އައްޑޫއިން ރައީސަށް ހޫނު މަރުހަބާއެއް

އައްޑޫއިން ރައީސަށް ހޫނު މަރުހަބާއެއް

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2022 06:16
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރައީސްގެ ދެކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވުމަށް އައްޑޫގެ ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަހައްދަށް ޖަމާވެފައިވެއެވެ. ރައީސްގެ ދެކަނބަލުން ވަނީ މަރުހަބާ ވިދާޅުވުމަށް އެއަރޕޯޓް ސަރަހައްދަށް ޖަމާވެފައިވާ ރައްޔިތުންނާއި ސަލާމް ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ކުރައްވާ މި ދަތުރުފުޅަކީ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށާއި، އައު މަޝްރޫޢުތަކެއް ފެށުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މިދަތުރުފުޅުގައި ސަރުކާރުން ނިންމާފައިވާ 565 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހުޅުއްވައިދެއްވާނެއެވެ. އައްޑޫ ސިޓީން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިން، މަރަދޫ ފޭދޫން 75 ހެކްޓަރުގެ ބިން ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މިދަތުރުގައި ހިނގާނެ މުހިންމު ހަރަކާތްތައް:

1- ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން

2- ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން

3- އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން

4- މަރަދޫ ބަނދަރު ހުޅުވައިދެއްވުން

5- މީދޫ ބަނދަރު ހުޅުވައިދެއްވުން

6- ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވުން

7- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވުން

ރައީސްގެ މި ދަތުރުފުޅުގައި މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އައްޑޫ ސިޓީއަކީ މިސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ސަރަހައްދެކެވެ. މިގޮތުން މިއަހަރުގެ ބަޖެޓުގައި އައްޑޫ ސިޓީއަށް ޚާއްޞަކޮށް 98 މަޝްރޫޢުއެއް ބަޖެޓްކޮށްފައިވެއެވެ. މި މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުގައި 72 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.