ޕޮންޒީ ސްކީމް ތަކަކީ ރައްކާތެރި އިންވެސްޓްމަންޓެއްތަ؟ ދުނިޔޭގައި މި ސްކީމްތައް ހިންގަނީ ކިހިނެއް؟

ޕޮންޒީ ސްކީމް ތަކަކީ ރައްކާތެރި އިންވެސްޓްމަންޓެއްތަ؟ ދުނިޔޭގައި މި ސްކީމްތައް ހިންގަނީ ކިހިނެއް؟

Author
ހުސެއިން
23 މާރޗް 2022 09:13
0

ބަވަނަ ވެފައިވާ އަދުގެ ދުނިޔެ މިއޮތީ ޓެކްނޮލޮޖީގެ ވިއުގައަކުން ގުޅާލެވިފައެވެ. އަދި އިންސާނުން ހިންގާ ހުރިހާ މުއާމަލާތެއްވެސް މި ވިއުގައިގެ ތެރެއަށް ފައްތާ، އޭގެއިން ނަފާ ލިބިގަނެވޭނޭ މަގު އިންތިހާއަށް މިއަދު ފަހިވެފައިވާ ފަދައިން، މި ވިއުގައިގެ ބޭނުން ކޮށްގެން އިންސާނުންނަށް ބޮޑެތި ގެއްލުންތައް ލިބިދެވޭނޭ މަގުވެސް ވަނީ ހަމަ އެބީދައިން ފަހިވެގެން ގޮސްފައެވެ.

މީގެ އެންމެ ބޮޑު އެއް ހެއްކަކީ، ދުނިޔޭގައި ގައުމުތަކުގެ މެދުގައި މިއަދު ހިނގަމުންދާ ދެބަސްވުންތަކާއި، ބޮޑެތި ހަމަނުޖެހުންތަކުގައި އެއްގައުމު އަނެއް ގައުމަށް ގެއްލުން ދިނުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތަކަށް "ސައިބަރ އެޓޭކްތައް" ވެގެން ގޮސްފައިވާ ކަމެވެ.

މިއުސޫލުން ބަލާއިރު، އާމްދަނީ ހޯދުމަށްވެސް ޓެކްނޮލިޖީގެ ވަސީލަތުގެ ބޭނުން ކުރުމާއި، އަދި އެ ވަސީލަތުގެ ބޭނުން ކޮށްގެން އޮޅުވާލައިގެން، ޓެކޮނޮލޮޖީގެ އެކޮޅު މިކޮޅު ނުދަންނަ އެތައް ބައެއްގެ ބޭނުން ނާޖާއިޒު ގޮތުގައި ކޮށް، ވިޔަފާރީގެ ނަފާއާއި ފާއިސާވެރިކަން ފާއިތުވެދިޔަ ތަނުގައި އެތައް ބަޔަކު ހޯދާފައި އެބަހުއްޓެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި، ޓެކްނޮލިޖީއާއި ގުޅުންހުރި ގާނޫނުތައް ހަދާ، އޭގެ އޮނިގަޑު ވަރުގަދަ ކުރަމުންދަނީވެސް މި ސަބަބައްޓަކައެވެ.

އެހެންނަމަވެސް، ދިވެހިރާއްޖެއަކީވެސް ދުނިޔެއަށް ހުޅުވެމުންދާ ގައުމަކަށް ވިނަމަވެސް، އަދި ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ތިބި ޒުވާނުންގެ އަދަދު އިތުރުވަމުން އަންނަ ގައުމަކަށް ވެގެން ދިޔަނަމަވެސް، ދިވެހިރާއްޖެ އަދިވެސް ފާހަގަވެގެން އަންނަނީ، އާބާދީގެ ބޮޑުބައެއް ޓެކްނޮލިޖީއަށް ހޭލުންތެރި ނޫން ގައުމެއްގެ ގޮތުގައެވެ.

ޓެކްނޮލޮޖީއާއި ގުޅުންހުރި ކުށްތައްކަށް އަދަބު ދެވޭނޭ ގާނޫނީ އޮނިގަޑު އަދިވެސް ރާއްޖޭގައި ފުރިހަމަ ކުރެވިފައެއް ނުވޭ

ކުރިއަރާ ފުޅާވަމުން އަންނަ ޓެކްނޮލޮޖީއާއި އެއްވަރަށް، މި ވިއުގައިގެ ބޭނުން ކޮށްގެން ކުރާ ކުށްތަކާއި، ނާޖާއިޒު ގޮތުގައި ކުރެވޭ މުއާމަލާތުތައްވެސް ހުއްޓުވުމަށް އެކަށީގެންވާ، މިދާއިރާގައި ފުރިހަމަ ގާނޫނީ އޮނިގަޑެއް އަދިވެސް ނެތް ގައުމެއްގެ ގޮތުގައެވެ.

 

ޕޮންޒީ ސްކިމުތައް!

ކުރިއަރައިގެން އަންނަ ޓެކްނޮޖީއާއި ގުޅުންހުރި ވިޔަފާރިތައް ފުޅާވަމުން އަންނައިރު، ރާއްޖޭގައިވެސް އަންނަނީ އޮންލައިންކޮށް ވިޔަފާރި ކުރުން އިތުރު ވަމުންނެވެ. އަދި ހަމައެއާއި ބައިނަލްއަގުވާމީ ސްޓޮކް މާރކެޓްތަކަށް އަންނަ ބަދަލުތައް ހޯދާ ބަލާ، އެކްސް ޗޭންޖު ރޭޓަށް އަންނާނެ ބަދަލުތަކާއި، އަދި ލިބެން ހުންނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ފައިސާ ގަނެ ވިއްކައިގެން އޭގެއިން ނަފާވެރިކަން ހޯދުމަކީވެސް މިއަދު ގިނަބަޔަކު ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރިއެއްވެސް މެއެވެ.

އަދި މިއުސޫލުން ކުރެވޭ ފޮރެކްސް ޓްރޭޑިންއަކީ، އަމިއްލަ ފަރުދުން އެމީހުންގެ އަތުގައި ހުންނަ ފައިސާ ކޮޅުން އިންވެސްޓުކޮށްގެން ކުރަމުން އަންނަ ވިޔަފާރިއަކަށްވުމުން، މި ވިޔަފާރި ގިނަބައެއްގެ މަސްލަހަތާއި ގުޅުމެއް ނެތި ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް މިފަދަ ހާލަތްތަތުގައިވެސް، އަމިއްލަ ބޭންކު އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވާން ފަށައިފިނަ، ރާއްޖޭގެ ބޭނުންކުތަކުން "ފްލެގް ރެއިސް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އާންމު ގޮތެއްގައި ފޮރެކްސް ޓްރޭޑިންއަކީ މާ ބޮޑެތި މައްސަލަތަކާއި ކުރިމަތި ނުވެ، ބައެއް ފަރާތްތަކުން ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރިއެވެ.

އެހެންނަމަވެސް، ދާދިފަހުން، ރައްޔިތުންގެ މަޖިލީހުގައި ކުރިން މެމްބަރުންކަން ކުރެއްވި ބޭފުޅެއް ކަމުގައިވާ އަލްހާން ފަހުމީ އަމިއްލައަށް ހިންގަވަން ފެއްޓެވިކަމަށް އަޑު ފެތުރިގެންދިޔަ ޕޮންޒީ ސްކީމަކީ މުޅިން ތަފާތު މުއާމަލާތެއް ކަމުގައި ދަންނަވަން ޖެހެއެވެ.

ސަބަބަކީ، ބައިނަލްއަގުވާމީ މުޖުތަމަޢުގައިވެސް، "ޕޮންޒީ ސްކީމް"އަކީ އޭގެ ޒާތުގައި، އޭގައި ބައިވެރިވާ މީހުން، އޮޅުވާލުމެއްގެ ތެރޭގައި ބައިތިއްބައިގެން ނަފާވެރިކަން ނެރޭ އިންވެސްޓްމަންޓު މުއާމަލާތެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރާތީވެސްމެއެވެ.

އަލްހާން ފަހުމީ ވަނީ ދާދިފަހުން ޕޮންޒީ ސްކީމެއް ހިންގުމަށްޓަކާ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފަންޑެއް ހިންގަން ފަށާފަ

މިގޮތުން ޕޮންޒީ ސްކީމުގެ އެންމެ އަސާސީ އެއް ސިފައަކީ، ސްކީމުގައި ނުވަތަ ފަންޑުގައި އިންސްވެޓް ކުރާ (ފަންޑަށް ފައިސާ ޖަމާ ކޮށްދޭ) ފަރާތްތަކަށް، ރިސްކަކާއި ނުލާ، ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ފައިދާއެއް ލިބިދޭނެ ކަމަށްބުނެ، ސްކީމް ނުވަތަ ފަންޑު ހިންގާ ފަރާތުން ދޭ ޔަގީންކަން ކަމެވެ.

އެހެންނަަމަވެސް، ގިނަ ފަހަރަށް މިފަދަ ސްކީމްތައް ހިންގާފައި ހުރި ގޮތަކީ، ފަހުން ފަންޑަށް ފައިސާ ދައްކާ ފަރާތްތަކުން ޖަމާކުރާ ފައިސާގެ ބޭނުން ކޮށްގެން، ކުރިން ބައިވެރިވެފައިވާ މީހުންގެ ދަރަނިތައް ނުވަތަ ލިބެންޖެހޭ ފައިސާ ޚަލާސް ކުރަމުން ގެންދިއުމެވެ. އަދި މިއީ، އެންމެ ފުރަތަމަ ފަންޑުގައި ބައިވެރި ވީ މީހުންނަށް ލިބެމުންދިޔަ މަންފާތައް ފަހުން އަންނަމުންދާ މީހުންނަށް ފެނި، އޭގެ މައްޗަށް އިންވެސްމަންޓުގެ ޔަގީންކަން ލިބި، މި އަސާސްގެ މައްޗަށް ހެދި ބޮޑުވެ ފުޅާވަމުންދާ ފަންޑަކަށް ވުމާއެކު، ފަހުން އަންނަ މީހުންގެ ފައިސާއިން ކުރިން، ފަންޑުގައި ބައިވެރިވީ މީހުންގެ ދަރަނި ނުވަތަ ލިބެންޖެހޭ ފައިދާ ޚަލާސް ކުރަމުން ދިއުމަކީ، ވަކި މުއްދަތަކާއި ހަމައަށް މެނޭޖު ކުރެވިދާނެ ކަމެއް ކަމުގައި މާލީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެހެންނަމަވެސް ސުވާލަކީ ކިހާދުވަހެއް ވަންދެން ތޯއެވެ. އުފެދި ފުޅާވަމުންދާ ފަންޑެއް މެނޭޖްކޮށް، ފަންޑުގައި އެތައް ސަތޭކަ ބަޔަކު އިންވެސްޓްކޮށް، އެތައް މިލިއަން ރުފިޔާއެއް ދައުރުވާން ފެށުމުން، ދެން އުފެދޭ އަމިއްލަ މަސްލަހަތާއި، އޭގެ ޝައުގުވެރިކަމާއި، އަދި މިފަދަ ފަންޑެއް އިންވެސްޓަރުންނަށް ފައިދާ ލިބިދެނިވި ގޮތަކަށް ދެމެހެއްޓެވިނި ގޮތެއްގައި ހިންގުމަށްޓަކާ އޭގެ ތެރެއަށް އަންނަންޖެހޭ ޑައިވާރސިފިކޭޝަން (އިންވެސްޓްމަންޓްތައް ފުޅާކުރުން) އާއި، އަދި މިނޫނަސް އެތައް ބައެއްގެ ދިރިއުޅުމާއި ގުޅުންހުރި އެތައް މަސްލަހަތެއް ރެގިއުލޭޓްކޮށް ބަލަހައްޓާނީ ކޮންގޮތަކަށްތޯ މިއީ އޭގެ ޖަވާބު ބޭނުންވާ މުހިންމު ސުވާލުތަކެވެ.

އިންވެސްޓްމަންޓަތައް ހިންގުމަށްޓާކާ ޕޮންޒީ ސްކީމުތަކާއި އެއްގޮތަށް، ޕިރަމިޑް ސްކީމްތައަކީވެސް މިއުސޫލުން ދުނިޔޭގައި ހިންގާ ސްކީމްތަކެވެ. އެހެންނަމަވެސް، ޕޮންޒީ ސްކީމްތަކާއި ޕިރަމިޑް ސްކީމްތަކާއި ހުރި އެންމެ ބޮޑު އެއް ތަފާތަކީ، ޕިރަމިޑް ސްކީމް (މަތިން ތިރިއަށް ފުޅާވަމުން އަންނަ ސްކީމް) ތަކުގައި ސްކީމްތަކުގެ ދިރި ދެމިއޮތުމަށްޓަކާ، އަދި ސްކީމުގެ ބައިވެރިންނަށް ފައިދާ ހޯދުމަށްޓަކާ، އަލަށް މީހުން ސްކީމަށް ރެކްރޫޓު ކުރުން އޮންނަނީ ސްކީމުގެ ހުރިހާ ބައިވެރިންނަށްވެސް މަޖުބޫރު ކަމަކަށް ވެގެން ގޮސްފައެވެ.

ކިންގސްގެ ނަމުގައި ކުންފުންޏެއް ހަދައިގެން ކުރަމުން އައި މިވަޔަފާރި ރާއްޖޭގެ ހުއްޓުވޭނޭ އެއްވެސް ގާނޫނީ އޮނިގަޑެއް ނެތްކަމުހައި ވިޔަފާރި ހިންގަމުން އައި ކުންފުނިން އަންނަނީ ބުނަމުން

އެހެންނަމަވެސް، އިންވެސްޓްމަންޓުގެ ފައިދާ ލިބޭނެ ކަމުގެ ޔަގީންކަން ބައިވެރިންނަށް ދީގެން، ބައިވެރިންއަތުން ފައިސާ ނަގައިގެން އެފައިސާއިން ހިންގާ ޕޮންޒީ ސްކީމްތައް ހަގީގަތުގައި ބެލެވިފައި އޮންނަނީ އިންވެސްޓްމަންޓުގެ އުކުޅެއްގެ ގޮތުގައެވެ. ސަބަބަކީ، ސްކީމުގައި އެންމެ ފުރަތަމަ ބައިވެރިވީ މީހުންނަށް ފައިސާ ފޯރުކޮށް ދިނުމުގެ މަސްއޫލިއްޔަތާއި ޒިންމާ ފަހުން ބައިވެރިވަމުންދާ ފަރާތްތަކުން، އެފަރާތްތަކަށް ނޭގިނަމަވެސް އުފުލަން ޖެހިފައި އޮންނާތީއެވެ.

އަދި ފަންޑަށް ޖަމާވަމުންދާ ފައިސާގެ އަދަދު ބޮޑުވެ، އަމިއްލަ މީހާގެ ނަމުގައި ނުވަތަ ކޮށްކޮއާއި ބޭބެއާއި ދެމީހުންގެ ނަމުގައި އުފައްދާފައިވާ ކުންފުނީގެ އެކައުންޓަށް އެތައް މިލިއަން ރުފިޔާއެއް ޖަމާވެގެން ދިއުމުން، ދެން އެފައިސާއަށް ހަދާނޭ އެއްޗެއް ހެދުމުގެ ހުރިހާ އިޚްތިޔާރަކާއި ބާރެއް ކޮށްކޮއާއި ބޭބޭ ނުވަތަ ދައްތައަށް ފުރިހަމަ ލިބިގެން ގޮސްފައި އޮންނާތީއެވެ.

 

ރާއްޖޭގައި މައްސަލައަކަށް ވެގެން އުޅެނީ ކޮންކަމެއް؟

ދިވެހިރާއްޖެއަކީ އަދިވެސް ވަރަށް ގިނަ ދާއިރާތައް ރެގިއުލޭޓު ކުރުމަށްޓަކާ ބޭނުންވާ ގާނޫނީ އޮނިގަޑު އެންމެ ފުރިހަމަ ގޮތުގައި އެކަށައެޅިފައި އޮތް ގައުމެއް ނޫނެވެ. އަދި ވަކީން ޚާއްސަކޮށް، އަދުގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ސައިބަރ ޓެކްނޮލިޖީގެ ދާއިރާ ރެގިއުލޭޓް ކުރާނެ އެންމެ އެކަށީގެންވާ ގާނޫނީ އޮނިގަޑެއް ރާއްޖޭގައި އެކަށައެޅި ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން، ސައިބަރ ޓެކްނޮޖީގެ ބޭނުން ކޮށްގެން ކުރާ ކުށްތަކަށް އަދަބު ދިނުމާއި، ކުރާ ކުށްތައް (ސައިބަރ ކްރައިމް)ތައް ޖިނާޢީ މިންގަޑަށް ފައްތައިގެން އޭގެ މައްޗަށް ފުރިހަމަ ތަހުގީގުތައް ހިންގުމާއި، ލިބޭ ބޮޑެތި ގެއްލުންތަކުގެ ބަދަލު ހޯދާ ދިނުމާއި، އަދި މިނޫނަސް ރެގިއުލޭޓަރީ މެކޭނިޒަމްގެ ދާއިރާއިން ކުރާންޖެހޭ ގިނަ ކަންކަމުގައި ބޮޑެތި ހުރަސްތަކާއި ދިވެހިރާއްޖޭގައި އަދިވެސް ކުރިމަތިލާންޖެހޭނެ ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އަދި އޭގެ ނަތީޖާއަކަަށް ވެގެންދާނީ، ޓެކްނޮލޮޖީގެ ވަސީލަތުގެ ބޭނުން ކޮށްގެން ހިންގޭ މިފަދަ ވިޔަފާރިތަކަށް، އެ ވިޔަފާރިތައް ހިނގާގޮތް ހަގީގަތުގައިވެސް ނޭގިތިބެ، ފައިސާކޮޅު ލައިގެން (އިންވެސްޓު ކޮށްގެންް) އޭގެ ދުވަސްތަކެއް ފަހުން ލިބިދާނެ ގެއްލުމެއްގެ ބަދަލު ހޯދޭނެ އެއްވެސް މަގެއް ފެންނާން ވެސް ނެތުމެވެ.

އެހެންކަމުން، މީހަކު ނުވަތަ ބަޔަކު ހިންގާ އިންވެސްޓްމަންޓު ސްކީމަކަށް ފައިސާ ލުމުގެ ކުރިން އެންމެ ފުރަތަމަވެސް ވިސްނާލަންޖެހޭ އެއްކަމަކީ، އިންވެސްޓު ކުރާ ޕްލެޓް ފޯމުގެ ސައްޙަކަމެވެ. ގާނޫނީ ގޮތުން އެ ފްލެޓްފޯމަށް އޮތް ރައްކާތެރި ކަމެވެ.

މިސާލަކަށް އެމެރިކާފަދަ ގައުމުތަކުގައި، މިފަދަ ސްކީމުތަކުގައި އިންވެސްޓު ކުރުމުގެ ކުރިން، ސްކީމްތައް ހިންގާ ކުންފުނިތަކަކީ، ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖު ކޮމިޝަން (SEC)ގައި ރެޖިސްޓަރ ވަފަ އޮތް ކުންފުންޏެއްތޯ ނުވަތަ ސްޓޭޓް ރެގިއުލޭޓަރއެއްގެ ބަލަދުވެރިކަން ފޯރާ ކުންފުންޏެއްތޯ ބެލުން އޮންނަނީ ލާޒިމް ކަމަކަށް ވެފައެވެ.

އަދި އެމެރިކާގެ "ފެޑެރަލް އެންޑް ސްޓޭޓް ލޯ" ގައި ބުނާގޮތުން އިސްވެ ދެންނެވުނު ފަދަ ރެގިއުލޭޓިންގ ބޮޑީ (ހިނގާ ނުހިގާގޮތް ބަލާ ދައުލަތުގެ މުވައްސަސާ) އެއްގައި ރަޖިސްޓްރީ ވެވޭނީވެސް މިފަދަ ވިޔަފާރިއެއް ކުރުމުގެ ޚާއްސަ ލައިސަންސްއެއް އޮތް ފަރާތަކަށް އެކަންޏެވެ. މިގޮތުން އެމެރިކާގައި ހިނގަމުންދާ ގިނަ ޕޮންޒީ ސްކީމްތަކަކީ، މި ވިޔަފާރި ކުރުމުގެ ލައިސަންސް އޮތް އަމިއްލަ ފަރުދުން ނުވަތަ ކުންފުނިތަކުން ހިންގާ ސްކީމްތަކެވެ.

ޕޮންޒީ ސްކީމްތަކަކީ ދުނިޔޭގައި ގިނަފަހަރަށް އިންވެސްޓްމަންޓުގެ އުކުތަކެއްގެ ގޮތުގައި ސިފަކުރާ ވިޔަފާރިއެއް

އެހެންކަމުން، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި، އަދި ޓެކްނޮލޮޖީއަށް އަހުލުވެރި، ހޭލުންތެރި އާބާދީ ތަކުގައި ހިންގަމުންދާ މިފަދަ ވިޔަފާރިތައް، ރާއްޖެ ފަދަ ގައުމެއްގައި، އިކޮނޮމިކް މިނިސްޓްރީގައި ކުންފުންޏެއް ރަޖިސްޓްރީ ކުރެވޭ ހިސާބުން ހިންގިދާނެ ކަމުގައި ދުށުމަކީ، ކޮންކަހަލަ ވިސްނުމެއްތޯ މިއީ މިއަދު މިވަޔަފާރި މިރާއްޖޭގައި ކުރެވިދާނޭކަމަށް ބުނަމުންދާ ފަރާތުން އާންމު ރައްޔިތުންނަށް އޭގެ ޖަވާބު ސާފުކޮށްދޭންޖެހޭ ސުވާލެއްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އަދި އަމުދުން ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަޅީގައިވެސް، ބޮޑު އޮޅުން ބޮޅުންގަޑެއްގައި ތިބެ އެތައް ބަޔަކު ޖެހި، އަދި މަނީ ލޯންޑަރިންގެ އެތައް މުއާމަލާތެއް މާ ދުރުނޫން މާޒީއެއްގައި ހިގައިގެން ގޮސްފައިވާކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ބޭންކުތަކުގެ އެކައުންޓުތަކަށް ޖަމާވާ، އޭގެ އަސްލާއި ހަމައަށް ވާސިލް ނުވެވޭ، ފައިސާގެ ބޮޑެތި އަދަދުތަކަށް ރާއްޖޭގެ ބޭންކުތަކުންވެސް މިހާރު ކުރިއަށްވުރެ ބޮޑަށް ހޭލާތިބިކަންވެސް މިއަދު ގަބޫކުރަން ޖެހެއެވެ.

އެހެންކަމުން، ޕޮންޒީ ސްކީމްތައްފަދަ، އޮޅުވާލުމުގެ ފުރުސަތު އޮތް، ފައިސާގެ މިފަދަ މުއާމަލާތުތައް ރެގިއުލޭޓް ކުރާނޭ ގާނޫނީ އޮނިގަޑެއް ރާއްޖޭގައި ނެތުމަކީ، "ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ހުއްދަ ކަމަށް ދެކޭ" މަހުފޫމްގެ ތެރެއަށް ވައްދައިގެން، ދިވެހިރާއްޖޭގައި ކުރުން ހުއްދަކަމަށް ވަލާކާތު ކުރާނަމަ، އޭގެ ފަހަތުގައި އޮތީ މަކަރުވެރިކަމާއި ހީލަތްތެރިކަން ނޫން އެހެން ކޮންކަމެއްތޯ މިއަދު ސުވާލު ކޮށްލާން އެބަޖެހެއެވެ. އަދި އޭގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުމީހާ މި އޮޅުވާލުމުގެ ޝިކާރައަކަށްވެ، ނިކަމެތި މީހާއަށް "ބޮނޑި"ލިބި އިންސާފުވެސް އެންމެ ފަހުން ލިބިގެން ނުދިއުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.