ހުރިހާ މެޗަކުން މޮޅުވެގެން މާޒިޔާ އިން ފުރަތަމަ ބުރު ނިންމާލައިފި

ހުރިހާ މެޗަކުން މޮޅުވެގެން މާޒިޔާ އިން ފުރަތަމަ ބުރު ނިންމާލައިފި

Author
ޔޫސުފް
20 މާރޗް 2022 02:33
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ މާޒިޔާ ނުކުތީ ކްލަބް ވެލެންސިއާ އާއި ދެކޮޅަށެވެ. މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ލީގުގެ 1 ވަނައިގައި މާޒިޔާ އޮތީ ކުޅުނު 7 މެޗުން ހޯދި 21 ޕޮއިންޓާއެކުއެވެ. 2 ވަނައިގައި ކްލަބް އީގަލްސް އޮތީ 7 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. 3 ވަނައިގައި ވެލެންސިއާ އޮތީ 7 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އަދި 4 ވަނައިގައި ޓީސީ އޮތީ 7 މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ 5 ވަނައިގައި 9 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީ އޮތްއިރު، 6 ވަނައިގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އޮތީ 7 ޕޮއިންޓާއެކުއެވެ. ލީގުގެ ފުލުގައި ދަ ގްރާންޑޭ އޮތީ 1 ޕޮއިންޓާއެކުއެވެ. ފުރަތަމަ ބުރު ކުޅެ ނިމުނުއިރު މޮޅެއް ނުލިބި އޮތް ހަމައެކަނި ކްލަބަކީވެސް ދަ ގްރާންޑޭއެވެ.

މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަށައިގެން މާޒިޔާއަށް ލީޑު ނަގައިދިން ލަނޑު 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ކޯނޭގެ ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ، 56 ވަނަ މިނެޓުގައި ޓާނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި 82 ވަނަ މިނެޓުގައި އަކްރަމް ޢަބްދުލްގަނީ ވަނީ މާޒިޔާގެ 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދުގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޢަސަދުﷲ ޢަބްދުﷲއެވެ.

އުރީދު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.