ތިމަރަފުއްޓާއި، ވޭމަންޑޫގައި ޕޮލިސް ސްޓޭޝަން އަޅާނެ ތާރީޚު ދީފި

ތިމަރަފުއްޓާއި، ވޭމަންޑޫގައި ޕޮލިސް ސްޓޭޝަން އަޅާނެ ތާރީޚު ދީފި

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2022 02:05
0

ތ.ތިމަރަފުށި އަދި ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަން ޤާއިމުކުރަން ފަށާ ތާރީޚު ސާފުކޮށް ދީފިއެވެ.

ތިމަރަފުށި އަދި ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަން އަޅާނެ ތާރީހާއި ގުޅޭގޮތުން މިނިސްޓަރ އިމްރާނާއި ކުރެއްވި ސުވާލުގައި އެދާއިރާގެ މެމްބަރު ރިޔާޒު ވަނީ މިދެރަށުގެ ޕޮލިސް ސްޓޭޝަން ހުޅުވާނެ ތާރީޚު ސާފު ކޮށްދެވުމަށް ސުވާލު ކުރައްވާފައެވެ.

ރިޔާޟްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މިސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 111 ރަށުގައި ފުލުހުން ތިބިކަމުގައި ވިޔަސް، ފުލުހުންގެ އަމިއްލަ ސްޓޭޝަންތަކުގެ ގޮތުގައި މިވަގުތު ހުރީ އެންމެ 17 ސްޓޭޝަން ކަމުގައެވެ. އަދި މިސަރުކާރު އައި ފަހުން މީހުން ދިރިއުޅޭ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަން ޤާއިމުކުރުން އެޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކަމުގައެވެ.

ހޯމް މިނިސްޓަރގެ ޖަވާބުގައި އިތުރަށް ވިދާޅުވީ މިސަރުކާރުން އަޅަން ނިންމާފައިވާ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ކުރިޔަށް އޮތް އޭޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެކަމުގައެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރީޖަންތަކަކަށް ބަހާލައިގެން ކައިރި އަތޮޅުތަކުގެ ތެރޭގައި އެއްކޮށް މަސައްކަތް ކުރިޔަށް ގެންދާ ގޮތަށް ކަމުގައެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތް ގެންދާނެ ގޮތުގެ ތަރުތީބެއް އަދި ރޭވިފައި ނުވާ ކަމުގައެވެ. ނަމަވެސް މިއަހަރު ނިމެންވާއިރަށް ޕޮލިސް ސްޓޭޝަން އެޅުމަށް ރޭވިފައި އޮތް ހުރިހާ ރަށެއްގައި އެމަސައްކަތް ފެށޭނެ ކަމުގައެވެ.

ހޯމް މިނިސްޓަރގެ ވާހަކަ ނިންމާލަމުން ވިދާޅުވީ ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫއަކީ ކައިރި ކައިރީގައިވާ ދެރަށް ކަމަށްވުމުން، އެދެރަށުގެ ޕްލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނީ އެއްކޮށްކަމަށާއި އުންމީދުކުރަނީ އެއްކޮށް އެޕްރޮޖެކްޓް ހިންގައިގެންދާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.