އީމާންކަމުގެ ރުކުންތަކުގެ ތެރެއިން، الله ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުން

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން، الله ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުން

الله ސުބުޙާނަހޫ ވަތަޢާލާ އަށް އީމާން ވުމުގައި الله ސުބުޙާނަހޫ ވަތަޢާލާގެ ربوبية އަށާއި الله ސުބުޙާނަހޫ ވަތަޢާލާގެ ألوهية އަށާއި  الله ސުބުޙާނަހޫވަތަޢާލާގެ އިސްމުފުޅު ތަކަށާއި ނަންފުޅުތަކަށް އީމާންވުން ހިމެނެއެވެ.

الله ސުބުޙާނަހޫ ވަތަޢާލާ ގެ ربوبية އަށް އީމާންވުމަކީ ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހައްދަވައި ބޮޑުކުރައްވާ ރަސްކަލާނގެކަމަށާއި ހުރިހާ ވެރިކަމެއްގެ ވެރި ރަސްކަލާނގެ ކަމަށާއި ހުރިހާ ކަމެއް ރާއްވަވާ ތަދުބީރުކުރައްވާ ރަސްކަލާނގެކަމަށް ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ.

ހޫދު ސޫރަތުގެ 06 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمَا مِن دَآبَّةٍ فِي الأَرْضِ إِلاَّ عَلَى اللّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُّبِينٍ

މާނައީ:"اﷲ ގެ ޒިންމާގައި އެއެއްޗެއްގެ ރިޒްޤު ނުވާ ހަމައެއްވެސް ދިރޭ އެއްޗެއް ބިންމަތީގައި ނުވެއެވެ. އަދި އެއެއްޗެއް ޤަރާރުވާ ތަނާއި، (އެބަހީ ބިމުގައި ދިރި އުޅޭ ކޮންމެ ތަނެއް ނުވަތަ ބަފައިންގެ ޞުލްބު) އަދި އެއެއްޗެއް حوال ކުރެވޭތަން (އެބަހީ ކަށްވަޅު ނުވަތަ މައިންގެ ރަޙިމް) އެކަލާނގެ ދެނެވޮޑިގެން ވެއެވެ. ހުރިހާ އެއްޗެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި (އެބަހީ: اللوحالمحفوظގައި) ލިޔެވިފައެވެ."

الله ސުބުޙާނަހޫ ވަތަޢާލާ ގެ ألوهية އަށް އީމާންވުމަކީ ހަމަކަށަވަރުން އެކަލާނގެއީ ޙައްޤު ގޮތުގައި އަޅުކަން ވެވޭ ހަމައެކަނި އިލާހުކަމަށާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ ހުރިހާ ފަރާތެއް ބާޠިލު ވެގެންވާކަން ހިތުގައި އެއްވެސް ޝައްކު ކަމެއްނެތި ޤަބޫލުކުރުމެވެ.

الله ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކަށާއި، ސިފަފުޅުތަކަށް އީމާންވުމަކީ ހަމަކަށަވަރުން އެންމެހާ ރިވެތި އިސްމުފުޅުތަކާއި، އެންމެހާ ފުރިހަމަވެގެންވާ މަތިވެރި ސިފަފުޅުތައް ލިބިވޮޑިގެންވަނީ އެކަލާނގެއަށްކަން ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ.

ޢައުރާފް ސޫރަތުގެ 180ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ

މާނައީ: "އަދި އެންމެ ރިވެތި އިސްމުފުޅުތައް ލިބިވޮޑިގެންވަނީ اللهއަށެވެ. ފަހެ ތިޔަބައި މީހުން އެއިސްމުފުޅުތަކުން އެކަލާނގެއަށް ދުޢާކުރާށެވެ. އަދި އެކަލާނގެ އިސްމުފުޅުތަކުގައި އިލްޙާދު ކުރާ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ."

الله ސުބުޙާނަހޫވަތަޢާލާ  ގެ މިއިސްމުފުޅުތަކާއި ސިފަޅުތައް ޤަބޫލުކުރަންޖެހެނީ قرآنއާއި ސުންނަތުގައި އައިސްފައި ވާގޮތަށް، އެއްވެސް ތައުވީލު ކުރުމަކާއި ނުލައި އެއްގޮތްކުރުމަކާއި ނުލައި ކައިފިއްޔަތު ބަޔާންކުރުމަކާއި ނުލައި އަދި މިސާލުޖެހުމަކާއި ނުލައި މިއުއްމަތުގެ ސަލަފުންނާއި އިމާމުން އިޚްތިޔާކުރެއްވި މަގުންނެވެ.

ޝޫރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ

މާނައީ:"އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގެންވާ ބައްލަވާ ާމެެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ (ޚަޒާނާތަކުގެ) ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައެވެ. އަދި އިރާދަކުރެއްވި މީހަކަށް ރިޒްޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *