އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާއިންނެވެ. އަދި ލަނޑު ޖަހާނެ ފުރުޞަތުތައްވެސް ތަނަވަސްކުރީ އެޓީމުންނެވެ. މާޒިޔާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ، 22 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، އިބްރާހިމް އައިސަމްއެވެ.
މާޒިޔާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑާއި ތިން ވަނަ ލަނޑު ޖަހާފައިވަނީ ދެ މިނެޓުގެ ތެރޭގައެވެ. އެގޮތުން 80 ވަނަ މިނެޓުގައި ކޯނޭ މާޒިޔާއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިންއިރު، 82 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު ވަނީ ޓީސީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި ގޮސް މާޒިޔާއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ހަމްޕުގެ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން އަނެއްކާވެސް ޓީސީގެ ދެ ޑިފެންޑަރު ކައިރިން ނައްޓާފައި ގޮސް އަދި ކީޕަރު ސުޖަން ކައިިރިންވެސް ނައްޓާފައި ހަމްޕު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ހަމްޒާ މުުހައްމަދުއެވެ.
މި މޮޅާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 3 މެޗު ކާމިޔާބުކޮށްގެން ހޯދި 9 ޕޮއިންޓާ އެކުގައެވެ. ޔުނައިޓެޑް ވިކްޓްރީ، ވެލެންސިއާ އަދި އީގަލްސް އަށް 3 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. މި ތިން ޓީމުގެ ތެރެއިން ފައިދާ ގޯލަށް ބަލާއިރު، ކުރި ލިިބޭތީ 2 ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ. ތިން ވަނައިގައި އޮތީ ކްލަބް ވެލެންސިއާއެވެ.
ކޮމެންޓު ފޮނުވާ