އެމްޑީޕީގެ ތެރެއިން ދަނީ ރައީސްއާއި ދެކޮޅަށް އުދުވާނީ ހަމަލާ ރާވަމުން: ޝަރީފް

އެމްޑީޕީގެ ތެރެއިން ދަނީ ރައީސްއާއި ދެކޮޅަށް އުދުވާނީ ހަމަލާ ރާވަމުން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2022 09:42
0

އެމްޑީޕީގެ ތެރެއިން ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަތްފައި ބުރިކޮށް، އެމަނިކުފާނާއި ދެކޮޅަށް އުދުވާނީ ހަމަލާތައް ރާވަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ޝަރީފް ވިދާޅުވީ މަޖިލިސް ތެރެއިން އިދިކޮޅު މެމްބަރުން ނުކުރާ މަސައްކަތް ރައީސާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކުރަމުންދާތަން ފެންނަ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުތައްވެސް ނިގުޅައިގަނެ އެމަނިކުފާގެ އަތްފައި ބުރިކޮށްލުމަށް، އެމްޑީޕީ ތެރެއިން ކުރަމުންދާ މަސައްކަތަކީ ކާމިޔާބުވާނެ މަސައްކަތެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސަށް ލިބިދޭ ބާރުގެ ދަށުން ވަޒީފާ ދެއްވާފައިވާ ބޭފުޅުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާނަމަ، އެމީހަކު ވަޒީފާއިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެއްކަމަށެވެ. މަސައްކަތް ނުކުރާމީހުން މަޤާމުތަކުގައި ބައިތިއްބައިގެން މުސާރަ ދިނުމަކީ ރައީސުލްޖުމްހޫރިއްޔަ ކުރައްވަންޖެހޭ ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނު އަސާސީފެ 115 ވަނަ މާއްދާއިން ލިބިދޭ ހައްގު ނިގުޅައި ގަތުމަށް، މަޖިލީޙުގައި އިދިކޮޅު މީހުން ނުކުރާ މަސައްކަތް އެމްޑީޕީގެ ތެރެއިން ކުރާތަން މި ފެންނަނީ، މިއީ ރައީސާ ދެކޮޅަށް ހިންގޭ އުދުވަނީ ހަމަލާއެއް.

– ޝަރީފް ވިދާޅުވިއެވެ.

ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ބާރުތަކަކީ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާގެ ދަށުން، ތަފާތު ނުކުރުމުގެ ހަމަތަކުގެ މަތިން ބޭނުން ކުރައްވަން ޖެހޭނެ ބާރުތަކެއް ކަމަށެވެ.

ވެރިކަން ކުރާ ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކާއި އާންމު ވަޒީފާތަކުގައި ވެސް ތިބި ވަޔަކު ވަޒީފާއިން ވަކި ކުރުމާއި، ވަކި ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމަކީ މި ހަމަހަމަކަން އޮތް ކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ބޭނުން ރައީސް ޞާލިހު ކުރައްވަމުން ގެންދަވަނީ ވަރަށް ސިޔާސީ ގޮތަކަށް ކަމުގައެވެ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގުމުގެ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު މިބާރުތަކުގެ ބޭނުން ކުރަމުންދަނީ ސިޔާސީ ގޮތަކަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.