އިކްރާމް، މުއިއްޒަށް: މިނިސްޓަރު ކަމުގެ 5 އަހަރުގައި ގޯތި ނުދިނީ ކީއްވެތޯ؟

އިކްރާމް، މުއިއްޒަށް: މިނިސްޓަރު ކަމުގެ 5 އަހަރުގައި ގޯތި ނުދިނީ ކީއްވެތޯ؟

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2022 11:13
0

ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ގޯތި ނުދިނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒުއަށް ސުވާލު ކުރައްވައިފިއެވެ.

މާލޭގެ މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޭން ނިންމާފައިވާ 1،000 ގޯތި ހިލޭ ދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވަނީ ރައީސް ޞާލިހުގެ ކިބައިން އެދިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 22 ގައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރަށްރަށުގައި ހިއްކައިގެން ބިން ދޫކުރާ އުސޫލުން މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ އިން ގޯތި ދިނުމުގައި ވެސް ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މުއިއްޒު ރައީސަށް ފޮނުވި ސިޓީއާއި ގުޅިގެން އިކްރާމް ވިދާޅުވީ، ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބި ވަޒީރު ކަމުގައި ހުންނަވައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޯށް ނުދީ މިއަދު މިކަން ކުރަން އުޅުމަކީ ސިޔާސީ ގޮތުން މަކި ކަމެއް ހާސިލް ކުރަން އުޅުންކަމަށެވެ.

ޕީޕީއެމް ވެރިކަމުގެ 5 އަހަރުގައި އެކަން އެގޮތަށް ނުކޮށް، މިހާރު އެދުނީމާ މުއިއްޒު ފިތުނަ އުފައްދަން އުޅޭ މިންވަރު ރައްޔިތުންނަށް ވަރަށް ސާފުވާނެ. ހަލާކަށް ސިޔާސީ މަސައްކަތްކުރުން ހުއްޓާލާ.

– އިކްރާމް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ. މި މައްސަލަ ޙައްލުކޮށްދެވުމަށް ރަށްރަށަށް ބިން އިތުރުކުރުމަށް، ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި 60 ބިމެއް ވިއްކަން އިއުލާންކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަޓޯ
7 އަހަރު
މ މުންޖިޗޭ
މިނިސްޓަރުކަމުގެ 5 އަހަރުދުވަހުގެ ތެރޭގައި ބިންހިއްކާފަ ގޯތި ދޭށޭބުނީ. ކޮންވާހަކައެއް ދައްކާކަށް! އެވަރުންވެސް ގޯތިދޭން ނުކެރެންޏާ އިސްތިއުފާދީފަ ދިޔައިމަ ނިމުނީ.