ހުކުމާއިއެކު ބިންތަކުގެ މައްސަލަތައް އަނބުރާ ކައުންސިލްތަކަށް

ހުކުމާއިއެކު ބިންތަކުގެ މައްސަލަތައް އަނބުރާ ކައުންސިލްތަކަށް

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2022 12:15
0

ރަށްރަށުގެ ބިންތަކުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއިއެކު ކައުންސިލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އޭޖީ އޮފީސް ހާޒިރުވާންޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވާލުމަށް ނިންމައިފިއެވެ.

ރަށްރަށުގެ ބިންތަކުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެކަމަށް ސުޕްރީމް ކޯޓުން އިއްޔެވަނީ ހުކުމްކޮށްފައެވެ.

އޭޖީ އޮފީހުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ކައުންސިލެއްގެ މައްޗަށް އުފުލޭ ދަޢުވާތަކާއި ކުރާ ދަޢުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށެވެ. ބަންޑާރަނައިބަކީ ސަރުކާރުގެ އިސް ޤާނޫނީ ވަކީލުކަމުގައިވާތީ، ބަންޑާރަނައިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލުކުރުމަކީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ މިނިވަންކަމާއި ފުށުއަރާ އަދި، ބައެއްފަހަރު ދެ ފަރާތުގެ މަސްލަހަތު ވެސް ފުށުއަރާފާނެ ކަމެއް ކަމުގައި ސުޕްރީމް ކޯޓުން އިއްޔެ ކުރެއްވި ޙުކުމްގައި ބަޔާންކޮށްފައިވާކަމަށެވެ.

ސުޕްރީމް ކޯޓު މި ނިންމެވުމާ ގުޅިގެން ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން ކައުންސިލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އޭޖީ ހާޒިރުވާންޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވާލުމުމަށް މިހާރު ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އދ.ފެންފުށީ ބިމެއްގެ މައްސަލާގައި މީހަކު އެކައުންސިލާ ދެކޮޅަށް ދައުވާކުރި މައްސަލައެއްގައެވެ. މިމައްސަލަ ހައިކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ ރަށްރަށުގެ ބިންބިމުގެ މައްސަލަތަކުގައި ވަކާލާތު ކުރެވޭނީ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ކަމުގައެވެ.

މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ސްޕްރީމްކޯޓުން އިއްވި ހުކުމުގައި ވަނީ އަތޮޅުތަކާއި ރަށްރަށް ހިންގުމުގެ އުސޫލަށް، 2008ގައި ތަސްދީގު ކުރި ފެހި ގާނޫނު އަސާސީން ވަރަށްބޮޑު ބަދަލުތަކެއް ގެނެސްފައި ވާކަމަށެވެ. އަތޮޅުތަކާއި ރަށްރަށް ހިންގާނީ މައި ސަރުކާރާއި ވަކިން އޮންނަ އިންތީޚާބީ ކައުންސިލްތަކުން ކަމުގައި ޙުކުމުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.