ގްރީން ކޮޅަށް 6 ލަނޑު ޖަހައި، މާޒިޔާއިން އެއް ވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފި

ގްރީން ކޮޅަށް 6 ލަނޑު ޖަހައި، މާޒިޔާއިން އެއް ވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފި

Author
ޔޫސުފް
14 މާރޗް 2022 02:36
0

އުރީދު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް 6 ލަނޑު ޖަހައިގެން ހޯދި މޮޅާއެކު، މާޒިޔާއިން ލީގުގެ އެއް ވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-6 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި މާޒިޔާ މިވަގުތު އޮތީ 6 މެޗުން ހޯދި 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތީ 6 މެޗުން ހޯދި 13 ޕޮއިންޓާއެކުއެވެ. އަދި ރޭ އީގަލްސް އަތުން ބަލިވެ ދެވަނަ މަގާމް ގެއްލުނު ކްލަބް ވެލެންސިއާ އޮތީ 6 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތިން ވަނައިގައެވެ.

މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ 3 ލަނޑު ޖަހާފައެވެ. އެގޮތުން މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކޯނޭ ޖަހައިދިން ލަނޑުންނެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ޓާނާ ވަނީ އިތުރު ލަނޑެއް ޖަހާ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ. މާޒިޔާގެ ތިން ވަނަ ލަނޑު 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީވެސް ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިން ޓާނާއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 5 ވަނަ މިނެޓުގައި ނާއިޒް ހަސަން ވަނީ މާޒިޔާގެ ފަސް ވަނަ ލަނޑު ޖަހާފައެވެ. އަދި 77 ވަނަ މިނެޓުގައި ޓާނާ ވަނީ ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މާޒިޔާއިން މި މެޗުގައި ޖެހި ހަ ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ހަމްޒާ މުހައްމަދުއެވެ.

އުރީދު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސްއެވެ. މި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އީގަލްސް އިން ވަނީ ތާވަލްގެ ދެ ވަނަ މަގާމަށް ކުރިޔަށް ޖެހިލާފައެވެ.

މި މެޗުގައި ކްލަބް އީގަލްސް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި އީގަލްސް އަށް ކާމިޔާބުކޮށްދިނީ، މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.