އިންޑިއާ އައުޓް ހަރަކާތާއެކު އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން މާދަމާ އދ.މަހިބަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގައި އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.
ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ފުޅާކުރުމަށް އެމަނިކުފާނު ގެންދަވަނީ އަތޮޅުތަކަށްވެސް ދަތުރުކުރައްވަމުންނެވެ. އެންމެފަހުން ރައީސް ޔާމީން ވަޑައިގެންފައިވަނީ ގއ.ވިލިގިއްޔަށެވެ. އެރަށުން ރައީސް ޔާމީނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިހާތަނަށް އެމަނިކުފާނު މިކެމްޕެއިންގައި ވަޑައިގެން ހުރިހާ ރަށަކުންވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ރައީސް ޔާމީން މަހިބަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، މިހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ޓީމެއްވެސް މިހާރުވަނީ ވިލިއްޔަށް ގޮސްފައެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް ދެން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި ހިންގާ ކެމްޕެއިންގެ ޚާއްސަ ހަރަކާތެއް މާލޭގައި ބޭއްވުމަށްވެސް ވަނީ ނިންމައިފައެވެ. "ނޭވާހޮޅިއަށް" މިނަމުގައި މިމަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތަކީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ބޮޑު އެއްވުމެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މިއެއްވުމަށް ވާންޖެހޭ ތައްޔާރީތައް އިދިކޮޅު ކޯލިޝަނުން ދަނީ ވަމުންނެވެ. އަދި މި ހަރަކާތާއި ގުޅޭ ޚާއްސަ ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ