެސް ކުރުމަށްތަކައެވެ.
އެހެންނަމަވެސް، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެ ފާއިތުވެގެން ދިޔަ ތަނުގައި، ގިނަ ސިޔާސީ ޕާޓީތަކެއް އުފެދި، އަދި އުވިގެންވެސް ގޮސްފައިވާއިރު، ސިޔާސީ ޕާޓީތައް އުފެއްދުމުގެ ސަގާފަތުގެ ތެރެއިން ރާއްޖޭގައި ފެނިގެން ގޮސްފައިވަނީ، ކުރަންޖެހޭ ސިޔާސީ މަސައްކަތްތަގެ ބަދަލުގައި، ކޮންމެވެސް މުއްސަނދި މަހުޖަނެއްގެ ވިޔަފާރީގެ މަސްލަހަތު ދެމެހެއްޓުމަށް، ނުވަތަ ކޮންމެވެސް މީގެއްގެ ލެގަސީއެއް ނަގަހައްޓާ ދެމެހެއްޓުމަށްޓަކާ ސިޔާސީ ޕާޓީތައް އުފައްދާ ހިންގަމުން ދާތަނެވެ. އޭގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، އުފެދޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ދެންނެވެނު ޕާޓީތައް ނުހިންގި ވަޅުޖެހިގެން ދިއުމެވެ. އަދި ދުވަސް ކޮޅަކަށްފަހު، ޕާޓީ އުވި، ވުޖޫދުންވެސް ފޮހެވިގެން ދިއުމެވެ.
ހަރަކާތްތެރި ނުވާ ގިނަ ސިޔާސީ ޕާޓީތަކެއް!
ފާއިތުވެދިޔަ ތަނުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ސިޔާސީ ޕާޓީތަކެއް ވުޖޫދުވެ، އަދި ރިޔާސީ އިންތިޚާބަށް ކޯލިޝަންތަކުގައި ބައިވެރިވެ، ޕާޓީ ކޮންމެވެސް ކޯލިޝަނެއްގައި ތަމްސީލުކޮށްގެން، ސަރުކާރުގެ އިސްމަގާމްތަކަށް ސިޔާސީ ޕާޓީގެ ޒަރީއާއިން ގިނަ ބަޔަކު ކޮންމެ ރިޔާސީ އިންތިޚާބަކަށްފަހުވެސް އަންނަމުންދާއިރު، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ 11 ސިޔާސީ ޕާޓީގެ ތެރެއިން، ބޭއްވޭ އިންތިޚާބުތަކުގައި ވާދަކުރާތަން ފެންނަމުންދަނީވެސް މަދު ސިޔާސީ ޕާޓީތަކަކުން ކަން ފާހަގަ ކޮށްލާން ޖެހެއެވެ.
ނަތީޖާއެެއްގެ ގޮތުން، އިލެކްޝަސް ކޮމިޝަންގައި މިހާރުވެސް ރަޖިސްޓްރީ ކުރެވިގައިފާ މިދެންނެވުނު 11 ސިޔާސީގެ ތެރެއިން ގިނަ ސިޔާސީ ޕާޓީތަކަކީ އުފެދުމަށްފަހު، ހިންގާނެ ސިޔާސީ ހަރާކާތެއް ނެތި، ވަޅުޖެހިފައިވާ ސިޔާސީ ޕާޓީތަކެވެ.
އޭގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، މިޕާޓީތައް އުފެއްދުމުގައި، ނުހަނު އުއްމީދާއެކު އެތައްބަޔަކު މަސައްކަތް ކުރިކަމުގައިވި ނަމަވެސް، އަދާކުރާނެ މަސްއޫލިއްޔަތެއް ނެތުމުން، ހިންގާނޭ ސިޔާސީ ހަރަކާތެއް ނެތި، މެމްބަރުން އެޕާޓީތަކާއި ދުރަށްގޮސް ޕާޓީތައް ވަޅުޖެހިގެން ދިއުމެވެ.
މިގޮތުން މިހާރުވެސް، އުފެދުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކޮންގްރެސް ނުބޭއްވި، އުވިގެންދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޕާޓީތައް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވާއިރު، މީގެ ތެރެއިން ގިނަ ސިޔާސީ ޕާޓީތަކަކީ، އިންތިޚާބުތަކުގައި ވާދަ ނުކުރާ، އެހެންނަމަވެސް ނަމުން ހަރަކާތްތެރި ޕާޓީތަކެވެ. އަދި މިފަދަ ގިނަ ސިޔާސީ ޕާޓީތަކަކީ، ރައްޔިތުންގެ މަޖިލިހުގައި އެޕާޓީތަކުގެ ތަމްސީލު ކުރުމެއް ނުވުމުގެ އިތުރުން، ކައުންސިލްތަކުގައިވެސް އެޕާޓީތަކުގެ އެއްވެސް ތަމްސީލުވުމެއް ނުވާ ޕާޓީތައްކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާއި ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3،000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން ނިންމައިފައެވެ.
ކުރިޔަށް އޮތް 4 މަސްދުވަހުގެ ތެރޭގައި މެމްބަރުންގެ އަދަދު 3000 އަށް ހަމަ ނުކޮށްފިނަމަ، އުވާލުމުގެ މަރުހަލާ ފެށުމަށް އިލެކްޝަންސްއިން ނޯޓިސް ދީފައިވާ ސިޔާސީ ޕާޓީތަކަކީ:
– މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM) – 2302 މެމްބަރުން
– މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) – 2725 މެމްބަރުން
– މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (MTD) – 2489 މެމްބަރުން
– ދިވެހިރައްޔިތުންގެ ޕާޓީ (DRP) – 2280 މެމްބަރުން
އިލެކްޝަންސް ކޮމިޝަނުން، ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަކުރަން 4 ޕާޓިއަކަށް ނޯޓިސް ދިނުމަށް ނިންމިއިރު، އެ ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބީ 4 ސިޔާސީ ޕާޓީއެއްގައެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ އިތުރުން، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއެވެ.
ކުޑަ ޕާޓީއަކަށް ވުމުން ހަރަކާތްތެރި ނުވެވެނީތަ؟
އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ 11 ސިޔާސީ ޕާޓީގެ ތެރެއިން އުވި ދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ 4 ސިޔާސީ ޕާޓީއަކީ، ވަކީން ޚާއްސަ ގޮތެއްގައި ހަރަކާތްތެރި ނުވާ ޕާޓީތައްކަން ފާހަގަ ކޮށްލާން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނޭ، ރައީސް މައުމޫނު އުފެއްދެވި އެމްއާރުއެމްއަކީ، އުފެއްދުމަށްފަހުވެސް މާބޮޑު ސިޔާސީ ހަރަކާތެއް ހިންގާފައި ނުވާ ސިޔާސީ ޕާޓީއެކެވެ. ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު އުފެއްދެވި އެމްޓީޑީއަކީ، އެއްވެސް މިންވަރަކަށް ފާއިތުވެދިޔަ ތަނުގައި ސިޔާސީ ހަރަކާތް ހިންގާފައިވާ ސިޔާސީ ޕާޓީއެއް ނޫނެވެ.
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި އުފައްދާފައިވާ ސިޔާސީ ޕާޓީން ހަމައެކަނި ކަންބޮޑުވުން ފާޅުކުރާ ކަމަކީ ވަޒީފާއާއި ގުޅުންހުރި މައްސަލަތައްކަން ވަނީ ފާހަގަ ވެގެން ގޮސްފައެވެ. އެހެންނަމަވެސް، ހަމައެކަނި ވަޒީފާއާއި ގުޅުންހުރި ކަންކަމުގައި އެކަނި ވަކާލާތު ކުރުމަށްޓަކާ ސިޔާސީ ޕާޓީއެއް އުފައްދާ، އަދި އަމުދުން މިދެންނެވުނު މަގުސަދު ހާސިލް ކުރުމަށްޓަކާ ނޫސް ބަޔާންތައް ނެރުމަށް ސިޔާސީ ޕާޓީއެއްގެ ބޭނުން ހަގީގަތުގައިވެސް އެހާމެ މުހިންމުވެގެން ދިޔަ ސަބަބު، މިއީ މިޕާޓީ ވުޖޫދުކޮށްފައިވާ ފަރާތްތަކުގެ ކިބައިން ޖަވާބު ހޯދުން މުހިންމު ސުވާލަކަށް މިވަނީ ވެގެން ގޮސްފައެވެ.
ސަބަބަކީ، އެއްވެސް ސިޔާސީ މަސައްކަތެއް ނުހިންގާ، ވަޒީފާއާއި ގުޅުންހުރި މައްސަލަތަކުގައި އެކަނި ވަކާލާތު ކުރުމަށް ބޭނުންވާނަމަ، މިމަގުސަދު ހާސިލްކުރުމަށް ޚާއްސަ ޖަމިއްޔާއެއް އުފައްދައިގެން، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، މި މަސައްކަތް މާ ކާމިޔާބުކަމާއެކު ހިންގިދާނެކަމަށް ބެލެވޭތީއެވެ.
އެހެންނަމަވެސް އެއާއެކު އުފެދޭ މުހިންމު ސުވާލެއްވެސް އެބަ އޮތެވެ. މީހުން މަދު ކުޑަ ޕާޓީއަކަށް ވުމުން ހަގީގަތުގައިވެސް ހަރަކާތްތެރި ވުމުގައި ދަތިތަކެއް ހުންނަނީ ބާވައެވެ؟ ނުވަތަ މީހުން މަދު، އުވިގެން ދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޕާޓީއެއްގެ ގޮތުގައި ބައެއް ޕާޓީތައް ތާއަބަދު ދެމި އޮންނަން ޖެހެނީ، ސިޔާސީ ޕާޓިތައް ބޮޑުކޮށް، ފުޅާކޮށް، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ހަގީގަތުގައިވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑީތޯއެވެ. މި ސުވާލުގެ ޖަވާބު އެންމެ ގާތުން ފެންނާން އޮތީ، ރާއްޖޭގައި އެންމެ ފަހުން އުފެދުނު، ކާނަލް ނާޒިމް އިސްވެ ހުންނަވާ އުފެއްދި އެމްއެންޕީގެ ހަރަކާތްތަކުންނެވެ. އެޕާޓީންވަނީ އުފެއްދުނުތާ އެންމެ 3 މަހެއްހާ ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ޕާޓީއަށް ހަމަކޮށްފައެވެ.
އުފެދުމަށްފަހު، ފާއިތުވެދިޔަތަނުގައި އެޕާޓީންވަނީ ޖެހިގެންއައި މަޖިލިސް އިންތިޚާބުގައި ވާދަކޮށް، ވާދަވެރި ކެމްޕޭނެއް ކޮށްފައެވެ. އަދި އޭގެފަހުން އަންނަ އެހެނިހެން އިންތިޚާބުތަކުގައިވެސް އެޕާޓީގެ ފަރާތުން ދަނީ ވާދަކުރަމުންނެވެ. ސިޔާސީ ހަރަކާތްތައް މެދު ކެނޑުމެއްނެތި އެޕާޓީން ހިންގާތަން ފެންނަމުންދެއެވެ. އެހެންކަމުން، ޕާޓީ އުމުރުން ހަނގުވުމާއި، އަދި ކުޑަ ޕާޓީއެއްގެ ގޮތުގައި ލޭބަލްވެފައި އޮތުމަކީ ސިޔާސީ ގޮތުން ހަރަކާތްތެރި ވުމަށް އޮތް ހުރަހަކަށް ނުވަތަ ގޮންޖެހުމަކަށް ވެގެން ނުދާކަން މިޕާޓީން ގެންދަނީ ސާބިތު ކޮށްދެމުންކަމުގައި ދަންނަވާން ޖެހެއެވެ.
އޭގެ ބަދަލުގައި، ހަގީގަތަކީ، ޕާޓީ އުފެއްދުމުގެ ވިސްނުމާއި، ޚިޔާލާތާއި، މަގުސަދެވެ. އަންނަ ކޮންމެ ރިޔާސީ އިންތިޚާބެއްގައި، ކޯލިޝަނެއްގައި ހިމެނި، ވާދަކުރާ ރިޔާސީ ކެނޑިޑޭޓެއްގެ ހަވާސާއިން ޖާގައެއް ހޯދައިގެން، ޕާޓީގެ އިސް ބައެއް ބޭފުޅުންނަށް ސިޔާސީ މަގާމްތައް ހޯދުމުގެ ވިސްނުމުގައި އުފައްދާ ސިޔާސީ ޕާޓީތަކާއި، ވިޔަފާރި ކުރުމުގެ ބޭނުމުގައި އެކަނި އުފައްދާ ސިޔާސީ ޕާޓީތައް ދުވަހަކު ކުރިއަރައިގެން ނުދާނޭކަން މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުން މިދަނީ ސާފުވެ، ސާބިތުވަމުންނެވެ.
އެހެންކަމުން، ސިޔާސީ ހަރަކާތްތައް ހިންގުމަށް މެނުވީ ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފުރުސަތު ނުދީ، އެނޫން އުސޫލުން ހިންގާ ޕާޓީތައް އުވާލުމަކީ، ސިޔާސީ ޕާޓީތައް އެއީ ވަލު ދޮރޯއްޓަކަށް ހަދާ، އޭގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ މަސްރަހު ކިލަނބުވެގެން ގޮސް، ސިޔާސީ ޕާޓީތަކަކީ އުފެއްދުންތެރިކަމެއް ނެތް، ގައުމަށް ބޮޑު ބުރައަކަށް ވެގެންދިއުން ހުއްޓުވުމަށްޓަކާ ކޮންމެހެންވެސް މުހިންމު ކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.