ޔޫތުގެ ނައިބު ނާޞިހު، ސްޓޭޓް މިނިސްޓަރަކަށް

ޔޫތުގެ ނައިބު ނާޞިހު، ސްޓޭޓް މިނިސްޓަރަކަށް

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2022 08:31
0

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް ރައީސުލްޖުމްހޫިރއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމުގައި ހުންނެވި ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދުއެވެ.

މުޙައްމަދު ނާޞިޙް މި މަޤާމަށް އައްޔަންކުރެއްވީ ޔޫތު މިނިސްޓަރުގެ ނައިބުގެ މަޤާމުން ވަކިކުރެއްވުމަށްފަހުއެވެ. މުޙައްމަދު ނާޞިޙް ރަޝީދު މީގެ ކުރިން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

މުޙައްމަދު ނާޞިޙް ރަޝީދަކީ ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތު ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.

މުޙައްމަދު ނާސިޙު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވިއިރު އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފުރުއްވަމުން ގެންދެވީ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލް އެކަންޏެވެ. އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ދެން ހުންނެވި އަސްއަދު އަލީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވަނީ މަޤާމުން ވަކިކުރައްވާފައެވެ.

އޭނާ މަޤާމުން ވަކިކުރީ ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި ޖާމިނުވި މީހާގެ ޙައިސިިއްޔަތުން، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 15 ދުވަހުގެ ޖަލު ހުކުމާއި ގުޅިގެންނެވެ. އަސްއަދު އަލީ މަޤާމުން ވަކިކޮށްފައިވަނީ ފެބްރުއައީ 2ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.