އެމެރިކާގެ އިންތިޚާބީ ނާއިބު ރައީސާ ކާމަލާ ހެރިސް

އިންތިޚާބީ ނާއިބު ރައީސާ، ކަމަލާ ހެރިސްއަކީ ކާކު؟

އިންތިޚާބީ ނާއިބު ރައީސާ، ކަމަލާ ހެރިސްއަކީ ކާކު؟

2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެއްގޮތަށްވުރެ ގިނަގޮތުން ފާހަގަ ކޮށްލެވޭ އިންތިޚާބެކެވެ.

މި އިންތިޚާބުގައި އެމެރިކާގެ ރައީސްކަން ކާމިޔާބު ކުރެއްވި ކުރީގެ ނާއިބުރައީސް އަދި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ޖޯ ބައިޑްވަނީ މިހާތަނަށް އެމެރިކާގެ ތާރީޚުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ރިޔާސީ ކެޑިޑޭޓެއްގެ ގޮތުން އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

މިއީ މިހާތަނަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދަމަހައްޓަމުން އައި ރެކޯޑެކެވެ.

ބައިޑް އަދި ކަމަލާ ހެރިސް ރިޔާސީ އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅުކުރުމުގައި

މީގެ އިތުރުން މިއިންތިޚާބު ވަކީން ޚާއްސަވެގެންދާ އަނެއް ސަބަބަކީ، މިއިންއިންތިޚާބު ޖޯ ބައިޑްން ކާމިޔާބު ކުރެއްވުމާއިއެކު، އެމެރިކާގެ ތާރީޚުގައި އަންހެން ބޭކަބަލަކު ފުރަތަމަ ފަހަރަށް އެމެރިކާގެ ނާއިބު ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންނެވުމެވެ.

ކުރީގެ ޕްރޮސެކިއުޓަރެއް ކަމުގައިވާ އަދި މިހާރުގެ ކެލިފޯނިއާގެ ސެނެޓަރ ކާމަލާ ހެރިސް އެމެރިކާގެ ނާއިބު ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންނެވީ، އެކަމަނާއަކީ އެމެރިކާގެ ނާއިބު ރައީސްކަން ކުރައްވާނެ ފުރަތަމަ އަންހެން ބޭފުޅާއަށް ވުމުގެ އިތުރުން، ތާރީޚުގައި ލިޔެވިގެންދާނެ އިތުރު އެހެން ވާހަކަތަކާއިވެސް އެކީގައެވެ.

ކަމަލާ ހެރިސް

ކަމަލާ ހެރިސް، ފުރިހަމަ ނަމުންނަމަ، ކަމަލާ ޑެވީ ހެރިސް އަކީ އެމެރިކާގައި ބައިމަދު، ކަޅު ނަސްލަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭކަބަލެކެވެ. އުފަންވެ ވަޑައިގަތީ 1964 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު، އެމެރިކާގެ ކެލިފޯނިއާގެ އޯކްލޭންޑްގައެވެ.

އެމަނާއަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށްފަހު، ކަޅު ނަސްލުން ގައުމުގެ އެންމެ މަތީ މަގާމާއި ހަމައަށް ދަތުރެވުނު ހަމައެކަނި ބޭފުޅާވެސް މެއެވެ. އަދި މީގެ އިތުރަށް ކަމަލާ ހެރިސްއަކީ އެމެރިކާގައި ދިރިއުޅޭ ތަފާތު ނަސްލުތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން އެމެރިކާގެ ނާއިބު ރައީސްކަމާއި ހަމައަށް ދަތުރު ކުރެއްވުނު ސައުތު އޭޝިޔާއަށް ނިސްބަތްވާ ހަމައެކަނި ބޭފުޅާވެސްމެއެވެ.

ކަމަލާ ހެރިސް އެންމެ ފުރަތަމަ އެމެރިކާގެ ސެނެޓަށް އިންތިޚާބު ވެވަޑައިގަތީ 2016 ވަނަ އަހަރު ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކެލިފޯނިއާގެ ސްޓޭޓުގެ ގޮޑިއަށެވެ. އެކަމަނާ ހިމެނިގެންދިޔައީ އެމެރިކާގެ އިންޑިއާ ދަރިކޮޅުން އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ ބޭފުޅާއަށެވެ. އަދި ދެވަނައަށް އެމެރިކާގެ ސެނެޓަށް އިންތިޚާބުވި އެރިކާގެ އެފްރިކާ ދަރިކޮޅުގެ ބޭފުޅާ ކަމުގައިވެސްމެއެވެ.

އެމެރިކާގެ ސެނެޓަށް އިންތިޚާބު ވެވަޑައިގެންނެވުމުގެ ކުރިން 2011 އިން 2017 އަށް މަސައްކަތް ކުރެއްވީ ކެލިފޯނިއާ ސްޓޭޓުގެ ސްޓޭޓު އެޓާނީއެއްގެ މަގާމުގައެވެ.

ކަމަލާ ހެރިސް ބޮޑުފުޅު ވެގެންއައީ އެމެރިކާގައި ނަސްލީ ފަތާތުކުރުންތައް އިންތިހާއަށް އޮތް ދުވަސްވަރެއްގައެވެ. އަދި އުމުރުގެ ކުރީކޮޅުގައި ދިރިއުޅުއްވި ސިޓީތައް ކަމުގައިވާ އޯކްލޭންޑާއި އަދި ކެލިފޯނިއާގެ ބާކްލީއަކީވެސް ނަސްލީ މައްސަލަތައް އޭރު އިންތިހާއަށް ގިނަ ސިޓީތަކެކެވެ. ނަތީޖާއެއްގެ ގޮތުން ކިޔަވާ ވިދާޅުވުމަށްފަހު، މަސައްކަތްކުރައްވާފައި ވަނީވެސް، ގެވެށި އަނިޔާއާއި އަދި ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކުގައި ދިފާޢީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.

މަންމައާއި ބައްޕަ

ހެރިސްގެ މަންމާފުޅަކީ އިންޑިއާއިން އެމެރިކާއަށް ހިޖްރަކުރި އަންހެނެކެވެ. ނަމަކީ ޝިޔަމާލާ ގޯޕަލަންއެވެ. ބައްޕާފުޅަކީ ޖެމެއިކާއިން އެމެރިކާއަށް ހިޖުރަކޮށް އެގައުމުގައި ވަޒަންވެރިވީ މީހެކެވެ. ނަމަކީ ޑޮނަލްޑް ހެރިސްއެވެ.

ކަމަލާ ހެރިސް އެކަމަނާގެ މަންމަ ޝިޔާމަލާ އަދި ހަނގު ކޮއްކޮ މަޔާއާއެކު

1938 ވަނަ އަހަރު ޖެމެއިކާއަށް އުފަންވި ޑޮލަންޑް އެމެރިކާއަށް ހިޖުރަކުރީ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ބާކެލީންއިން ޕީއެޗްޑީ ހާސިލް ކުރެއްވުމަށެވެ. 1972 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާއި ހަމައަށް ޑޮނަލްޑް މަސައްކަތް ކުރެއްވީ ސްޓެންފޯޑް ޔުނިވާސިޓީގައި ކިޔަވާ ދެއްވުމުގައެވެ. އަދި 1998 ވަނައަހަރު ވަނީ އާލީ ރިޓަޔަރަމަންޓަށް ވަޑައިގެންފައެވެ. ޑޮނަލްޑް މަސައްކަތުގެ ގިނަ ދުވަސްތައް ހޭދަ ކުރައްވާފައިވަނީ، އިގްތިސާދީ ކުރިއެރުމާއި އިޖުތިމާޢީ ހަމަހަމަކަމާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވާ ލެއްވުމުގައެވެ.

ކަމަލާ ހެރިސްގެ މަންމައާއި ބައްޕަ ފުރަތަމަ ބައްދަލުވެފައިވަނީ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ބާކެލީ ފޯރ ގްރޭޖުއޭޓް ސްކޫލުއިންނެވެ. އުމުރުން 19 އަހަރުގައި އިންޑިއާގެ ދިއްލީ ޔުނިވާސިޓީން ގްރޭޖުއޭޓް ވެވަޑައިގަތުމަށްފަހު ޝިޔާމަލާ އެމެރިކާގެ ބާކެލީއަށް ދިރިރުޅުން ބަދަލު ކުރެއްވީ ނިއުޓްރިޝަން އެންޑް އެންޑޯކްރިނޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވުމަށްޓަކައެވެ.

ބާކެލީ ޔުނިވާސީއަށް ވެންނެވުމުގެ ކުރިން ބައްޕާފުޅު ޑޮނަލްޑް ގްރޭޖުއޭޓް ވެވަޑައިގަތީ ޖެމައިކާގެ ޔުނިވާސިޓީ ކޮލެޖް އޮފް ވެސްޓް އިންޑީސް އިންނެވެ.

މި ދެބޭފުޅުން އެންމެ ފުރަތަމަ ބައްދަލު ވެފައިވަނީ، ބާކެލީ ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ގުރޫޕަކުން، ޔުނިވާސީޓިގެ ކަރިކުލަމްގައި ކަޅު ނަސްލުގެ ލިޔުންތެރިންގެ ވާހަކަތައް ގެނެސްފައި ނުވާތީ އެކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި ކިޔަވާކުދިންގެ މިގްރޫޕުން ކޮންމެ އަދީއްތަ ދުވަހަކު އެއްވެ، ސިޔާސީ ކަންކަމާއި، އިސްތިއުމާރީ ބާރުތަކުން މިނިވަންވެ ތިބުމާއި އަދި އެކްޓިވިޒްމްއާއި ބެހޭގޮތުންވެސް ބަހުސްކުރެވެ.

ކަމަލާގެ ބައްޕާފުޅު ޑޮނަލްޑް ވިދާޅުވާ ގޮތުގައި ޑޮނަލްޑަށް އެންމެ ފުރަތަމަ ޝިޔާމަލާ ފާހަގަ ވެގެންދިޔައީ، މިގްރޫޕުން އެއްދުވަހު ބޭއްވި އެއްވުމެއްގައި، އޭނާ ވާހަކަ ދައްކަވާ ނިމުނުތަކާ ކަހަލަ ގޮތަކަށް، ޝީޔާމަލާ އަމިއްލަފުޅަށް ޑޮނަލްޑަށް ތައާރަފްވުމާއި ގުޅިގެންނެވެ. ޑޮނަލްޑް ވިދާޅުވެފައިވާ ގޮތުގައި މިދުވަހުވެސް އޭނާއަށް ޝިޔާމަލާ ސިފަަވެގެންދިޔައީ، މިބައްދަލުވުމުގައި ތިބި އެހެން އެންމެންނާއި މުޅިން ތަފާތު، ޝައުވެރިވަނިވި ގޮތަކަށެވެ. އަދި ޝީޔާމަލާގެ މައްޗަށް އެންމެ ބޮޑަށް ޝައުގުވެރިވީ ޝިޔާމަލާގެ ހުރި މަޑުމައިތިރިކަމާއި އިހުތިރާމްކުރުމުގެ ސިފައެއްގެ ސަބަބުންކަމަށް ޑޮނަލްޑް ވިދާޅުވެފައި ވެއެވެ. މިއަށްފަހުން މިދެބޭފުޅުން ގިނަގިނައިން ބައްދަލުވެ، އެބައްދަލު ވުންތައް ތާރީޚުގެ ތެރެއަށް ވަދެގެންދިޔައީ ކަމަށް ކާމަލާ ހެރިސްގެ ބައްޕާފުޅު ކިޔައިދެއްވާފައި ވެއެވެ.

ކަމަލާ ހެރިސްގެ މަންމަ ޝިޔާމަލާ ގޯޕާލަންއާއި ބައްޕަ ޑޮނަލްޑް ހެރިސް

ޝާމަލާ ހެރިސްގެ މަންމާފުޅު ވިދާޅުވެފައިވާ ގޮތުގައި އުމުރުން 19 އަހަރުގައި އެމެރިކާއަށް ބަދަލުވީ އެއްވެސް ހާލެއްގައި އެމެރިކާގައި ދިރިއުޅުއްވުމުގެ މަގުސަދުގައެއް ނޫނެވެ. އަދި އެމެރިކާއަށް ބަދަލު ވެވަޑައިގެންނެވި އިރުވެސް މަގުސަދަކީ، ކިޔާވާ ނިމުމަށްފަހު އެބުރި އިންޑީއާއަށް ވަޑައިގަތުމެވެ.

ޝިޔާމަލާ ވިދާޅުވާ ގޮތުގައި މިހުރިހާ ޕްލޭނެއް ބަދަލު ކުރެއްވީ ޑޮނަލްޑެވެ. އަދި 2003 ވަނަ އަހަރު ޝިޔާމަލާ ވިދާޅުވެފައި ވަނީ "އެއީ ވަރަށް ކުރީގެ ވާހަކައެއް. އަހަރެންނަށް މީހަކު ދެކެ ލޯބި ވެވުނީ. ދެން އިދެވުނީ. އިދެވުނު ތަނާ ކުދިން ލިބުނީ" މިހެންނެވެ. މިދެބޭފުޅުން ކައިވެނި ކުރައްވާފައިވަނީ ސްކޫލުގައި ކިޔަވަމުން ދަނިކޮށެވެ.

ކަމަލާ ހެރިސްގެ މާންމާފުޅަކީ އިންޑިއާގެ ޓޭމިލްނާޑޫގައި ދިރިއުޅޭ އެމެރިކާ ދަރިކޮޅުގެ މީހެއްގެ ދަރިއެކެވެ. މަންމާފުޅު އުފަންވީ އިންޑިއާގެ ޓޭމިލްނާޑޫގެ އިރުދެކުނުގެ ސަރަހައްދަކަށެވެ.

މަންމާފުޅު ވަނީ 2009 ވަނަ އަހަރު ނިޔާވެފައެވެ. މަންމާފުޅަކީ އުރަމަތީގެ ކެންސަރާއި ބެހޭގޮތުން ތަފާތު ދިރާތައް ކުރައްވަމުން ގެންދެވި ބޭކަބަލެކެވެ.

ޅަފަތުގައި އިންޑިއާއާއި ޖެމެއިކާއަށް ވަރަށް ގިނައިން ވަޑައިގެންނެވި

ކަމަލާ ހެރިސް އެކަމަނާގެ އިންސްޓަގްރާމު އެކައުންޓުގައި ލިޔުއްވާފައިވާ ގޮތުގައި ކުޑައިރު، ކާފަގެ އަރިހަށް އިންޑިއާއަށް ޒިޔާރަތްކުރާ ހަދާން ހުރެއެވެ. އަދި އޭރު އިންޑިއާގައި، ކާފަ ކާފަގެ ރައްޓެހިންނާއެކީ އަތިރިމަތީ ހިގާފައި ދާއިރު ކާފާއެކީ ވަޑައިގަންނަވާ ހަދާން ހުރެއެވެ. މިގޮތަށް ވަޑައިގަންނަވާއިރު، ކާފައާއި ކާފަގެ ރައްޓެހިން، މިނަވަންކަމަށްޓަކާ ހަގުރާމަ ކުރުމުގެ މުހިންމުކަމުގެ ވާހަކަތަކާއި މަދަނީ ހައްގުތަކުގެ ވާހަކަ ދައްކަވާ ހަދާން ހުންނަކަމަށް ކާމަލާ ލިޔުއްވާފައި ވެއެވެ. އަދި ވިދާޅުވާ ގޮތުގައި އެކަމަނާ ގަބޫލު ކުރަައްވާ ގޮތުގައި މިއަދު މިހާހިސާބަށް އާދެވުމުގެ ހަގީގީ ސިއްރަކީ އެދުވަހު ކާފައާއި އެކީ އަތިރިމަތީގައި ހިންގެވި ހިންގެވުމެވެ.

ކަމަލާ ހެރިސް ކާފަ ވީޕީ ގޯޕާލަންއާއެކު

ކަމަލާ ހެރިސްގެ ބައްޕާފުޅު ވިދާޅުވެފައިވާ ގޮތުގައި ކާމަލާގެ ޅަފަތުގައި ވަރަށް ގިނައިން ދަރިފުޅު ގޮވައިގެން ޖެމެއިކާއަށް ދަތުރު ކުރައްވާފައި ވެއެވެ. ބޭނުމަކީ ޖެމެއިކާގެ ސަގާފަތާއި ތާރީޚާއި ގުޅުން ހުންނަ ކަންކަން ކަމަލާ އަށް ދަސްކޮށްދެއްވުމެވެ.

ކައިވެނި ބައްލަވައިގަތުން

ކަމަލާ ހެރިސް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެމެރިކާ އިސްރާއީލީ ދަރިކޮޅަށް ނިސްބައްވާ ޑޮގްލަސް އެމްހޯފްއާއި އެވެ. އޭނާއަކީ ގާނޫނީ ވަކީލެކެވެ. ފިރިކަލުން އެމްހޯފްއާއި ކާމަލާ ކާއިވެނި ބައްލަވައިގެންނެވީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.

ކަމަލާ ހެރިސް އަދި ފިރިކަލުން އެމްހޯފް

މި ކައިވްންޏަކީ ކަމަލާ ހެރިސްގެ އަލަތު ކައިވެންޏަށް ވިނމަވެސް، އެމްހޯފްގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެކުދިން ތިބެއެވެ. ކަމަލާ ވިދާޅުވާ ގޮތުގައި އެމްހޯފްއާއި ދެބޭފުޅުން ކައިވެނި ބައްލަވައިގަތުމަށްފަހު، އެމްހޯފްގެ ކުރީގެ ބަޑަށް ލިބިލައްވާފައިވާ ދެކުދިނާއި އުފެދުނު ގާތްކަން ވެގެންދިޔައީ މަންމައަކާއި އަމިއްލަ އުފަންދަރިންނާއި ދެމެދު އޮންނަ ފަދަ ގާތް ގުޅުމަކަށެވެ. ދެބޭފުޅުން ކައިވެލި ބައްލަވައިގެންނެވި އިރު، މިދެކުދިންވެސް ވަރަށް ކުޑައެވެ. އެހެންމަވެސް ކަމަލާގެ އަރިހުގައި ތިއްބަވައިގެން ފުރާވަރަށް އަރައިގެން ދިޔައިރު، މިދެ ކުދިން ކަމަލާއަށް ކިޔުއްވާ ނަމަކީ، އިގިރޭސި ބަހުން މަންމައަށް ކިޔާ ނަމުގެ ފަހަތަށް ކަމަލާގެ ނަމުގެ ފަހަތުބައާއި ގުޅުވައިގެން 'މާމަލާ' އެވެ.

ކަމަލާ ހެރިސް ފިރިކަލުން އަދި ދޮން ދަރިންނާއެކު

ކަމަލާ ހެރިސްގެ މިހާރު ފިރިކަލުން އެމްހޯފް އެންމެ ފުރަތަމަ ކައިވެނި ބައްލަވައިތަކީ 1992 ވަނަ އަހަރު ކާސްޓިން ނަމަކަށް ކިޔާ އަންހެން ކަބަލަކާއެވެ. އެކީގައި 16 އަހަރު ހޭދަ ކުރެއްވުމަށްފަހު މި ދެބޭފުޅުން ވަރިވިކަމުގައި ވިޔަސް ދެބޭފުޅުންގެ ދެމެދުގައިވެސް ވަރަށް ރަގަޅު ގުޅުމެއް އޮންނަކަމަށް ވެއެވެ. އަދި އެމްހޯފްގެ ފުރަތަމަ އަބިކަބަލުން ކާސްޓިން ވޮލަންޓިއަރެއްގެ ހައިސިއްޔަތުން ކާމަލާ ހެރިންސްގެ މިއަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދީވައިވެސް އެވެވެ.

އެމެރިކާގެ ނާއިބުރައީސްކަމަށް

ކަމަލާ ހެރިސްވަނީ މިއަހަރުގެ ރިޔާސީ ރޭހަށް ވެދެ ވަޑއިގަންނަވަން މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް، އެކަށީގެންވާ ކާމިޔާބެއް ލިބިވަޑައި ނުގެންނެވުމާއެކު، ޕަރައިމަރީއަށް އަލްވަދާޢު ކިޔުއްވިއެވެ.

އެހެންނަވެސް ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ރަނިންގ މޭޓެއްގެ ގޮތުގައި އަންހެން ބޭފުޅަކު އިޚްތިޔާރު ކުރައްވާނެކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާ، 2020 ވަނަ އަހަރުގެ އޮގްސްޓުމަހުގެ 11 ވަނަ ދުވަހު، ކަމަލާ ހެރިސް އޭނާގެ ރަނިންގ މޭޓަކަށް ހަމަޖެއްސެވިކަން ޖޯބައިޑް އިއުލާން ކުރެއްވިއެވެ.

ދެބޭފުޅުން އެކީގައި ރިޔާސީ ރޭހަށް ނިކުންނަވާ، އިންތިޚާބު ކާމިޔާބު ކުރެއްވިކަން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އިއުލާން ކުރެއްވިއެވެ.

އެމެރިކާގެ ތާރީޚުގައި އެންމެ ފުރަތަމަ ނައިބްރައީސްކަން ކުރައްވާނެ އަންހެން ކަމަނާގެ ގޮތުގައި ކަމަލާ ހެރިސް އެމެރިކާގެ ތާރީޚުގެ ތެރެއަށް ވެދެވަޑައިގަންވާނީ އެގައުމުގެ 47 ވަނަ ނައިބު ރައީސްގެ ގޮތުގައެވެ.

އެމެރިކާގެ އިންތިޚާބީ ނާއިބު ނައީސެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ގައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ކަމަލާ ހެރިސް ވިދާޅުވެފައި ވަނީ މިހެންނެވެ. "އަހަރެންނަކީ އެމެރިކާގެ އަންހެން ފުރަތަމަ ނާއިބު ރައީސާއެވެ. އެހެންނަމަވެސް، އަހަރެންނަކީ އެމެރިކާގެ އެންމެ ފަހުގެ އަންހެން ނާއިބު ރައީސާއަކަށް ނުވާނަމެވެ".

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *