އަވައްޓެރި ސްރީލަންކާގައި ހުންނަ އިންޓަނޭޝަނަލް ސްކޫލް ތަކުގެ މެދުގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ދެ އުމުރުފުރާއިންވެސް ޗެމްޕިއަންކަން ދިވެހި ކޯޗެއްގެ އިރުޝާދުގެ ދަށުން ނުކުތް އެލީތިއާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
ސްރީލަންކާގައި ހުންނަ ރޯޔަލް އިންސްޓްޓިއުޓް އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމު ކޮށްގެން ބޭއްވި "އިންޓަރ އިންޓަނޭޝަނަލް ސްކޫލް ޖީ.ޓީ ބަންޑާރަ ޗެލެންޖް ޓްރޮފީ" ގެ މިމުބާރާތުގެ 14 އަހަރުން ދަށާއި، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އެލީތިއާ އިންޓަނޭޝަނަލް ސްކޫލް ހޯދީ ދިވެހި ކޯޗު އިސްމާއީލް ރިޔާޒް (އިއްސެ) ގެ ހެޑް ކޯޗު ކަމުގައި ނުކުމެއެވެ.
ސްރީލަންކާގައި ހުންނަ އިންޓަރނޭޝަނަލް ސްކޫލް ތަކުގެ ތެރެއިން 13 ސްކޫލެއް ބައިވެރިވި މިމުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އެލީތިއާ ހޯދީ ފައިނަލުގައި ލައިޒިއަމް އިންޓަރނޭޝަނަލް ސްކޫލް ވައްތަލަ، 2-0 ން ބަލިކޮށްފައެވެ. 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އެލީތިއާ ހޯދީ ލައިޒިއަމް އިންޓަރނޭޝަނަލް ސްކޫލް ނުގޭގޮޑާ، 2-1 ން ބަލިކޮށްފައެވެ. ދެ އުމުރުފުރާގެ ޗެމްޕިއަންކަން ދިވެހި ކޯޗަކާއެކު އެލީތިއާ ހޯދިއިރު، މިއީ ފާއިތުވީ 15 އަހަރުގެ ތެރޭގައި ފުޓްބޯޅައިގައި އެ ސްކޫލް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އެލީތިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންވެސް ތައުލީމް ޙާސިލް ކުރަމުން އަންނަ ސްކޫލެކެވެ. ނަމަވެސް އެލީތިއާގެ ފުޓްބޯޅަ ޓީމުގައި ދިވެހި ދަރިވަރަކު މިފަހަރު ހިމެނިފައެއް ނުވެއެވެ.

ލަންކާގެ އިންޓަރނޭޝަނަލް ސްކޫލް ތަކުގެ ޗެމްޕިއަންކަން އިއްސެގެ ކޯޗު ކަމުގައި އެލީތިއާ ހޯދިއިރު، އިއްސެއަކީ ލަންކާގައި ދިވެހި ސަރުކާރުން ހިންގާ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ) ނުވަތަ ސޯސަންވިލާގެ ފުޓްބޯޅަ ޓީމު ތަކުގެވެސް ހެޑް ކޯޗެވެ. އިއްސެގެ ކޯޗު ކަމުގައި ސޯސަންވިލާވެސް މީގެކުރިން ވަނީ ލަންކާގައި އޮތް ބަޔެއް މުބާރާތް ތަކުގެ ތަށި ހޯދާފައެވެ. ނަމަވެސް ނިމިދިގެންދިޔަ މުބާރާތަކީ ސޯސަންވިލާ ބައިވެރިވާ މުބާރާތެއް ނޫނެވެ.

އިއްސެއަކީ ފުޓްބޯޅައިގެ އިތުރުން ބެޑްމިންޓަން ކޯޗެއްވެސް މެއެވެ. އޭނާ ވަނީ ރާއްޖޭގެ ކުލަބު ލެވެލްގައި ފުޓްބޯޅަ އާއި ބެޑްމިންޓަންވެސް ކުރިން ކުޅެފައެވެ. ލަންކާއަށް ދިރިއުޅުން ބަދަލުކޮށް، އޭނާ ވަނީ ލަންކާގައި ދިރިއުޅޭ ވަރަށްގިނަ ދިވެހި ކުދިންނަށް ފުޓްބޯޅަ އާއި ބެޑްމިންޓަންގައިވެސް ކޯޗު ކޮށްދީފައެވެ. އަދި ލަންކާގެ ބަޔެއް ސްކޫލް ތަކުގެ ކޯޗުކަން މީގެކުރިންވެސް އޭނާކޮށް ރަނގަޅު ކާމިޔާބުތަކެއް ހޯދައިދީފައި ވެއެވެ.
ކޮމެންޓު ފޮނުވާ