މަޝްހޫރު މެކްޑޮލްޑާއި، ސްޓާރބަކްސް އަދި ކޮކާ ކޯލާއިން ރަޝިއާގައި ވިޔަފާރިކުރުން ހުއްޓާލައިފި

މަޝްހޫރު މެކްޑޮލްޑާއި، ސްޓާރބަކްސް އަދި ކޮކާ ކޯލާއިން ރަޝިއާގައި ވިޔަފާރިކުރުން ހުއްޓާލައިފި

ދުނިޔޭގެ މަޝްހޫރު ވިޔަފާރި ބްރޭންޑްތައް ކަމުގައިވާ މެކް ޑޮނަލްޑާއި ސްޓާބަކްސް އަދި މަޝްހޫރު ކޮކާ ކޯލާއިން ރަޝިއާގައި ކުރަމުންއައި ހުރިހާ ވިޔަފާރުތަކެއް ހުއްޓާލައިފިއެވެ.

މި ކުންފުނިތައް ހިމެނިގެން ދިޔައީ، ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން، ރަޝިއާއި ވިޔަފާރި ކުރުން ހުއްޓުމަކަށް ގެންނަމުންދާ ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވެގެން ދިޔަ މަޝްހޫރު 3 ކުންފުންޏެވެ.

މެކްޑޮނަލްޑުން ބުނެފައިވާ ގޮތުގައި، އެކުންފުނިން ރަޝިއާގައި ހިންގަމުންދާ 850 ރެސްޓޯރަންޓު ވަގުތީގޮތުން ބަންދު ކުރުމަށް ނިންމާފައި ވާކަމުގައެވެ. އަދި ސްޓާރބަކްސްއިން ބުނެފައިވަނީ އެކުންފުނިން ރަޝިއާގައި ހިންގާ 100 ކޮފީ ޝޮޕްތައް ބަންދު ކުރާނޭ ކަމުގައެވެ.

މެކްޑޮލަންޑު ކުންފުނިން ބުނެފައިވަނީ، މިއީ ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އެގައުމުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުމަށް އިޖާބަ ދިނުމުގެ ގޮތުން އެ ކުންފުނިން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. އައި މެކްޑޮނަލްޑުން ރަޝިއާގައި ހިންމުންދާ 850 ރެސްޓޯރަންޓް ދެން އަލުން ހުޅުވޭނެ ތާރީހެއް އަންދާޒާކުރަން ނޭގޭ ކަމުގައިވެސް އެކުންފުނިން ބުނެފައި ވެއެވެ.

"ޔޫކުރެއިންގައި ހިގަމުންދާ ހަމަނުޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ޔޫރަޕަށް ކުރިމަތިވަމުންދާ އިންސާނީ ކާރިއާއަކީ ދުލަކުން ބަޔާންކުރެވޭ ވަރަށްވުރެ މާ ވޭންހުރި ކާރިސާއެއް،" މެކްޑޮނަލްޑުގެ ހުރިހާ މުވައްޒިފުންނަށް އެކުންފުނީގެ ޗީފް އެގްޒެކެޓިވް ކުރިސް ކެމްޕްޒިންސްކީ ފޮނުއްވާފައިވާ، މިހާރު އާންމުކޮށްފައިވާ މެމޯގައި ލިޔުއްވާފައި ވެއެވެ.

"އެހެނިހެން ގައުމުތަކެކޭވެސް އެއްފަދައިން، މި އުދުވާން ކުށްވެރިކޮށް އަދި ހަމަޖެހުމާއި ސުލްހައަށް އެދި ދުޢާކުރަން."

މެކްޑޮނަލްޑުން ބުނެފައިވާ ގޮތުގައި ރަޝިއާގައި ވިޔަފާރި ކުރުން ހުއްޓުމަކަށް ގެނައިނަމަވެސް، އެގައުމުގައި ތިބި އެކުންފުނީގެ 62،000 މުވައްޒިފުންނަށް އަދި މުސާރަދެމުން ދާނޭކަމުގައެވެ. ހަގުރާމަ ފެށުނުފަހުން، ރަޝިއާގައި ކުންފުނީގެ ސަޕްލައި ޗެއިންއަށްވެސް ވަނީ ބުރޫ އަރާފައެވެ.

މެކްޑޮނަލްޑާއި ކޮކާ ކޯލާ އަދި ބޮޑެތި އެހެން ކުންފުނިތަކަށްވެސް ވަނީ ރަޝިއާގެ އުދުވާން ކުށްވެރި ކުރުމުގެ ގޮތުން ރަޝިއާގައި ކުރަމުންދާ ވިޔަފާރިތައް ހުއްޓާލުމަށް ޕްރެޝަރުތަކާ ކުރިމަތި ލާންޖެހިފައެވެ.

މިގޮތުން ފާއިތުވެދިޔަ ހަފްތާ ބަންދުން ފެށިގެން ޓުވިޓަރގައި #BoycottMcDonalds އަދި #BoycottCocaCola ހޭޝް ޓެގްތައްވަނީ އާންމުވާން ފަށާފައެވެ.

މެކްޑޮނަލްޑްގެ އެންމެ ގިނަ ރެސްޓޯރަންޓުތައް ހުންނަނީވެސް ރަޝިއާގައެވެ. މިގޮތުން، މި ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ރެސްޓޯރަންޓުތަކުގެ %9 ފުޑް އައުޓުލެޓްތައް ހުންނަނީ ރަޝިއާއި ޔޫކުރެއިންގައެވެ. ޔޫކުރެއިންގައި މެކްޑޮލަންޑުގެ 108 ރެސްޓޯރަންޓު ހުރެއެވެ.

ކޮފީ ޗެއިންއެއް ކަމުގައިވާ ސްޓާބަކްސްގެ 100 ކޮފީ ޝޮޕް ރަޝިއާގައި ހުންނައިރު، ކުވައިތުގެ އަލްޝާޔާ ގުރޫޕުން ހިންގާ މި ކުންފުނީގެ ތަންތަންވެސް ވަގުތީގޮތުބް ބަންދުކުރުމަށް ނިނމާފައިވާއިރު، އެކުންފުނިންވެސް ބުނެފައިވަނީ، ރަޝިއާގައި މިވަގުތު ތިބި ކުންފުނީގެ 2،000 މުވައްޒިފުންނަށް އަދި މުސާރަ ދެމުން ދާނޭކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކުން މިހާރުވަނީ ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ޔޫކުރެއިންއާއި އިންވެގެން އޮތް ބެލަރޫސްއިން ރަޝިއާއަށް އެހީތެރި ވެދީފައި ވާތީ، މި ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގައުމުތަކުން ބެލަރޫސްވެސް ހިމަނާފައި ވެއެވެ.

އަދި މީގެ އިތުރުން ދުނިޔޭގެ ގިނަ އަދަދެއްގެ ބޮޑެތި ކުންފުނިތަކުންވަނީ ރަޝިއާގައި ހިންގަމުން އައި ވިޔަފާރިތައް ހުއްޓާލާފައެވެ. މީގެތެރޭގައި ކާރު އުފައްދާ ބޮޑެތި ކުންފުނިތައް ކަމުގައިވާ ޓޮޔޯޓާއާއި މަޒްޑާ ހިމެނޭއިރު، މުޅި ދުނިޔޭގައި ފަރނީޗަރު ވިޔަފާރި ކުރާ އިކިއެއަރއާއި، އަދި މާސްޓަރ ކާޑާއި ވިސާރ ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނިވެސް ހިމެއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު 4 އެކައުންޓިން ފާރމްގެ ތެރޭގައި ހިމެނޭ ދެ އެކައުންޓިންގ ފާރމް ކަމުގައިވާ ކޭޕީއެމްޖީއާއި ޕްރައިސްވޯޓަރހައުސްކޫޕަރސް އިންވެސް ވަނީ ރަޝިއާގައި މަސައްކަތް ކުރުން ހުއްޓާލާފައިވާއިރު، މަޝްހުރު ތެޔޮ ކުންފުނި ޝެލްއިން ވަނި ރަޝިއާގެ ކުރޫޑް އޮއިލް ގަތުން ހުއްޓާލާފައިވާކަން އިއުލާން ކޮށްފައެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުންވެސް ވަނީ ރަޝިއާގައި ހިންގަމުން އައި އޮފީސްތައް ބަންދު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *