އީމާންގެ އެލަވަންސް އާއިލާ އަށް ދޭން ފާސްކޮށްފި

އީމާންގެ އެލަވަންސް އާއިލާ އަށް ދޭން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2022 05:24
0

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަލްމަރްޙޫމާ އައިމިނަތު އީމާން އަށް ލިބެމުންދިޔަ އެލެވެންސް އާއިލާއަށް ދިނުމަށް އެދި ސަރުކާރަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 42 ވަނަ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ހުށަހަޅުއްވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ތާއީދު ކުރެއްވި މި ހުށަހެޅުއްވުމުގައި ވަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ލިބެމުން ދިޔަ -/5000 ރުފިޔާގެ އެލަވެންސް 05 އަހަރު ދުވަހުގެ ދައުރު ހަމަވަންދެން މަރްޙޫމާ އީމާންގެ އާއިލާއަށް މެދުކެނޑުމެއްނެތި ސަރުކާރަށް ހުށަހަޅައިގެން ދިނުމަށެވެ.

އެއާއިއެކު މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ވަނީ ފާސްވެފައެވެ. ހުޅުމާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އީމާން ނިޔާވުމާއި ގުޅިގެން މިއަދުގެ ޖަލްސާގައި ވަނީ 1 މިނެޓްގެ ސުކޫތެއް ގެނެސްފައެވެ.

ޢުމުރުން 29 އަހަރުގެ އީމާން އެކްސިޑެންޓްވީ ހުޅުމާލެ ކުރެދިމާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ވެއްޓިގެންނެވެ. އެކްސިޑެންޓް ހިނގީ އާދިއްތަ ދުވަހު ހަވީރު 4:25 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އީމާންގެ ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ.

މި އެކްސިޑެންޓުގައި އީމާންގެ ބޮލަށް ހާނީއްކަވެ، ވަރަށްގިނައިން ލޭ ފައިބާފައި ހުރި މަންޒަރުވެސް އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު ސީރިއަސް ވެގެން ފަހުން ވަނީ އޭޑީކޭއަށް ބަދަލު ކޮށްފައެވެ. އީމާން ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.