އައްޑޫގައި ޕައުލްޓްރީ ފާމެއް ޤާއިމުކޮށް ދިރޭ ކުކުޅު އާލާކޮށް ވިއްކުމުގެ މަސައްކަތް އައްޑޫ ކުންފުންޏަކުން ފަށައިފިއެވެ.
މާރިޗުމަހުން ފެށިގެން ދިރޭ ކުކުޅު ވިއްކުމުގެ މަސައްކަތް ފަށާއިރު މިކަމަށްޓަކަައި ހިތަދޫ ބަނދަރުގައި ބީޓެކު ކުންފުނިން ހިންގާ މަސް މާރުކޭޓުގައި މިކަމަށްޓަކައި ރަސްމީއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އަދި ކައުންސިލް މެންބަރުންގެ އިތުރުން އައްޑޫގެ ކުރީގެ މޭޔަރ ހައިސިއްޔަތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ސޯދިޤްވެސް ބައިވެރިވެވަޑައިގަތެވެ. ދިރޭ ކުކުޅު ވިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިފަދަ ވިޔަފާރި ފުޅާކުރުމަށް އައްޑޫއަށް ދިރޭ ތަކެތި ގެނައުމުގައި މިހާރު މާބޮޑެތި ހުރަސްތަކެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ކަރަންޓީން ފެސިލީޓީއެއްވެސް އެއްކޮށް ޤާއިމުކޮށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ނިޒާރު ވިދާޅުވިއެވެ.
ބީޓެކް ޕޯލްޓްރީ ފާމްގެ ދިރޭ ކުކުޅު ރާއްޖޭގެ މާކެޓަށް ވިއްކަން ފެށުން އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. ބީޓެކް ޕޯލްޓްރީ ފާމްއަކީ އިންޑަސްޓްރިއަލް ސްކޭލެއްގައި އައްޑޫސިޓީ އަދި މުޅިރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ޕޯލްޓްރީގެ މަސައްކަތް ކުރެވޭ ފާމް. pic.twitter.com/5Rn1z6tmaF
— Addu City Council (@AdduCityCouncil) March 1, 2022
މި ޕައުލްޓަރީ ފާމް ހިންގާ ބީޓެކް ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި ފުރަތަމަ ޝިޕްމެންޓުގައި 5000 ބިސް ގެނެސް ކާމިޔާބުކަމާއި ކުކުޅުތައް އާލާކޮށް، މިހާރު ވަނީ ވިއްކަން ފަށާފައެވެ. ބީޓެކް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ވިދާޅުވި ގޮތުގައި، މިތަނުގައި މިހާރުވެސް ދުވާލެއްގެ މައްޗަށް 1000 ބިސް ހެޗަރީން ނެރެވޭނެ ނިޒާމު ޤާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޮޕަރޭޝަން އިތުރަށް ފުޅާކޮށް ދިރޭ ކުކުޅާއި އެކު ބިސްވެސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގައި އިންޑަސްޓްރިއަލް ސްކޭލެއްގައި ކުކުޅު ފާމެއް ފަށާފައިވާއިރު، މިއީ ރާއްޖޭގައިވެސް މިހާ ބޮޑުކޮށް މިމަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ