ރާއްޖެ ނާދެވި ޔޫކްރެއިންގައި އަދިވެސް 12 ދިވެހިން އެބަތިބި: ފޮރިން މިނިސްޓްރީ

ރާއްޖެ ނާދެވި ޔޫކްރެއިންގައި އަދިވެސް 12 ދިވެހިން އެބަތިބި: ފޮރިން މިނިސްޓްރީ

ރާއްޖެ ނާދެވި ޔޫކްރެއިންގައި 12 ދިވެހިން އަދިވެސް އެބަތިބިކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ހުމައިދު ވިދާޅުވީ ރަޝިޔާ ޔޫކްރެއިންގެ މަސްރަހު ގޯސްވަމުން ދިއުމާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން ހާލަތު ގާތުންބަލައި، އެ ޤައުމުގައި ތިބި ދިވެހިންގެ މަޢުލޫމާތު ހޯދަމުން ދިޔަކަމަށެވެ. މިގޮތުން ރަޝިޔާއިން ޔޫކްރެއިންނަށް ހަމަލާދޭން ފަށާނެކަމުގެ އިންޒާރު ދިނުމާއެކު، ޑިޕްލޮމެޓިކް މަޢުލޫމާތުތަކަށް ރިޔާއަތްކޮށް ޓްރެވެލް އެޑްވައިޒަރީއެއް ނެރުނުކަމަށް ހުމައިދު ވިދާޅުވިއެވެ. އެގޮތުން ދިވެހިން އެެޤައުމަށް ދަތުރު ނުކުރުމަށާއި، އެޤައުމުގައި ތިބި ދިވެހިން ރަޖިސްޓްރީވުމަށް އެންގިކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހުމައިދު ވިދާޅުވީ، ޔުކްރައިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި ދިވެހިންގެ ތެރެއިން ހަންގޭރީއަށް ގެންދިޔަ 15 ދިވެހިން މިއަދު މާލެ ގެނެވޭނެކަމަށެވެ. އަދި ދާދިފަހުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިވަގުތު 12 ދިވެހިން ޔޫކްރެއިންގައި ނުނިކުމެ ތިބީ ހާލަތުގެ ނުރައްކާކަމުންކަމަށެވެ. ހުމައިދު ވިދާޅުވީ އެމީހުން ހަންގޭރީއަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ދަތުރުކުރުމަކީ މިވަގުތަށް ރައްކާތެރިކަމެއްކަމަށް ނުފެންނަކަމަށެވެ. ސަބަބަކީ މިހާރު އެ 12 ދިވެހިން ތިބި ސަރަހައްދުން ހަންގޭރީގެ ބޯޑަރާއި ހަމައަށް ދަތުރުކުރުމަށް 15 ގަޑިއިރު ނަގާނެކަމަށާއި، މިހާރުގެ ހާލަތަށް ބަލާއިރު ޓްފިކްގެ ތާށިކަމުން އެއަށްވުރެވެސް ގިނަ އިރު ނަގާނެކަމަށް ހުމައިދު ވިދާޅުވިއެވެ.

 

ބާކީ ތިބި 12 ދިވެހިން ރައްކާތެރިކަމާއެކު ބޯޑަރާހަމައަށް ގެންދިއުމުގެ މަސައްކަތް މިދަނީ ކުރަމުން. ނަމަވެސް ދަތިތަކެއް އެބަހުރި މި ހަމަލާތައް ފުޅާވެފައިވާތީ. ހަންގޭރީ ބޯޑަރާ ވަރަށް ދުރުގައި މި ދިވެހިން މިތިބީ. ގާތްގަނޑަކަށް 15 ގަޑިއިރު ދަތުރުރަންޖެހޭ ހިސާބެއްގައި. މިހާރުގެ ޓްރެފިކް އޮތް ގޮތަށް ބަލާފަ މިއަށްވުރެ ދިގުވާނެ. ނަމަވެސް މަޢުލުމަތުތަކަށް ބާޅއިރު މިވަގުތު ދަތުރުކުރުން ރައްކާތެރިއެއް ނޫންކަމަށް.

– ޢަބްދުﷲ ހުމައިދު ވިދާޅުވިއެވެ.

ހުމައިދު ވިދާޅުވީ، ޔޫކްރެއިންގެ އިތުރުން އެ ސަރަހައްދުގެ އެހެން ޤައުމުތަކުގައި ތިބި ދިވެހިންގެ މަޢުލޫމާތު އެއްކޮށް، އެމީހުންނަށްވެސް ބޭނުންވާ އެހީތެރިކަންފޯރުކޮށްދީ އެމީހުންގެ ހާލަތުވެސް ގާތުން ބަލަމުން އަންނަކަމަށެވެ. މިގޮތުން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރަޝިޔާގައި 88 ދަރިވަރުން، ބެލަރޫސްގައި 137 ދަރިވަރުން އެބަތިބިކަމަށް ހުމައިދު ވިދާޅުވިއެވެ. އެދަރިވަރުން ތިބި ތަނުގައި ނުރައްކަލެއް ނެތްކަމަށާއި، ހަމައެކަނި ދައްޗަކީ އޭޓީއެމްތަކުން ފައިސާ ނެގުންކަމަށް ހުމައިދު ވިދާޅުވިއެވެ. ނަމަވެސް ބީއެމްއެލްއާއި ވާހަކަ ދައްކައިގެން އެ ދިވެހިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަކަމަށްވެސް ހުމައިދު ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުޙައްމަދު ވިދާޅުވީ، ޔޫކްރެއިންގައި މިވަގުތު ނާދެވި ތިބި 12 ދިވެހިން ހަންގޭރީގެ ބޯޑަރާއި ހަމައަށް ގެންދިއުމަށް އެޤައުމުގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ނިއުޔޯކްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ހަންގޭރީގެ ފަރާތުން އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ ތިން ދުވަސްކުރިން ތިން ސަރަޙައްދަކުން ޔޫކްރެއިނަށް އަރައި އެ ޤައުމަށް ދެމުންދިޔަ ޙަމަލާތަކުގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވުގެ މަގުތައްމަތީގައި ބަޑީގެ ޙަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *