މި ފެބްރުއަރީމަހުގެ 24ވަނަ ދުވަހު، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް އެރުމަށް ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން އޯޑަރު ކުރިކަން އިއުލާން ކުރައްވަމުން އޭނާ ވިދާޅުވި، ގިނަބައެއް ޝައުގިވެރިކަން ހުއްޓުނު އަދި "ބޮލުގައި ރިއްސާލި" އެއް އިބާރާތެއް ވެއެވެ.
އަހަރެމެންނާއި ދެކޮޅަށް ތެދުވަނީ ކޮންބައެއްތޯ ނުބަލާނަން.. އަހަރެމެންގެ ގައުމާއި ރައްޔިތުންނަށް ނުރައްކާ ކޮށްފިނަމަ، އެމީހުން ދަންނަން ޖެހޭނެ ރަޝިއާއިން ވަގުތުން ރައްދު ހަމަލާ ދޭނެކަން، އަދި އޭގެ ނަތީޖާއަކީ ދުނިޔޭގެ ތާރީޚު ދުވަހަކުވެސް ދެކެފައި ނުވާވަރުގެ ގޮންޖެހުމަކަށް ވެގެންދާނެ.
ޔޫކުރެއިންއަށް އެގައުމުގެ ސިފައިން އަރަން އަންގާ އޯޑަރު ކޮށްފިކަން އިއުލާން ކުރައްވަމުން ޕުޓިން ވިދާޅުވެފައި ވެއެވެ.
އަދި ޕުޓިންގެ މި އިންޒާރު އިތުރަށް ސާފުކޮށްދެއްވަމުން ވިދާޅުވެފައި ވަނީ: "މިއަދު ރަޝިއާއަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ނިއުކުލިއަރ ބާރު" ކަމުގައެވެ.
ޔޫކުރެއިންއަށް ރަޝިއާގެ އަސްކަރިއްޔާއިން އެރުމަށް ޕުޓިން ދައްކަވާފައިވާ ގިނަ ހުއްޖަތްތަކުގެ ތެރޭގައި، ޔޫކުރެއިން ނިއުކުލިއަރ ހަތިޔާރު ހޯދަން އުޅޭ ކަމަށްވެސް ޕުޓިން ތުހުމަތު ކުރައްވާފައި ވެއެވެ.
އެހެންނަމަވެސް، ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓުންގެ ޑިރެކްޓަރ އޮފް ދަ ނިއުކުލިއަރ އިންފޮރމޭޝަން ޕްރޮޖެކްޓު، ހާރންސް ކުރިސްޓެންސެން ވިދާޅުވެފައިވާ ގޮތުގައި، ޔޫކުރެއިންއިން ނިއުކުލިއަރ ހަތިޔާރުގެ ގާބިލްކަން ހޯދަން އުޅޭކަމުގެ އެއްވެސް ހެއްކެއް އަދި ދަލީލެއް މިހާތަނަށް ފެންނާކަށް ނެތެވެ.
ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމާލާދީ، އަދި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ "ވަރުގަދަ" އަސްކަރިއްޔާގެ ބާރުގެދަށް ގެނައުމަށް ހަމަލާ ދެމުންދާތާ 4 ދުވަސް ފާއިތުވެގެން ގޮސްފައި ވަނިކޮށް، ފެބްރުއަރީމަހުގެ 27ވަނަ ދުވަހު ޕުޓިން ވަނީ، އިތުރު ފިޔަވަޅެއް ކުރިޔަށް އަޅުއްވާފައެވެ. އެއީ އެގައުމުގެ ނިއުކުލިއަރ ފައުޖުތައް "ކުއްލި ހާލަތަކަށް" (ހަނގުރާމައެއް ކުރަން ޖެހިދާނެ ފަދާ ހާލަތަކަށް ތައްޔާރަށް) ގެނައުމެވެ.
ރަޝިއާގެ ނިއުކުލިއަރ ފައުޖުތައް ކުއްލިހާލަތަކަށް ގެނައި ސަބަބެއް ކަމުގައި ރަޝިއާއިން ފަހުން ހާމަކޮށްފައި ވަނީ، ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން އެގައުމާދެކޮޅަށް އަޅަމުންދާ "ގާނޫނާއި ޚިލާފު" ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނިސޭޝަން (ނޭޓޯ)އިން ނެރެމުންދާ "ދެކޮޅުވެރިކަމުގެ" ބަޔާންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ.
ރަޝިއާއިން އެގައުމުގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަކަށް ގެނައިކަން އިއުލާން ކުރުމާއެކު، މަދު ވަގުތުކޮޅެއްގެ ތެރޭގައި ބައިޑްންގެ ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ވިދާޅުވެފައި ވަނީ "އެއްވެސް ހާލަތެއްގައި ނޭޓޯއިން ރަޝިއާއަށް ބިރު ދައްކާފައި ނުވާނެ" ކަމުގައެވެ.
އަހަރެންމެންގެ ކިބާގައި އަހަރެމެންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ވަރުގެ ގާބިލްކަން އެބަހުރި.
އޭބީސީ ނިއުސްގެ "ދިސް ވީކް" އާއި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

ރަޝިއާގެ ނިއުކުލިއަރ ބާރު!
އެންމެ ކުރު އިބާރާތަކުން ދަންނަވާނަމަ، ރަޝިއާއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ނިއުކުލިއަ ބާރެވެ. މާނައަކީ، އެމެރިކާއަށް ވުރެ ގިނައިން އެގައުމުގައި ނިއުކުލިއަރ ހަތިޔާރު އެބަހުއްޓެވެ.
މިގޮތުން ރަޝިއާގެ ސްޓޮކުގައި 6،000 އަށްވުރެ ގިނައިން ނިއުކުލިއަރ ހަތިޔާރު (ވާރހެޑް) ހުރިއިރު، އެމެރިކާގެ ސްޓޮކުގައި ހުރީ 5،500 ނިއުކުލިއަރ ހަތިޔާރެވެ. ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓުންގެ ޑިރެކްޓަރ އޮފް ދަ ނިއުކުލިއަރ އިންފޮރމޭޝަން ޕްރޮޖެކްޓު، ހާރންސް ކުރިސްޓެންސެން ވިދާޅުވާ ގޮތުގައި، ފެބްރިއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އެރިއިރު، ސްޓޮކުގައި ހުރި ގިނަ ވާރހެޑްތައް ހުރީ ރިޒާވްގައެވެ.
އަދި މީގެތެރިން، އެއްގަމާއި، ކަނޑާއި އަދި ވައިގެމަގުން ބޭނުންކުރެވޭ ގޮތަށް ހުރީވެސް 1،600 ނިއުކުލިއަރ ވާރހެޑެެވެ. މާނައަކީ މި ވާހެޑްތަކަކީ، ބިމުން، ކަޑުން ނުވަތަ ކަނޑުމަތީ މަނަވަރަކުން ޖައްވަށް ފޮނުވާލައިގެން، އަދި އޭގެ އިތުރުން ބޮން އަޅައިގެން ބޭނުން ކުރެވޭ ގޮތަށް ހުރި ވާރހެޑްތަކެވެ.
ނޯޓު: ޔުއެސްއެސްއާރު ރޫޅިގެން ދިޔައިރު، އެ ގައުމުން ސްޓްކް ކޮށްފައިހުރި ބައެއް ނިއުކުލިއަރ ވާރހެޑްތައް ޔޫކުރެއިންއަށް ލިބިގެން ދިޔައެވެ. އެހެންނަމަވެސް، ޔޫކުރެއިން ވަނީ މި ނިއުކުލިއަރ ވާރހެޑްތައް ރަޝިއާއާއި ފަހުން ހަވާލު ކޮށްފައެވެ. ޔޫކުރެއިން އަކީ، ޔޫއެސްއެސްއާރު ރޫޅިގެން ދިއުމާއެކު މިނިވަންކަން ލިބުނު ގައުމެކެވެ.
ދުނިޔޭގައި މިވަގުތު ނިއުކުލިއަރ ހަތިޔާރު ހުރީ މަދު ގައުމެއްގެ އަތުގައެވެ. އެ ގައުމުތަކަކީ، ރަޝިއާ އަދި އެމެރިކާގެ އިތުރުން، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް، އިންޑިއާ، ޕާކިސްތާން، އިސްރާއީލް އަދި އުތުރު ކޮރެއާއެވެ. ފާހަގަ ކޮށްލަންޖެގޭ މުހިންމު ނުކުތާއަކީ، ނިއުކުލިއަރ ހަތިޔާރު މިވަގުތު ދުނިޔޭގައި ހުރި ގައމުތަކުގައި ލިސްޓުގައި، ޔޫއެންގެ ދާއިމީ މެމްބަރު ގައުމުތަކުގެ ގޮތުގައި ހިމެނޭ ހުރިހާ ގައުމަކާއި، ނޭޓޯގެ 3 ގައުމެއް ހިމެނޭކަމެވެ. އަދި މި ހުރިހާ ގައުމުތަކަކީވެސް، ފާއިތުވި 10ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެގައުމުތަކުގެ ނިއުކުލިއަރ ހަތިޔާރުތައް ޒަމާނީ ކުރުމަށް މަސައްކަތް ކުރަމުން އައިސްފައިވާ ގައުމުތަކެވެ.

މިގޮތުން، ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި ގައުމުތަކުގައި ހުރި ނިއުކުލިއަރ ހަތިޔާރުގެ އަދަދުވަނީ، 80ގެ އަހަރުތަކުގައި އޮތް ފިނި ހަނގުރާމަ ނިމިދިއުމަށްފަހު %80 ދަށަށް ގޮސްގައެވެ. 1986 ގައި ދުނިޔޭގައި 70,300 ނިއުކުލިއަރ ވާރހެޑް ހުރިނަމަވެސް، މިހާރު ދުނިޔޭގައި ހުރިކަމަށް ހިސާބު ކުރެވިފައިވާ ނިއުކުލިއަރ ވާރހެޑްތަކުގެ އަދަކީ 12،700އެވެ. މާނައަކީ، މިއަދު މުޅި ދުނިޔޭގައި ހުރި ނިއުކުލިއަރ ހަތިޔާރުގެ %47 ހުރީ ރަޝިއާގައެވެ. އަދި %90 ވާރހެޑް ހުރީ އެމެރިކާއާއި ރަޝިއާގައެވެ.
ނިއުކުލިއަރ އެންމެ ހަމަލާއަކުން މުޅި ހަނގުރާމަ ނިމުމަކަށް އަންނާނެ!
އަދުގެ ދުނިޔޭގައި ހުރި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރުމުން ކުރާނޭ ގެއްލުމުގެ މިންވަރާއި އަދި ގޮތް ދެނެގަތުން އެއީ ދަތިކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ސަބަބަކީ ދެވަނަ ބޮޑު ހަގުރާމައަށްފަހު، ދުނިޔޭގައި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފައި ނުވާތީއެވެ. އަދި ހަމަ އެއާއެކު، މިއަދުގެ ނިއުކުލިއަރ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި، އާ ހޯދުންތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ދުނިޔޭގައި ހުރި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، އިންސާނުންނާއި މުޅި ދުނިޔެވެސް ތަހައްމަލް ކުރަންޖެހޭނޭ ގެއްލުމުގެ މިންވަރު އަންދާޒާ ކޮށްލަވެސް ދަތިކަމަކަށް ވާނޭކަމަށް ތަޖުރިބާކާރުން ދެކެވަޑައި ގަންނަވާތީވެސް މެއެވެ.
އެހެންނަމަވެސް، ދުނިޔޭގެ ގައުމުތަކުން މިހާތަނަށް ކޮށްފައިވާ ނިއުކުލިއަރ ޓެސްތަކުގެ މައްޗަށް ހިސާބުތައް ހަދާ، ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްގެން އިންސާނިއްޔަރު ތަހައްމަލް ކުރަންޖެހޭނޭ ގެއްލުމާއި، ވޭނާއި ކެކުޅުންތަކުގެ މިންވަރު އަންދާޒާ ކުރެވެން އެބަހުއްޓެވެ.
އުތުރު ކޮރެއާއިން 2017ވަނަ އަހަރު ޓެސްޓު ކޮށްފައިވަނީ، 140 ކިލޯ ޓަނުގެ ނިއުކުލިއަރ ހަތިޔާރެކެވެ. މި ބުރަދަނުގެ ނިއުކުލިއަރ ބޮމެއް ބައިބޯ ސިޓީއަކަށް (މިސާލަކަށް ޔޫކުރެއިންގެ ވެރިރަށް ފަދަ) ވައްޓާލައިފިނަމަ، މި ބޮމުގެ ގޮވުމުގެ ނަތީޖާއެއްގެ ގޮތުން 220،000 މީހުންގެ ފުރާނަ އެއް ވަގުތެއްގައި ނެތިގެން ދާނެއެވެ. އަދި ހަމަ އެވަގުތު 450،000 މީހުންނަށް އެކިވަރުގެ ބޮޑެތި އަނިޔާ ލިބިގެން ދާނެއެވެ. އަދި ކުރިޔަށް އަންނަ ދުވަސްތަކާއި، މަސްތަކާއި އަހަރުތަކުގައި މި ހަމަލާގެ އަސަރުކޮށް (ނިއުކުލިއަރ ރޭޑިއޭޝަންގެ އަސަރުކޮށް) އެތައް މިލިއަން ބައެއްގެ ފުރާނަ ނެތިގެން ދާނެއެވެ.
އެމެއިކާއިން 1945ވަނަ އަހަރު ޖަޕާނަށް ދިން ނިއުކުލިއަރ ހަތިޔާރުގެ ހަމަލާއަށް ބަލާއިރު، މިހަމަލާގައި އެއް ވަގުތެއްގައި 200،000 މަރުވިއެވެ. މިއަދުގެ ދުނިޔޭގެ ވެރިކަން ކުރާ ސިޓީތަކަކީ، އޭރުގެ ޖަޕާނުގެ ހީރޯޝީމާއާއި ނަގަސާކީއަށްވުރެ އެތައް ގޮތަކުން ބައިބޯ ސިޓީތަކެވެ. އެހެންކަމުން މިފަދަ ހަމަލާއެއްގެ ނަތިޖާއެއްގެ ގޮތުން، ލިބިގެންދާނެ ގެއްލުމާއި އިންސާނުން ކުރިމަތިލާންޖެހޭ ގިލަންވެރިކަމުގެ މިންވަރު އެތައް ގުނައެއް މަތިވާނެކަމުގައި ގަބޫލުކުރަން ޖެހެއެވެ.

2011ވަނަ އަހަރު ޖަޕާނުގެ ފުކުޝީމާއަށް އައި ވަރުގަދަ ބިންހެލުމަށްފަހު އައި ސުނާމީގައި، ފުކުޝީމާގެ އައްސޭރިފަށުގައި ހުރި ނިއުކުލިއަރ ޕްލާންޓުތައް ގޮވާ، ހިނގި ނިއުކުލިއަރ އެކްސިޑެންޓުގެ ނަތީޖާއެއްގެ ގޮތުން ރޭޑިއޭޝަން ބޭރުވެ، މި ޕްލާންޓު ހުރި ސަރަހައްދުގެ 30 ކިލޯމީޓަރުގެ ސަރަހައްދަކުން ވަގުތުން މީހުން ހުސްކުރަން ޖެހުނެވެ. އަދި އެ ހާދިސާއަށް 10 އަހަރު ފުރިގެން ދިޔައިރު، މި ޕްލާންޓު ހުރި ސަރަހައްދުގެ ވަށައިގެން އަދިވެސް މީހުން އާބާދުކުރުން ޖަޕާން ސަރުކާރުން މަނާކޮށްފައިވާ ސަރަހައްދުތައް ވެއެވެ.
އެހެންކަމުން، ޔޫކުރެއިންގައި ކުރިޔަށްދާ ހަގުރާމާގައި، އެގައުމުގެ ވެރިރަށް ހިފުމުގެ ގޮތުން ރަޝިއާއިން އެންމެ ނިއުކުލިއަރ ބޮމެއް އެގައުމުގެ ވެރިރަށަށް ވައްޓާލި ނަމަވެސް ހަގުރާމަ ނިމުމަކަށް އަންނާނެއެވެ. ޔޫކުރެއިންއަށް ވަގުތުން އަމާންދޭން މަޖުބޫރުވާނެއެވެ.
އެހެންނަމަވެސް އޭގެ ފަހުން، އިންސާނިއްޔަތަށް ދެން ކުރިމަތިލާން ޖެހޭނޭ ކެކުޅުންތަކާއި، ގިލަންވެރިކަމާއި، މިކަންކަމުގެ ވާހަކައަކީ މުޅިން އެހެން ނަޒަރިއްޔާތަކުން ދައްކަންޖެހޭ މުޅިން އެހެން ވާހަކަތަކަކެވެ.
ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށް ވަރުގަދަ!
ގިނަ ބަޔަކު މިއަދު ބުނަމުންދަނީ، ހަނގުރާމަ ފެށިތާ 4 ދުވަސް ފާއިތުވެގެން ދިޔައިރު، ރަޝިއާގެ މަގުސަދު ހާސިލްވަމުން ނުދާ ކަމުގައެވެ. އެހެންނަމަވެސް މި ހަގުރާމައަކީ، ހަތިޔާރާއި އަސްކަރީ ގާބިލްކަމުގެ ގޮތުން، "އުޑާއި ބިމާހާ" ތަފާތުކަން ބޮޑު ދެ ގައުމެއްގެ ދެމެދުގައި ހިގަމުންދާ ހަގުރާމައެކެވެ.
މި ތަފާތު ތަކާއެކުވެސް، ރަޝިއާއަށް އަދިވެސް ޔޫކުރެއިންގެ ވެރިރަށް އެގައުމުގެ ބާރުގެ ދަށަށް ގެނެވިފައެއް ނުވެއެވެ. އަސްކަރީ ތަޖުރިބާ ކާރުން މިހާރު ބުނަމުންދަނީ، ރަޝިއާއިން ވައިގެ މަގުން ހަމަލާދިނުމަށް މިހަގުރާމައަށް އެކަށިގެންވާ ގޮތެއްގައި ތައްޔާރު ވެފައި ނުވާކަމުގައެވެ. ޔޫކުރެއިންގެ އެތެރެއަށް ވަންނަ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަޕްލައި ލައިންތައް އެކަށީގެންވާ ގޮތަކަށް ގާއިމް ކުރެވިފައެއް ނުވެއެވެ. ލޮޖިސްޓިކްސް އެންމެ ރަގަޅަށް މަސައްކަތެއް ނުކުރެއެވެ. އަންދާޒާ ކުރެވުނު މިންވަރަށްވުރެ ގިނައިން ރަޝިއާ ސިފައިން މަރުވެއްޖެއެވެ.
އަދި މީގެ އިތުރަށް، ޔޫކުރެއިންގެ އަސްކަރިއްޔާގެ ފަރާތުން ކުރިމަތި ލާންޖެހުނު ދެކޮޅުވެރިކަމާއި، ރައްދު ހަމަލާތައް ރަޝިއާއިން އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ ވަރުގަދައެވެ. ދުނިޔޭގެ ގައުމުތަކުން އަދިވެސް ދަނީ ޔޫކުރެއިންގެ އަސްކަރިއްޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ދެވޭތޯ ގަދައަޅާ މަސައްކަތް ކުރަމުންނެވެ. އަދި ވަކީން ޚާއްސަކޮށް، ޔޫކުރެއިންގެ ރައްޔިތުން ރަޝިއާގެ އަސްކަރިއްޔާއަށް މަރުހަބާ ކިޔާނެކަމަށް ރަޝިއާއިން އުއްމީދު ކޮށްފައިވި ނަމަވެސް، ޔޫކުރެއިންގެ ރައްޔިތުންވެސް ދަނީ މަގުތަކުގައި ރަޝިއާގެ ސިފައިންނާ ހަގުރާމަ ކުރަމުންނެވެ.
މިހުރިހާ ސަބަކުތަކާއެކުވެސް، ރަޝިއާއަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު ގޮންޖެހުމަކީ، މުޅި ދުނިޔެ ކަހަލަ ގޮތަކަށް ރަޝިއާއި ދެކޮޅަށް ދެތުވުމުވެ. މިހާތަނަށް އައިއިރު ދުނިޔޭގެ 50 ގައުކަމުން ރަޝިއާއި ދެކޮޅަށް އެކި ބާވަތުގެ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މުޅި ޔޫރަޕް ބައްރުގެ ވައިގެ ސަރަހައްދު ރަޝިއާގެ މަތިންދާ ބޯޓުތަކަށް އޮތީ ބަންދު ކުރެވިފައެވެ. ކަނޑުމަގުންވެސް ރަޝިއާގެ ގިނަ ކުންފުނިތަކަށް ނިސްބަތްވާ ބޯޓު ފަހަރުތަކަށް، މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ދަތުރުކުރުން އުދަގޫ ދަތި ކަމަކަށް ވަނީ ވެފައެވެ.
އަދި މިހުރިހާ ކަމެއް ފަހަނައަޅާ، ދުނިޔޭގެ ގައުމެއްގައި ކުޅިވަރެއް ކުޅެން ޖެހުނު ނަމަވެސް، އެންމެ ކުޑަމިނުން، ފުޓުބޯޅަ މުބާރާތެއްގައިވެސް ރަޝިއާގެ ޓީމަކަށް ވާދަ ނުކުރެވޭ މިންވަރަށް ރަޝިއާ ވަނީ ބާކީ ވެގެން ގޮސްފައެވެ.

މިހުރިހާ ގޮންޖެހުމެއްގެ މައްޗަށް، އިގިރޭސިވިލާތާއި އަދި ޔޫރަޕް އިންތިހާދުގެ ގައުމުތަކުން ވަނީ، ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުމަކަށް ގަނައުމުގެ ގޮތުން، ސްވިފްޓް އިންޓަރނޭޝަނަލް ޕޭމަންޓު ސިސްޓަމުން (ފައިސާ ޓްރާންސްފަރ ކުރުމަށާއި އަދި އެނޫން މުޢާމަލާތްތައް ކުރުމަށްޓަކާ، ރައްކާތެރިކަމާއިއެކީ މެސެޖުތައް ފޮނުވުމަށް ދުނިޔޭގެ ބޭންކުތަކުން ބޭނުންކުރާ ނެޓްވާރކް) ރަޝިއާ ބޭރުކުރުމަށް ނިންމާފައެވެ.
އަދި ސުވިފްޓުން ބުނެފައިވަނީ، މި ނެޓްވާކުން ބޭރުކުރަން ޖެހޭ މުވައްސަސާތަކުގެ ތަފްސީލު އެކުލަވާލުމަށް ޔޫރަޕްގެ އޮތޯރިޓީތަކާއި މުޢާމަލާތް ކުރަމުން ދާކަމަށާއި، ގާނޫނީގޮތުން އަންގާ އެންގުންތައް ތަންފީޒު ކުރަމުން ދާންނެ ކަމަށެވެ.
ކޮންމެއަކަސް، ރަޝިއާގެ ބައެއް ބޭންކުތަކުން މިހާރުވެސް ބުނެފައިވަނީ، އެ ބޭންކުތަކުގެ ކާރޑުތައް މިހާރު ގައުމުން ބޭރުގައި ބޭނުން ނުކުރެވޭނެ ކަމުގައެވެ. އަދި ރަޝިއާގެ ފައިސާގެ އަގު މިހާރު މާރކެޓްގައި ދަށަށް ދާން ފަށާފައިވާއިރު، ކުރިމަތިވަމުންދާ އިގުތިސާދީ ލޮޅުންތަކަށް ރަޝިއާއަށް ހިފަހައްޓާލެވޭނީ ވަކި މުއްދަތަކަށް ކަމުގައި އިގްތިސާދީ މާހިރުން ދެކެވަަޑައިގަންނަވައެވެ.
އަދި މި ފިވަޔަޅުތަކާއެކުވެސް، ރަޝިއާގެ ސެންޓްރަލް ބޭންކުގައި 650 ބިލިއަން ޑޮލަރުގެ ރިޒާވެއް ހުރިހަމުގައި އެބޭންކުން ވަނީ ބުނެފައެވެ. އަދި އާންމު ކަސްޓަމަރުންގެ އެކައުޓުތައްވެސް ނުހިފަހައްޓާނޭކަމަށް ބުނެ، އާންމު މުއާމަލާތައް އާންމު އުސޫލުން ކުރިޔަށް ގެންދާނޭ ކަމަށް މި ބޭންކުން ބުނިނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ހުޅަނގުން ރަޝިއާއި ދެކޮޅަށް ދަތި ކުރަމުން ދިޔަވަރަކަށް އޭގެ އަސަރު ރަޝިއާއަށް ދާނީ އިހުސާސް ވަމުންނެވެ. މީހުންތައް ދާނީ އޭޓީއެމްތަކުގައި މިހާރަށްވުރެ ބޮޑަށް ތޮށްޖެހެމުންނެވެ. ލިކުއިޑިޓީއެއް ނުހިފެހެއްޓޭނެއެވެ.
މިގޮތުން މުޅި ރަޝިއާ ސުވިފްޓުން ބޭރުކުރާ ހާލަތަށް ދިއުކަމީ، ކިތަންމެ ބޮޑު އިގްތިސާދެއް އޮތަސްވެސް، އެއީ ރަޝިއާ ބަނޑަށް ޖެހިގެންދާނޭ ވަރުގެ އިގްތިސާދީ ނިއުކުލިއަރ ބޮމަކަށް އެހާލަތުގައި ވެގެން ނުދާނޭ އެއްވެސް ގޮތެއް ނޯންނާނޭކަމުގައި ކަމުގެ މާހިރުން ގެންދަވަނީ ވިދާޅު ވަމުންނެވެ. އެހާލަތުގައި ރަޝިއާއިން އެގައުމުގެ ހުރި ނިއުކުލިއަރ ހަތިޔާރު ނުނަގާނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
ސަބަބަކީ، ބަނޑަށް ޖެހުމަކީ، ބަނޑު ފުރާނަ މުއްތި ކުރުމަށްޓަކާ މުޅަ މަސްވެސް ކެއުން ހުއްދަ ހާލަތަކަށް ވެގެންދާތީއެވެ.
ކޮމެންޓު ފޮނުވާ