ދިވެހި ޕްރިމިއާ ލީގު: މާޒިޔާ އަދި އީގަލްސް ވެސް ފަހަތުން އަރައި މޮޅުވެއްޖެ

ދިވެހި ޕްރިމިއާ ލީގު: މާޒިޔާ އަދި އީގަލްސް ވެސް ފަހަތުން އަރައި މޮޅުވެއްޖެ

Author
ޔޫސުފް
10 މާރޗް 2022 03:26
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް އީގަލްސް ވެސް ފަހަތުން އަރައި މޮޅުވެއްޖެއެވެ.

ލީގުގައި އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ވާދަކޮށް ފަަހަތުން އަރައި މާޒިޔާ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. އަދި ރޭ ކްލަބް އީގަލްސް ވަނީ ދަ ގްރާންޑޭ 2 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި 4 ލަނޑު ޖަހައި 2-4 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ބަލިކޮށްފައެވެ.

މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ޔޫވީން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޔޫވީއަށް ކާމިޔާބުކޮށްދިނީ، އެނަޓޯލީ ވްލާސިޗޭވްއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނެޓު އޮތްވާ މާޒިޔާއަށް ލިބުނު ކޯނަރަކުން ނެމަންޔާ ކާޓާލް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ މާޒިޔާ އަށް ހަމަހަމަކޮށްދީފައެވެ. މި މެޗުން މާޒިޔާ މޮޅުކޮށްދިން ލަނޑު 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޓާނާއެވެ.

ލީގުގައި ރޭ އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދަ ގްރާންޑޭއިންނެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ، އާކިބްއެވެ. އަދި އޭގެ 2 މިނެޓު ފަހުން އިސްމާއިލް މަފާޒް ވަނީ ދަ ގްރާންޑޭއަށް އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. ދަ ގްރާންޑޭ އިން 2 ލަނޑުގެ ލީޑެއް ނެގިތާ މިނެޓެއް ފަހުން އީގަލްސް އިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، އަޙުމަދު ހަސަންއެވެ. އަދި ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޢަބްދުﷲ ސަމީހް މޫސާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އީގަލްސް އަށް ހަމަހަމަކޮށްދީފައެވެ.

އީގަލްސް އިން މި މެޗުގައި ލީޑު ނެގީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އީގަލްސް އަށް ކާމިޔާބުކޮށްދިނީ، ހުމައިދު ހަސަންއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޢަބްދުﷲ ޒިޔާން ވަނީ އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީ، މި މެޗުން އެޓީމަށް 3 ޕޮއިންޓް ޔަގީންކޮށްދީފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.