ޓްރާންސްޕޯޓްގެ އިންޒާރު: ބޮޑު އަގު ނަގާނަމަ ލައިސަންސް ބާޠިލްކުރާނަން!

ޓްރާންސްޕޯޓްގެ އިންޒާރު: ބޮޑު އަގު ނަގާނަމަ ލައިސަންސް ބާޠިލްކުރާނަން!

ގުޅުންހުރި

ޓެކްސީ ޤަވާއިދުގައިވާ އަގަށްވުރެ ބޮޑު އަގު ނަގާނަމަ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓްރާސްޕޯޓް މިނިސްޓްރީން ދީފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މި އިންޒާރު ދީފައި މިވަނީ، ޓެކްސީގެ ޚިދުމަތުން ނަގާ އަގު ބޮޑުކުރުމަށް ގޮވާލާ ޓެކްސީ ޑްރައިވަރުން އިހްތިޖާޖުކުރުމުން، ސަރުކާރުން އެކަމަށް އިޖާބަ ނުދިނުމުން، ބޮޑު އަގުގައި ޓެކްސީގެ ޚިދުމަތް ދޭން ފެށުމާއި ގުޅިގެންނެވެ.

ދުނިޔޭގެ ބާޒާރުގައިި ތެލުގެ އަގު އުފުލެމުންދާތީ ރާއްޖޭގައިވެސް ތެލުގެ އަގު ބޮޑުވެފައިވާކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ވަނީ އިހްތިޖާޖުކޮށްފައެވެ. އެމީހުން ދެ ދުވަސް ވަންދެން އިހްތިޖާޖުކުރުމަށްފަހު އިހްތިޖާޖު ނިންމާލީ ސަރުކާރުން އެކަމަށް އިޖާބަ ނުދިނުމުން އެމީހުން ބޭނުންވާ އަގު ޚިދުމަތުން ނެގުމަށް ނިންމުމަށްފަހުއެވެ. އަދި މިހާރު މާލޭގައި ޓެކްސީގެ ދަތުރެއް ކުރަނީ30 ރުފިޔާއަށެވެ. މީގެ ކުރިން ނަގަނީ ދަތުރަކަށް 25 ރުފިޔާއެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްތްރީން ނެރުނު ބަޔާނެއްގައި ވަނީ، ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުންހުރި އަސާސީ ޚިދުމަތަކަށްވެފައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ދިވެހިރާއްޖޭގައިވެސް މި ޚިދުމަތަކީ ރެގިއުލޭޓް ކުރެވިގެން ދެވޭ ޚިދުމަތަކަށްވާތީ ޓެކްސީ ރަޖިސްޓަރީ ކުރުމާއި ޓެކްސީތަކަށް ހުއްދަ ދިނުމާއި ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ޚިދުމަތް ހޯދާ ފަރާތާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާފައިވާކަމަށެވެ.

ތެލަށްއައި ބަދަލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭގޮތަށް 7 މާރިޗް 2022 ވަނަދުވަހު ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ޓެކްސީގެ ޚިދުމަތުން
އަގުނަގާނެގޮތާއި ގުޅޭގޮތުން މި މިނިސްޓްރީއަށް ސިޓީއެއް މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށް މި ބަޔާނުގައިވެއެވެ.

ޓެކްސީ ސެންޓަރުތަކުން ހުށަހެޅުއްވި ކަންކަމާއި ގުޅިގެން އެ މިނިސްޓްރީން ފާހަގަކޮށްފައިވަނީ ޓެކްސީގެ ޚިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅި ލާމެހިފައިވާ އަސާސީ ޚިދުމަތަކަށްވެފައި، ދެ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ އެ މިނިސްޓްރީގެ
ޒިންމާއެއް ކަމަށްވުމާއި އަދި އަގު ކަނޑައެޅުމަކީ ގަވާއިދު ޓެކްސީ ޤަވާއިދުގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށް ބަޔާނުގައިވެއެވެ. އަދި ޓެކްސީ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވާއިދުގެދަށުން ލިބިގެންވާ ބާރެއް ނޫންކަމަށާއި، ޓެކްސީ ސެންޓަރުތަކުން ހުށަހެޅުއްވި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރިކަންކަމަށް ފިޔަވަޅު އަޅައި ދޭނެކަމަށާއި، އެހެންކަންކަން ހައްލުކޮށްދެއްވުމަށް ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަމެށް ބަޔާނުގައިވެއެވެ.

ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން އެމީހުންގެ ޑިމާންޑްތަކާއެކު ހުޅުމާލޭގައި އިހުތިޖާޖުކޮށް 11 މާރިޗު 2022 ވަނަދުވަހު ރޭގަނޑު ހުޅުމާލެއާއި މާލެއާއި ގުޅޭ ހަލިމަގު ބޭނުންކޮށްގެން ދަތުރު ނުކުރެވޭގޮތަށް ހުރި މަގު ބަންދުވާނެފަދަ ގޮތަށް ޢަމަލުތައް ބަހައްޓައި ޢާންމު ރައްޔިތުންނަށް ދެމުންއައި ޓެކްސީގެ ޚިދުމަތް މެދުކަނޑާލައިފައިވާތީ ޓެކްސީގެ ޚިދުމަތް ހޯދުމަށް ރައްޔިތުންނަށްވަނީ ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަމަށް ޓްރާންސްޕޯޓްގެ ބަޔާނުގައިވެއެވެ.

ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ޚިދުމަތަށް ބުރޫ ނާރާނެގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ. އަދި ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ގަވާއިދު ނަންބަރު 1475-R/2013 (ޓެކްސީ ގަވާއިދު) ގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.

– ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޓެކްސީ ޤަވާއިދުގެ 20 ވަނަ ޟާއްދާގައި ބަޔާންކޮށްފައިވަނީ، ޤަވާއިދާއި ޚިލާފުވާ ޑްރައިވަރުންނަށް ޓެކްސީ ސެންޓަރުން ނަސޭހަތާއި އިންޒާރު ދޭންވާނެކަމަށެވެ. އަދި ގަވާއިދާ ޚިލާފުވުމާއި ތަނުގެ މަސްލަހަތު ގެއްލޭފަދަ ޢަމަލުތައް ތަކުރާރުކުރާ ޑްރައިވަރުން ސެންޓަރުން ވަކިކުރުމުގެ އިޚުތިޔާރު ސެންޓަރުގެ ވެރިންނަށް ލިބިގެންވާކަމަށެވެ. އަދި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ ފަސް ސަތޭކަ ރުފިޔާއިން ދެވަނަ ފަހަރުނަމަ އެއް ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެފަރާތެއްގެ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް މި މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ނުކުރެވޭނެ ލައިސަންސް ބާތިލެއް ބޭނުން އަގެއްގައި ދުއްވާނީ

  2. މި ސަރުކާރުގެ ދޯދިޔާކަމުން ކަލީމެންނަށް ބޭނުންހާގޮތެއް ތިހެދެނީ! ހުރެބަލަ އަހަރުމެން ވެރިކަމަށް އައިސް ކަލޯމެން ސައިޒް ކުރާނަން! މިއީ ބާރުނުހިނގާ ސަރުކާރެކޭ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ