ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށްފަހުވެސް އެމްޑީޕީ ވާނީ ވަރުގަދަ ކަމަށާއި، އެމްޑީޕީ ބައިބައި ނުވާނެކަމަށް މިއިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޟު މިހެން ވިދާޅުވީ، ޗެއާޕާސަންގެ ކެމްޕެއިންގައި، ބ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ފައްޔާޟު ވިދާޅުވީ އެމްޑީޕީ ބައިބައިވާނެ ވާހަކައާއި، އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުން އޮތްވާހަކަ އަބަދުވެސް ދައްކާކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ކޮންމެ އިންތިޚާބަކާއި ދިމާކޮށްމިފަދަ ވާހަކަތައް ދައްކާވަރު އިތުރު ކަމަށެވެ.
ފައްޔާޟު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީގެ އުސޫލުން ކަންކަން ދަސްކޮށްދިން ޕާޓީކަމަށެވެ. އެމްޑީޕީން ކުރާ ކޮންމެ ކަމެއްވެސް ތަފާތުވާނެކަމަށެވެ. އަދި އެމްޑީޕީއަކީ އެތެރޭގެ އިންތިޚާބުތަކުގައި ވާދަވެރި، ކެމްޕެއިންތައްކޮށް އިންތިޚާބުތައް ނިމުމުން ޤައުމީ ކެމްޕެއިންތަކުގައި ވަރަށް ރޫހުގައި އެއްބައިވަންތަ ކަމާއިއެކު ނިކުމެ ކާމިޔާބު ހޯދާ ބައެއްކަމަށެވެ. އަދި ކުރިއަށް އޮތް 2023 ގައިވެސް އެމްޑީޕީ ނިކުންނާނީ އެ އެއްބައިވަން ތަކަމާއިއެކު އިސްލާހަށް ލޯބިކުރާ އެންމެންގެ ބައިވެރިވުމާއި އެކުގައިކަމަށެވެ.
އެމްޑީޕީ 16 އަހަރު ވެއްޖެ. ކޮންމެ އިންތިޚާބެއްގައި ބައިބައިވާ ވާހަކަ ދައްކާ ދެއްތޯ. އެކަމަކު ބައެއް ނުވޭ. އެމްޑީޕީ ދަނީ ހަމަ ވަރުގަދަ ވަމުން. އަދިވެސް އިންތިޚާބަށްފަހުވެސް އިރާދަފުޅު ކުރެއްވިއްޔާ އެމްޑީޕީދާނީ އިތުރަށް ވަރުގަދަ ވަމުން. އަޅުގަނޑުމެންގެ މެމްބަރޝިޕްވެސް އިރާދަ ކުރެއްވިއްޔާ އިތުރުވާނެ. އަޅުގަނޑުމެންގެ ހިންގުންވެސް ހަރުދަނާ ވާނެ. އަދި ހަމަ އިރާދަފުޅުން އެމްޑީޕީއަށް ނިސްބަތްވާ އަދި ހަމަ އިސްލާހީ މަސައްކަތަށް ލޯބިކުރާ މީހުން މަގުމަތުވިޔަކަ އަޅުގަނޑުމެން ނުދޭނަން 2023 ގައި.
– ފައްޔާޟު ވިދާޅުވިއެވެ.
ފައްޔާޟު ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފެނިގެންދަނީ ވަރަށް ވާދަވެރި ކެމްޕެއިނެއް ކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް މިއީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައެވެ. ވާދަވެރިކަމާއިއެކު ވާދަވެރި ރޫހެއްގައި ކެމްޕެއިން ކުރުމާއި، އިންތިޚާބުތައް ބޭއްވުމަކީ ރައްޔިތުންގެ އިހުސާސްތައް އަޑުއަހައި ކަންކަން ރަނގަޅު ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ފައްޔާޟު ވިދާޅުވިއެވެ.
ބ.ފުޅަދޫގެ މެމްބަރުންނާއި އެކު ބައްދަލުވުން ކުރިޔަށްދަނީ . #އެމްޑީޕީހިންގާލަން @faya_i 2️⃣✅@Roxeyna 2️⃣✅ pic.twitter.com/gX9njs9EwO
— ???????????????????? ???????? (@abukyle20) March 24, 2022
ވާދަވެރިކަން ބޮޑުވެފައިވާ މިއިންތިޚާބުގައި، ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިންތިގެ ޓީމުގެ ފަރާތުން ވަރުގަދަ ރައްދުތަކެއް ދަނީ ފައްޔާޟުގެ ޓީމަށް ދެމުންނެވެ. އަދި ބޮޑެތި ތުހުތުތައްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ފައްޔާޟުގެ ޓީމުން ބުނެފައިވަނީ ކެމްޕެއިންގައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މިވާދަވެރިކަން ނިމުމުން އެކީގައި ކުރިއަށްދެވޭނެ މަގު ހޯދާނެކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ފައްޔާޟަށް ތާއީދު ކުރާއިރު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ތާއީދު ކުރަނީ، މިނިސްޓަރ ފައްޔާޟަށެވެ.
ކޮމެންޓު ފޮނުވާ