މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށާއި މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.
މިނިސްޓަރ މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫންކަމަށް ކޯޓުން ކަނޑައެޅުމަށްފަހުއެވެ. ދައުލަތުން މި މައްސަލާގައި ހުށައެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާކަމަށެވެ. މިގޮތަށް ފަނޑިޔާރު ނިންމެވީ، އެފަދަ މައްސަލަތަކުގައި މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރައްވައެވެ.
މިމައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑު އެހުމުގައި މި މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައެވެ. މަހްލޫފާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނެތްކަން ވެސް ހުކުމުގައި ފާހަގަކުރިއެވެ.
މަޚްލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު، 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާތީކަމަށް ބުނެއެވެ.
ކޮމެންޓު ފޮނުވާ