ރާއްޖޭގެ ކަނޑުގެ އަޑީގެ ސަރަހައްދު ދެނެގަތުމަށް ކަމަށްބުނެ އިންޑިއާއާއިއެކު ހަދާ ސާވޭއަކީ ރާއްޖޭގެ ވަތުބަތާނެ ދިނުމަށް މިސަރުކާރުން ކުރާ އަޑިނޭގޭ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ކެމްޕެއިންގައި މިއަދު އދ.މަހިބަދޫގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާތަގާއި ގުޅުންހުރި ހުރިހާ އެއްބަސްވުމެއް ހާމަ ކުރަންޖެހޭކަމަށެވެ. މިސަރުކާރުން އެއްބަސްވުންތައް ފޮރުވައިގެން އުޅެނީ ރައްޔިތުންނަށް އެކަމުން ކުރާނެ ބޮޑެތި އަސަރުތައް އެގޭތީކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ ސަރަހައްދު ދެނެގަތުމަށް އިންޑިއާއާއިއެކު ހަދާ ސާވޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަލީމް ވިދާޅުވީ މިއީ ދިވެހި ކަންޑުތަކުގެ ހަގީގަތް އިންޑިއާއަށް ހިލޭ ހިބަކޮށްދިނުން ކަހަލަ ކަމެއްކަމަށެވެ. މިކަމުގެ ހަގީގަތީވެސް އޮޅުވާލާފައި ކަމެއްކަމަށާއި، ދިވެހި ކަނޑުތަކުގެ ހަގީގަތް ހޯދުމަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޝައުގުވެރިކަން ނެތް މިންވަރަށް އިންޑިއާގެ ޝައުގުވެރިކަން އޮތުމަކީ އެމީހުންގެ ނިޔަތާއިމެދު ސުވާލު އުފެދޭ ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.
ހައިޑްރޯގްރަފީ އެކޭ ކިޔާނެ ކަމެއް ނެތް. އެމީހުންނަށް ދިނީ ރާއްޖޭގެ ވަތުބަތާނަ. އަޅުގަނޑުމެން މި ބުނަނީ އެގްރީމަންޓްތައް ދައްކާށޭ.
– ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެފަހަރު ކިޔަނީ ދޭއްޗެއް ކަމަށެވެ. ފުރަތަމަ ބުނީ އިންޑިއާ ސިފައިން މިޤައުމުގައި ނެތް ކަމަށެެވެ. ނަމަވެސް ފަހުން ބުނީ އިންޑިއާ ސިފައިން ތިއްބަސް އެމީހުން ބަޑި ނުޖަހާނެކަމަށެކަމަށެވެ. މިވަރުގެ ބަޔަކު ޤައުމުގެ ހުންގާނުގައި ތިބުމަކީވެސް ޤައުމުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސަލީމް ވަނީ ސިފަކުރައްވާފައެވެ.
އޭނާ ވިދާޅުވީ މިއަދު ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ޤައުމަށް ތެދުވެރިކަމާއިއެކު މަސައްކަތް ކޮށްދެއްވަމުން ދަނީ ރައީސް ޔާމީން އެކަނި ކަމަށެވެ. ވެރިކަން ކުރާ ކޯލިޝަންގައި ތިއްބެވި ހުރިހާ ލީޑަރުންނަށް އިންޑިއާ ސިފައިން މިގައުމުން ބޭލުމަށް ގޮވާލާ ހިންގާ ހަރަކާތަށް ދައުވަތު ދިން ނަމަވެސް އެދައުވަތު ގަބޫލު ނުކުރިކަމީ އެބޭފުޅުންގެ ހިތުގައި ޤައުމާއިމެދު އެއްވެސް ލޯތްބެއް ނެތްކަން ހާމަވާ ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމްވަނީ އޭނާގެ ވާހަކާގައި އިސްލާމީ ތާރީހުގައި ޤައުމުތައް އަޅުވެތި ކުރެވުނު ގޮތާއި، އެފަދަ ގިނަ ހާދިސާތައް ހިއްސާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ