ރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، އޮލިމްޕިކްސް ކޮމެޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގަށް ރާއްޖޭގެ ބޭއްވި އެންމެ ބޮޑު ކުޅިވަރު އެވޯޑް ހަފްލާގެ ދައުވަތު ނުލިބި، ހަފްލާއިން ނުފެނުނު ސަބަބު އޭނާ ކުޅިވަރު އާއިލާއަށް ސާފުކޮށްދީފިއެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ކުޅިވަރު ހަފްލާއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ބޭއްވި ކުޅިވަރު ހަފްލާއެެވެ. އެވޯޑް ހަފްލާގައި ގިނަ އެވޯޑްތަކެއް ދީފައިވާއިރު، ދުނިޔޭގެ މަޝްހޫރު ކުޅިވަރު ލެޖެންޑުންވެސް ވަނީ ބައިވެރިވެފައެވެ.
މިހަފްލާއަށް ކުޅިވަރު އާއިލާގެ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، ރާއްޖޭގެ ކުޅިވަރަށް އެތައް ޚިދުމަތެއް ދާދިފަހަކާއި ޖެހެންދެންވެސް ކުރި އޮލިމްޕިކް ކޮމެޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގަށް ދައުވަތުވެސް ދީފައި ނުވެއެވެ. މަރުޒޫގު ބުނެފައިވަނީ އޭނާ މިހަފްލާއިން ނުފެނުމުން ކުޅިވަރު އާއިލާގައި ހިމެނޭ ވަރަށް ގިނަ ބަޔަކު ސުވާލު ކުރިކަމަށެވެ. ކުރުކޮށް ޖަވާބުގައި މަރޭ ބުނެފައިވަނީ އޭނާއަށް މި ހަފްލާއަށް ދައުވަތު ލިބިފައި ނުވާކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާއިން އަޅުގަނޑު ނެފެނިގެން ސުވާލު ކުރި އެންމެހައި އެތުލީޓުންނާއި، ކޯޗުން، އޮފިޝަލުން، މެޑިކަލް، ސްޕޯޓް ޖާނަލިސްޓުންނަށް ދަންނަވާލަން އޮތީ އަޅުގަނޑަކަށް ހަފްލާއަކަށް ދައުވަތެއް ނުދެއޭ. ވެދާނެ ކުޅިވަރުގެ މިފަދަ ހަފްލާއަކަށް އިންވައިޓް ކުރާ 500 މީހުންގެ ލިސްޓަށް އަދި ނާރަނީކަމަށް.
– މަރޭ ބުނެފައިވެއވެެ.
އެވޯޑް ނައިޓަށް ދައުވަތު ނުލިބުމަކީ މައްސަލައެއް ނޫންކަން ފާހަގަކޮށް މަރޭ ވަނީ ރާއްޖޭގެ ކުޅިވަރު އެތުލީޓުން ފާއިތުވި ދުވަސްތަކުގައި ހޯދި ކާމިޔާބީއާއި، އަދި ކުރި ހިތްވަރަށް ސާބަސް ދީފައެވެ. އޭނާ ބުނެފައިވަނީ މިފަދަ އެވޯޑް ނައިޓެއް ބޭއްވި ޤައުމީ ފެންވަރެއްގައި އެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވާ އެތުލީޓުންގެ އަގު ވަޒަން ކުރުމަކީ ނުހަނު އުފާކުރާކަމެއްކަމަށެވެ.
މުހިިންމީ އަޅުގަނޑަށް އިންވައިޓް ކުރުމެއްނޫން. މުހިންމީ ފިރިހެން ފުޓުބޯޅަ ނޫން ކުޅިވަރެއް މިޤައުމުގައި ނެތްކަމަށް ބަލައިގެން ތިބި ތިބުން އަދި އެވިސްނުން ބަދަލުވެ ތިއެންމެހާ ހުނަރުވެރިންގެ ހުނަރު ޤައުމީ ފެންވަރެއްގައި ފާހަގަކުރަން ފެށުން. އެވޯޑް ލިބުނު އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުހަބާ. އަދި މިހިސާބުން ނިންމާނުލާ ބައިނަލް އަޤުވާމީ މެޑެލްއާއި، އެވޯޑަށް ފެންބޮވާގަނެފަ އަބަދުވެސް ތިބުން މުހިންމު. އައިއޯއައިޖީ 2023 ގައި ޓީމް މޯލްޑިވްސް އަށް 27 މެޑެލް، ސައުތް އޭޝިއަން ގޭމްސްގައި 12 މެޑެލްއަށް ދެވޭނެ. އެންމެންގެ ބުރަ މަސައްކަތުން 12 އަހަރު ތެރޭ މިކަން ކުރެވިއްޖެ!
– މަރޭ ބުނެފައިވެއެވެ.
މަރޭގެ އަމިއްލަ ފޭސްބުކުގައި ލިޔެފައިވާ މިވާހަތަކަށް މިނިސްޓަރ މަހުލޫފްވަނީ ކޮމެންޓް ކުރައްވާފައެވެ. މަހުލޫފް ވިދާޅުވީ، ޔޫތު މިނިސްޓްރީގައި އެކުލަވާލި ލިސްޓުގައި މަރޭގެ ނަން އޮންނާނެކަމަށެވެ. ނަމަވެސް ދައުވަތު މަރޭއަށް ނުދީއޮތުމަކީ ހިތާމަ ކުރާކަމެއްކަމަށެވެ.
އަޅުގަނޑު ސްޕޯޓްސް ޑިޕާޓްމަންޓަށް ދިން ލިސްޓުގައި މަރޭ އާއި ޝަވީދުގެ ނަން އޮންނާނެ. ތިކަން ތިހެން ހިނގުމަކީ ވަރަށް ދެރަކަމެއް. ވީގޮތް ބަލާނަން.
– މަހުލޫފް ވިދާޅުވިއެވެ.
މަރުޒޫގް އެންމެ ބޮޑަށް ފާހަގަކުރެވެނީ، މެޑަލްތަކަށް އަމާޒުހިފައި އެތުލީޓުން ގޭމްސްތަކަށް ފޮނުވުމުގެ ކުރިން އެތުލީޓުން ހައި ޕަރފޯމަންސް ޓްރެއިންގް ސެންޓަރުތަކަށް ފޮނުވާ ރާއްޖެއަށް މެޑަލް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އެތުލީޓުންނާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރާ މަރުޒޫގްވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖެމެއިކާގެ ހައި ޕަރފޯމަންސް ޓްރެއިނިން ސެންޓަރަކަށް ފޮނުވުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެތަމްރީނު ފުރިހަމަކުރުމަށްފަހު 2015ވަނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދުވަނީ ރަން މެޑަލް ހޯދައި ރާއްޖެއަށް ރީތިނަން ހޯދައިދީފައެވެ. މިއީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެއަށް އެންމެ ފުރަތަމަ ލިބުނު ރަން މެޑަލެވެ. ސާއިދަކީ ރޭ ދެވުނު އެވޯޑުގައިވެސް ރާއްޖޭގެ އެންމެ މޮޅު އެތުލީޓެވެ.
ރޭބޭއްވި އެވޯޑު ނައިޓަށް ޤައުމީ ކެމްޕްޓަން އަކްރަމް އަބްދުލް ޣަނީއަށްވެސް ދައުވަތު ދީފައި ނުވެއެވެ. އަދިވެސް ކުޅިވަރުގެ ފާހަކޮށްލެވޭ ބައެއް ބޭފުޅުންނަށް މިހަފްލާއަށް ދައުވަތުވެސް ނުދޭކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ