އްޑޫ ސިޓީއަކީ މާލެއެކޭ އެއްފަދައިން ޞިއްޙީ ޚިދުމަތްތައް އެންމެ ރަނގަޅުވާން ބޭނުންވާ އެއް ސަރަޙައްދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުން ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މިއަދު ހޮސްޕިޓަލުގެ އިސްބޭފުޅުންނާއިއެކު ބޭއްވި މަޝްވަރާގައެވެ.
މިއަދު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢޫލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޓާރޝަރީ ހޮސްޕިޓަލަކުން ޚިދުމަތް ދިނުމަށް އެކަށީގެންވާ މިންވަރަށް މެޑިކަލް އޮފިސަރުންނާއީ ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމާއި ޕަބްލިކް ހެލްތު ދާއިރާއިން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި މެޑިކަލް ކޮންޒިއުމަބްސް އަދި އިކުއިޕްމަންޓްގެ ދަތިތަކާ އަދި އެނޫންވެސް ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ އެންމެ ދަތި މައްސަލަތައް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީއަކީ މާލެއެކޭ އެއްފަދައިން ޞިއްޙީ ޚިދުމަތްތައް އެންމެ ރަނގަޅުވާން ބޭނުންވާ އެއް ސަރަޙައްދުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ޙައްލުކުރަން ޖެހޭކަންކަން ޙައްލުކޮށް ދެއްވާނެކަމަށާއި އަދި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ބައްލަވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ