ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ފަދަ ތަންތަން ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކޮށް، ސްޓޭޓް އޮފް ދަ އާޓް އިކުއިޕްމެންޓްތައް ގެނެސްފައިވާއިރު އެތަންތަން ވީރާނާވާން ސަރުކާރުން ދޫކޮށްލާފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު މިއަރު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަށް މިއަދު މަޖިލިހުގައި ޖަވާބު ދެއްވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައްޔިތުންނަށް އެކަށީގެންވާގޮތަށް އެތަންތަނުން ޚިދުމަތް ދިނުމަށް ސަރުކާރުންވަނީ ނުކުޅެދިފައި ވާކަމުގައެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގައި ފަންގަސް އަޅާ ލެބޯޓްރީގައި ހުރި އިކުއިޕްމެންޓްތައް ހަލާކުވެ ޓެސްޓު ހެދުން ހުއްޓި، އެތަނުން ދޭންޖެހޭ މުހިއްމު ޚިދުމަތްތައް ހުރީ މެދުކެނޑިފައި ކަމުގައެވެ.
މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން، މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ވިދާޅުވީއެވެ.
ސަލީމް އިތުރަށް ވިދާޅުވީ، ޞިއްޙީ ދާއިރާ އޮތީ ވަރަށް ނިކަމެތި ޙާލުގައި ކަމަށާއި، އެކަން އެންމެ ސާފުކޮށް ހާމަވަނީ ފުވައްމުލަކާއި އައްޑޫ ސިޓީއާއި ގއ. ވިލިގިއްޔާއި ގދ.ތިނަދޫގައި އެންމެ ފަހުން ހިނގާފައިވާ ފުރާނައަށް ނުރައްކާވާ ވަރުގެ ހާދިސާތަކާއި ފުރާނަ ގެއްލިގެން ދިޔަ ހާދިސާތަކުން ކަމަށެވެ.
އަދި އައްޑޫގައި ހުރި އިކުއެޓޯރިއަލް ހޮސްޕިޓަލްވެސް އެހެރީ އެހާލަތުގައި ކަމަށާއި، މިއީ ސަރުކާރުގެ ނާގާބިލްކަމާއި ކަންކަން ކުރަން ނޭނގުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުން ކަމުގައިވެސް މިއަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވެފައި ވެއެވެ.
އަދި ހަމައެފަދައިން، ޞައްޙަ ނޫން ސަޓިފިކެޓް ހިފައިގެން ބޭރު ޑޮކްޓަރުން އަންނަކަން ހެލްތެ މިނިސްޓްރީން ހާމަކުރުމަކީ ކަންބޮޑުވާކަމެއް ކަމަށާއި ރައްޔިތުންގެ ޞިއްޙީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުން ކުރަންޖެހޭކަމެއް ކަމުގައި ވިދާޅުވެ، މިކަންކަމުގެ ހައްލު ހޯއްދަވާ ދެއްވުމަށްވެސް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމްވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަންޖެހޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންވާނެކަމަށެވެ.