ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

Author
މުޙައްމަދު ޖިމީ
01 މާރޗް 2022 03:03
0

ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ކުންފުނީގެ ވެރިޔާ އަދި ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ، ނ.އަތޮޅުގައި ހިންގަމުން އަންނަ އިރުފުށި، ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައެވެ. މި މައްސަލާގައި ސިޔާމްގެ އިތުރުން އޭނާގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަންވެސް މިދިޔަ މަހުގެ 9ގައި ޢަމުރުކޮށްފައިވެއެވެ.

މި މައްސަލާގައި ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަންވެސް ސިވިލް ކޯޓުން ކުރިން ޢަމުރެއް ނެރެފައިވެއެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013ވަނަ އަހަރުއެވެ.

އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ. ކޮންޓްރެކްޓް ބާޠިލްކުރި ސަބަބެއް މިހާތަނަށް ސަންޓްރެވަލް އިން ވެސް އަދި ހިލްޓަންއިން ވެސް ހާމަކޮށްފައެއް ނުވެއެވެ. ދުނިޔޭގައި އެތައް ސަތޭކަ ހޮޓަލެއް ހިންގާ ހިލްޓަން އިން ވެސް ހަމައެކަނި ބުނެފައި ވަނީ ރިސޯޓުގެ މެނޭޖްމަންޓު އެ ކުންފުނިން ވަކިކުރީ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ސަން އިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގައެވެ. އެ ކުންފުނީގެ ރިސޯޓު ވިޔަފާރި މިހާރު ވަނީ "ސަން ސިޔާމް"ގެ ނަމަށް 2014 ވަނަ އަހަރުގެ ފެބުރުއަރީގައި ބަދަލުކޮށްފައެވެ.

ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން މައްސަލަ ހުށަހަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.