ކުރިއަށް އޮތް ރޯދަމަހު ބެންކް އޮފް މޯލްޑިވްސްއިން ޙިދުމަތްދޭނެ ގަޑިތައް އާއްމުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ އެހެން މަސްތަކާއި ހިލާފަށް ރޯދަމަހު ބީއެމްއެލްއިން ޙިދުމަތްދޭ ވަގުތުތައް މަދުވާނެކަމަށެވެ. އެގޮތުން ރޯދަމަހު ބީއެމްއެލްއިން ޙިދުމަތްދޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން ފެށިގެން މެންދުރު 12:00އަށް. އަދި ކުރިއަށް އޮތް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުވެސް ބޭންކުން ޙިދުމަތް ލިބިގެންދާނީ މިގަޑިތަކުގައެވެ.
ބީއެމްއެލްގެ ބްރާންޗުތަކުން ވަކި ވަގުތުތަކެއްގައި ޙިދުމަތް ލިބުނަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޙިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ޙިދުމަތްތަކާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށްވެސް މިރޯދަމަސް ތެރޭގައި ޙިދުމަތް ދެމުންގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި ދިނުމަށް ހަމަޖެހިފައިވާ ޙިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕޭ ރޯލްގެ އިތުރުން ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްގެ ޙިދުމަތްދިނުން ހިމެނެއެވެ. މި ޙިދުމަތްތައް ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު އެދުވަހަށް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ހެނދުނު 9:00ގެ ކުރިން ޖަމާކުރާ އެހެން ބޭންކުތަކުގެ ޗްކްތައް އެދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ ބީއެމްއެލް މެއިން ބްރާންޗް އަދި ބީއެމްއެލް އިސްލާމިކް ބޭންކިންގ ޙިދުމަތް ހޯއްދެއްވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަންޖެހޭނެކަމަށެވެ. އަދި ޙިދުމަތް ހޯއްދެއްވުމަށް ބޭންކަށް އައުމުގެ ކުރިން ކިއުގައި މަޑުކޮށްގެން ތިބޭ ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ. އެހެންނަމަވެސް ކަސްޓަމަރ ސަރވިސް ސެންޓަރއަށް އަންނަ ކަސްޓަމަރުންނަށް ކިއުބީ ނަންބަރާ ނުލައި ޙިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
މީގެ އިތުރުން އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރުތަކުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށްކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އިންތިޒާމްވެސް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. އަދި ގޭގައި ތިބެގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ޙިދުމަތް ހޯދުމަށް ބީއެމްއެލްއިން ބާރު އަޅައެވެ.