ޝީރީންގެ މަރު: ލޯބިވެރިޔާ ނަޖާހު ސުޕްރީމް ކޯޓުންވެސް ސަލާމަތެއް ނުވި

ޝީރީންގެ މަރު: ލޯބިވެރިޔާ ނަޖާހު ސުޕްރީމް ކޯޓުންވެސް ސަލާމަތެއް ނުވި

Author
މުޙައްމަދު ޖިމީ
17 މާރޗް 2022 02:38
0

މާފަންނު ކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރާލާފައި އޮއްވާ ދެހާސް ދިހަވަނަ އަހަރު ފެނުނު މަރިޔަމް ޝީރީންގެ މަރާލިކަމަށް ތުހުމަތުކުރާ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުންވެސް ދަމަހައްޓައިފިއެވެ.

މީގެ 10 އަހަރު ކުރިން 2009 ގައި މ. އަންގާގިރި ހަދަމުން ދަނިކޮށް އެތަނުގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޝީރީންގެ މަރުގެ މައްސަލައި މުހައްމަދު ނަޖާހްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ.

ޝީރީންގެ މަރުގެ މައްސަލާގައި، އެނާ މަރާލުމަށްފަހު ފޮއްޓަކަށް ލައިގެން މާފަންނުކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއަށް ނަޖާހް ގެންދިޔަކަމަށް ބުނެ ދައުލަތުން ހެކި ހުށައަޅާފައިވެއެވެ. އޭގެތެރޭގައި އެ ފޮށި އުފުލިކަމަށް ބުނާ ޓެކްސީގެ ޑްރައިވަރާ އެ ފޮއްޓާއި ފޮށިން ފެނުނަކަމަށް ބުނާ ޑީންއެންއޭ ސާމްޕަލް ރިޕޯރޓްތައްވެސް ހިމެނެއެވެ. އެހެންމަވެސް މަރުވެފައި އޮއްވާ ފެނުނު ޝީރިންގެ ހަށިގަޑު ބެލި ޑޮކްޓަރުން މި މައްސަލާގައި ހެކިބަސް ދެމުން ބުނެފައިވަނީ ޝީރީންގެ ހަށިގަނޑު ފެނުނުއިރުވެސް އޮތީ ކުނިވާން ފާށާފައިކަމަށާއި އެހެންކަމުން މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެންކަމަށެވެ. އެހެންނަމަވެސް ޕޯސްޓް މޯޓަމް ރިޕޯރޓެއް ދައުލަތުގެ ފަރާތުން ކޯޓަށް ހުށައަޅާފައެއް ނުވެއެވެ.

މި މައްސަލާގައި ހަތަރު އަހަރު ދުވަހުގެ ޝަރީއަތަކަށްފަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. ހައިކޯޓަށް ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ނަޖާހުގެ މައްޗަށް ކުރި ނަމަވެސް ސީދާ އެ ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ނުނިންމައެވެ. މިދިޔަ އަހަރުގެ އޯގަސްޓމަހު ހައިކޯޓުން ކުރި ޙުކުމުގައި ވަނީ "ގަސްދުމަރާ ވައްތަރު މަރު" ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނަޖާހުގެ މައްޗަށް ހައި ކޯޓުން އިއްވި ގަތުލު ޝިބުހު އަމްދު ނުވަތަ ގަސްދަކާ ނުލާ މީހަކު މެރުމުގެ ހުކުމް ދަމަހައްޓަން ވަނީ ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުމަށް ބަދަލެއް ގެނައުމަށް ނުފެންނާތީ، މައްސަލައިގެ ތައުޒީރީ އަދަބެއްގެ ގޮތުން ނަޖާހުގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމަށް ވެސް ތާޢީދުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.