ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަދި ރަޝިއާއިން ހިންގަމުންދާ ޖަރީމާތައް ތަހުގީގު ކޮށްދިނުމަށް އެދި ޔޫކުރެއިންއިން ބައިނަލްއަގުވާމީ ޖިނާޢީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ރަޝިއާއިން ދެކޮޅު ހަދައިފިއެވެ.
މިގޮތުން ދަ ހޭގުގައި ހުންނަވާ ރަޝިއާގެ އެމްބެސެޑަރ އެެލެގްޒެންޑަރ ޝުލްގިން ވަނީ އޭނާގެ ގައުމުން މި އަޑުއެހުންތަކުގައި ބައިވެރި ނުވާނޭކަން ހާމަ ކުރައްވާފައެވެ.
ޔޫއެން ސިސްޓަމްގެ ތެރޭގައި ހިމެނޭ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުވަނީ، މި އަޑުއެހުންތަކަށް ރަޝިއާއިން ހާޒިރު ނުވުމަކީ އޭނާ ހިތާމަ ކުރައްވާ ކަމެއްކަމަށް ވިދާޅުވެފައެވެ.
މި އަޑުއެހުމަށް ވަޑައިގެންނެވި ޔޫކުރެއިން ތަމްސީލު ކުރައްވާ އެންޓޮން ކޮރިނެވިޗް އަޑުއެހުމުގައި ވިދާޅުވެފައިވަނީ: "މިތަނުގައި ރަޝިއާއަށް ޚާއްސަ ކުރެވިފައިހުރި ގޮނޑިތައް ހުސްކޮށް ހުރި ހުރުމަކީ އޭގެއިން ވަރަށް ގިނަ ކަންކަން ތަމްސީލު ކޮށްދޭކަމެއް. އެމީހުން މިތާކު ނެތް، އެމީހުން ތިބީ ހަނގުރާމައިގެ މައިދާނުގައި،" ކަމުގައެވެ.
އަދި އޭނާވަނީ، ޔޫކުރެއިންގައި ހަގުރާމައިގެ ޖަރީމާތައް ހިގަމުން ނުދާކަމަށް ބުނެ، އަދި އެއީ އުދުވާން ކުރިޔަށް ގެންދިއުމަށް ދައްކާ އުޒުރަކަށް ހަދާ، ހަގުރާމާމައިގެ ޖަރީމާތަކާއި ބެހޭ މުއާހަދާއާއިވެސް ރަޝިއާއިން ޚިލާފް ވެގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
"ޕުޓުން ދަނީ ދޮގުހަދަމުން، ޔޫކުރެއިންގެ ރައްޔިތުން ދަނީ މަރުވަމުން،" އޭނާ ވިދާޅުވިއެވެ.
ޔޫކުރެއިންވަނީ، އެގައުމުގައި ރަޝިއާއިން ހިންގަމުންދާ އުދުވާން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު މެދުވެރިވެގެން ހުއްޓުވުމަކަށް ގެނައުމަށް އެކޯޓުގައި އެދިފައެވެ. އަދި އިތުރަށް މީހުން މަރުވަމުން ދިއުން ހުއްޓުމަކަށްޓަކައާއި ގަތުލުޢާންމެއްކަމުގައި ބެލެވޭދަފަ އެއްވެސް އަމަލެއް ހިގައިގެން ދިޔަ ނުދިނުމާއި އެފަދަ އެއްވެސް ކަމަކަށް މަގުފަހިވިޔަ ނުދިނުމުގެ ގޮތުން، ރަޝިއާގެ އަސްކަރީ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް ގެނައުމަށްވެސް މި ކޯޓުގައި ޔޫކުރެއިންއިންވަނީ އެދިފައެވެ.
ރަޝިއާއި އަދި ޔޫކުރެއިންއަކީވެސް ބައިނަލްއަގުވާމީ ޖިނާޢީ ކޯޓުގެ މެމްބަރުންނެވެ. އަދި މި ދެގައުމަކީވެސް، ގަތުލުޢާންމުތަކާބެހޭ މުއާހަދާގައި ސޮއި ކޮށްފައިވާ ދެގައުމުވެސްމެއެވެ.