ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ ކޯޓުން މައްސަލަ ބޭރުކޮށްލައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ވަޒީރުކަމުގައި ހުންނަވަނިކޮށް ދައުވާ އުފުލި ފުރަތަމަ މައްސަލައެވެ. މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫންކަމަށް ކަނޑައެޅުމަށްފަހުއެވެ. ދައުލަތުން މި މައްސަލާގެ ހުރި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކޮޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާކަމަށެވެ.
މިގޮތަށް ކްރިމިނަލް ކޯޓުން ނިންމެވީ،އެ އެފަދަ މައްސަލަތަކުގައި މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރައްވައެވެ.
މަޙުލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީއެވެ.
ޚިޔާނާތުގެ ތުހުމަތުތާކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރި ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއި ގުޅިގެން ސަރުކާރުންވަނީ މަޚްލޫފްގެ ސަސްޕެންޝަން އުވާލައްވާފައެވެ.
އެންމެފަހުން އޭނާ މަސައްކަތުގެ މާހައުލުން އެކަހެރިކުރިތާ 4 މަސް ފަހުން ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުގައެވެ.
މިނިސްޓަރ މަޚުލޫފުވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަށް ދޮގުކުރައްވައި، ފައިސާ ލިބުނު މުޢާމަލާތަކީ ޑޮލަރު ގަތުމުގެ ސައްޙަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ