ޝަހީދުގެ ދުވަހުގެ ޒިކުރާ އާކޮށް، އިބްރަތް ހާސިލްކުރަންޖެހޭ: މުއިއްޒު

ޝަހީދުގެ ދުވަހުގެ ޒިކުރާ އާކޮށް، އިބްރަތް ހާސިލްކުރަންޖެހޭ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2022 03:26
0

މިއަދު ފާހަގަކުރަމުން މިދާ ޝަހީދުންގެ ދުވަހާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު މުހިންމު މެސެޖެއް ދެއްވައިފިއެވެ.

ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން، މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ޝަހީދުވި ޢަބްޠާލުންގެ ޒިކުރާ އާކޮށް، އެ މަތިވެރި ޤުރުބާނީތަކުން ޢިބްރަތް ޙާޞިލުކޮށް، ޤައުމީ ރޫޙް އަޅުގަނޑުމެންގެ ޅަދަރިންނާއި، ޒުވާނުންނާއި، އެންމެހާ އަފްރާދުންގެ ހިތްތަކުގައި އާލާކުރުމަށް ގޮވާލައްވާފައެވެ.

ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމަށްޓަކައި ޝަހީދުވި އަބްޡާލުންގެ ޒިކުރާ އާކޮށް، އެ މަތިވެރި ޤުރުބާނީތަކުން ޢިބްރަތް ޙާސިލްކޮށް، ޤައުމީ ރޫޙް އަޅުގަނޑުމެންގެ ޅަދަރީންނާއި، ޒުވާނުންނާއި، އެންމެހާ އަފްރާދުންގެ ހިތްތަކުގައި އާލާކުރަމާތޯ. ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުން އަރިސްކުރަން!

– މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ޝަޢްބާން މަހުގެ 1 ވަނަ ދުވަހަކީ 9 ވަނަ ޙަސަން ރަސްގެފާނު ފޮނުއްވައިގެން ދިވެހިރާއްޖެއަށް އައިސް ޢުދުވާނީ ޙަމަލާދިން ގޯއާގެ ޕޯޗުގީޒުންނާއި ހަނގުރާމަކުރައްވަނިކޮށް، އެއިރުގެ މަހާރަދުން ޢައްޞުލްޠާން ޢަލީ 6 (ޢަލީ ރަސްގެފާނު) ޝަހީދުވެވަޑައިގެން ދުވަހެވެ.

މިދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެއްޓުނީ ޢަލީ ރަސްގެފާނު ޝަހީދުވީތާ 435 އަހަރު ފަހުން، ޙިޖްރައިން 1400 ވަނަ އަހަރުގެ ޝަޢްބާންމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަހެއް ފާހަގަކުރާތާ މިވީ 43 އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.