ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހާ އެ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ގެނެސްދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙއްމަދު މުޢިއްޒު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފިއެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން މޭޔަރު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ އާބާދީގެ ގިނަ ބަޔަކު ބޭނުންކުރާ ޓެކްސީ ހިދުމަތަކީ އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ޚިދުމަތެއް ކަމަށެެވެ.
މޭޔަރު މުޢިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ޓެކްސީ ޑްރައިވަރުން ދަތުރުތަކުގެ އަގުތަށް ބޮޑު ކުރަން ނިންމާފައިވަނިކޮށް ސަރުކާރުން އެކަން ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ.
މާލެ އަދި ހުޅުމާލެ އެތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި އިރު ޕެޓްރޯލް ލީޓަރެއް ލިބެނީ 8ރ. އަށެވެ. އެކަމަކު، އިއްޔެ އިން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ. އަށް އުފުލުމުން، މާލެ ސަރަޙައްދުގައި ޚިދުމަތް ދެމުން އަންނަ 14 ޓެކްސީ ސެންޓަރަކުން ވަނީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފަ އެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައަޅަނީ ޓްރާންސްޕޯޓް މިނިސްޓްރީން ފާސްކޮށްގެންނެވެ. އެހެންކަމުން އަގަށް ގެންނަން ބޭނުންވާ ބަދަލުތައް ޓެކްސީ ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާވެސް ހިއްސާކޮށްފައެވެ.
މާލެ ސަރަޙައްދުގައި ކަނޑައަޅާފައިވާ އަގުތަކަށްވުރެ އިތުރަށް ޓެކްސީ ދަތުރުތަކުން އަގު ނަގާނަމަ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ފިޔަވަޅުއަޅާނެކަމަށް ފުލުހުންޓާއި ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު ހުޅުމާލެ ނުހިމެނޭހެން މާލެގެ އެތެރޭގައި ކުރާ ދަރެއް، ނުވަތަ މާލެ ނުހިމެނޭހެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނުވަތަ ދެވަނަ ފިޔަވަހީގެ އެތެރޭގައި ކުރާ ކޮންމެ ދަތުރަކަށް ނެގޭނީ ގިނަވެގެން 25 ރުފިޔާއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރަކަށް ގިނަވެގެން ނެގޭނީ 40 ރުފިޔާއެވެ. މާލެ އާއި އެއަރޕޯޓާ ދެމެދު ނުވަތަ ހުޅުމާލެއާއި އެއަރޕޯޓާ ދެމެދު ކުރާ ކޮންމެ ދަތުރަކަށް ނެގޭނީ ގިނަވެގެން 60 ރުފިޔާއެވެ. 75 ރުފިޔާ ނެގޭނީ މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާދެމެދު ނުވަތަ އެއަރޕޯޓާއި ހުޅުމާލެ ދެވަނަ ފިޔަވައްސާދެމެދު ކުރާ ދަތުރުތަކަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް ނެގޭނީ ގިނަވެގެން 90 ރުފިޔާއެވެ. މި އަގުތަކުގެ އިތުރަށް މެންދަމު 12:00 އިން ހެނދުނު 6:00އަށް ކުރާ ކޮންމެ ދަތުރަކަށް ކަނޑައަޅާފައިވާ އަގުތަކަށްވުރެ އިތުރަށް 5 ރުފިޔާ ނެގިދާނެއެވެ.
ކޮމެންޓު ފޮނުވާ