ފައްޔާޒުގެ ޓީމުން އެދުނުގޮތަށް، އިންތިޚާބު ފަސްކުރަން އިންތިގެ ޓީމުން ދެކޮޅު

ފައްޔާޒުގެ ޓީމުން އެދުނުގޮތަށް، އިންތިޚާބު ފަސްކުރަން އިންތިގެ ޓީމުން ދެކޮޅު

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2022 02:35
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ތާރީހު ބަދަކު ކުރުމަށް ހުށަހަޅާފައިވާ ހުށެހެޅުމަށް މިއިންތިޚާބުގައި ވާދަކުރާ އިމްތިޔާޒު ފަހުމީގެ ޓީމުން ދެކޮޅު ހަދައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފޯރިގަދަވެ ޕާޓީގެ ތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައި ވެއެވެ. މި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް މިތާރީހު ވަންނަނީ ރޯދަމަހަށް ކަމަށްވުމުން އިންތިޚާބު ފަސްކޮށް ދިނުމަށް ފައްޔާޒުގެ ޓީމުން ވަނީ އެދިފައެވެ.

ފައްޔާޒުގެ ޓީމުން ހުށަހަޅާފައިވާ މި ހުށަހެޅުމަށް ތާއީދު ނުކުރާނެކަން ހާމަކޮށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގެ ތަރުޖަމާނު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ އިންތިޚާބު ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި މިއިންތިޚާބު މިހާރު ކަނޑައެޅިފައިވާ ފާތީހަށްވުރެ ފަސްކުރަން ދެކޮޅުކަމަށެވެ. ނަމަވެސް އިންތިޚާބު އަދިވެސް އަވަސް ކުރާނަމަ ތައްޔާރުކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހޭތީ އެ ލިސްޓު މިހާރު އޮތީ އާއްމުކޮށްފައެވެ.

މި އިންތިހާބު ކާމިޔާބު ކުރުމުގެ ކެމްޕޭންގައި ފެންނަނީ އެމްޑީޕީގެ ހިޔާލުތަފާތުވުންތައް ބޮޑުވެ ދެ ފަޅިން ބަހުގެ ހަމަލާތައް ބަދަލުކުރުމާ އެކު ތުހުމަތުތައް އަޅުވާ މަންޒަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ނުކުންނެވި ފައްޔާޒުގެ ކެމްޕޭނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް، ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތާ އެކު މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

މިބަހުސްގައި ދެފެކްޝަނަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރެވި، އެމްޑީޕީގެ ތެރޭގައި އެކި ބޭފުޅުންގެ ބާރުވެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.