ރާއްޖޭގައި ކޮންމެ 4000 މީހަކަށް ދަނޑެއް އޮންނާނެ: މަޚްލޫފް

ރާއްޖޭގައި ކޮންމެ 4000 މީހަކަށް ދަނޑެއް އޮންނާނެ: މަޚްލޫފް

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2022 11:44
0

ރާއްޖޭގައި ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ މަޝްރޫޢު ނިމޭއިރު އާބާދީގެ ކޮންމެ 4000 މީހަކަށް ދަނޑެއް އޮންނެކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ މަޚްލޫފް ޙާޒިރުކުރައްވާފައިވަނީ ތި.ވޭމަންޑޫގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށައެޅުއްވި ސުވާލަށް ޖަވާބު ހޯއްދެވުމަށެވެ. އެ ސުވާލަށް ޖަވާބުދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ ވޭމަންޑޫ ދަނޑާއި، އެނޫންވެސް ބައެއް ދަނޑުތަކުގެ މަސައްކަތް ނުނިމި ލަސްވަނީ މިނިސްޓްރީގެ މައްސަލައަކުން ނޫންކަމަށެވެ. އެއީ ކުރަންޖެހޭ ބައެއް މަސައްކަތްތަކުގެ ގިނަކަމުން ދިމާވާ އެހެނިހެން އެކި ކަންކަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ރައްޔިތުން ކުޅެން އޮންނަނީ 600 ދަނޑުކަމަށާއި، އެއީ އާބާދީގެ ކޮންމެ 111،000 މީހަކަށް އެއް ދަނޑުކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދަނޑުތައް ތަރައްޤީކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަމަށާއި، އެ މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ އާބދީގެ ކޮންމެ 4000 މީހަކަށް ދަނޑެއް އޮންނާނެކަމަށެވެ. އަދި އެ ދަނޑުތަކުގެ މަޝްރޫޢު ކުރިއަށްދާގޮތާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށްވެސް މިނިސްތަރ މަޚްލޫފް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި މި އޮންނަނީ 600 ފުޓުބޯޅަ ޓާފު ދަނޑު. އެއީ 111،000 މީހުނަށް ދަނޑެއް. އެކަމު މިހާރުވެސް ރާއްޖޭގައި މިތިން އަހަރު ކުރެވުނު މަސައްކަތުން 11،000 މީހުނަށް ދަނޑެއް އެބަ އޮތް އިނގޭތޯ. އަދި ފަސް އަހަރު ނިމޭއިރު ހުރިހާ ދަނޑެއް ނިމުމުން 4،000 މީހުނަށް ދަނޑެއް އޮންނާނެ.

– އަޙްމަދު މަޙްލޫފް

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މި މަޝްރޫޢުތަކަކީ ރާއްޖޭގައި ފުޓްބޯޅައަށް ފޯރި އޮތް މިންވަރަށް ބަލާއިރު މުހިންމު ކަމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.