ޓެރަރިޒަމްއާއި ގުޅޭ ގޮތުން ތަހުގީގީ އިދާރާތަކަށް ލިބެމުންދާ އިންޓެލިޖެންސް މައުލޫމާތުތަކުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ޓެރަރިޒަމް މަނާ ކުރުމާއި ގުޅޭ އާންމު ގަވާއިދުގައި އޮންނަނީ، އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލު ކުރެވޭ މައުލޫމާތުގެ ތަފާސްހިސާބުތަކުގެ ރިޕޯޓެއް ކޮންމެ ތިން މަހަކުން މިނިސްޓަރަށް ހުށަހެޅުމަށެވެ. އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާން ކުރާ އެ ނުކުތާ އިސްލާހުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ. އަދި މިއަދުން ފެށިގެން އެއަށް އަމަލު ކުރަމުން ދާނެ ކަމަށް އޭގައިވެއެވެ.
އެ ގަވާއިދަށް މިއަދު ގެެނައި އިސްލާހުގައިވާ ގޮތުން އެފަދަ މައުލޫމާތު ހިއްސާކުރާ މިންވަރުގެ ތަފާސްހިސާބު ރިޕޯޓެއް ހޯމް މިނިސްޓަރުގެ އިތުރުން ރައީސަށް ވެސް ކޮންމެ ތިން މަހުން އެއްފަހަރު ފުލުހުން ފޮނުވަން ޖެހޭނެއެވެ.
ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާ ނިޒާމުގައި ހިމެނެނީ ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން އެމްއެމްއޭއެވެ.
ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތަކާއި ކުރިމަތިލުމަށް އެންމެ މުހިންމު ކަމަކީ، ސަލާމަތީ ޚިދުމަތްތަކުން ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ޙިއްޞާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މީގެ ކުރިން ސިފައިންނާއި ބައްދަލު ކުރައްވާ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ