މެލޭޝިޔާގެ ދީނީ ކަންކަމާގުޅޭ ވަޒީރު ޒުލްކިފްލި މުޙައްމަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން އެކަހެރިވެވަޑައިގެންފިއެވެ.
މެލޭޝިޔާގެ ދީނީ ކަންކަމާގުޅޭ ވަޒީރު ޒުލްކިފްލި މުޙައްމަދު އަލްބަކްރީއަށް ކޯވިޑް-19 ޖެހިފައިވާކަން އެނގުނީ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުގައެވެ. އޭގެ ދެ ދުވަސްކުރިން ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންވަނީ ވަޒީރާއެކު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އެހެންކަމުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރައްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ޙާލަތާގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ބޮޑުވަޒީރާއި ދީނީ ކަންކަމާގުޅޭ ވަޒީރުގެ އިތުރުން ސަލާމަތީ ވަޒީރާއި ޞިއްޙަތާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން ސަލާމަތީ އަދި ދިފާޢީ ބާރުތަކުގެ އެންމެ އިސްވެރިންވަނީ ބައިވެރިވަޑައިގެންފައެވެ. މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ބަލި ޖެހިފައިވޭތޯ ބެލުމަށް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ތަހުލީލުކުރާނެކަމަށެވެ.
އުމުރުން 73 އަހަރުގެ ބޮޑުވަޒީރު މުޙްޔިއްދީނާއި ވަޒީރު ޒުލްކިފްލުގެ އިތުރުން އެހެން ވަޒީރުންވެސްވަނީ އިންތިޚާބަށް ކެންޕެއިނުކުރެއްވުމަށް ސަބާހަށް ދަތުރުކުރައްވާފައެވެ. އެ ދަތުރަށްފަހު އެބޭފުޅުން އެކަހެރިވެވަޑައިގެންފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް ރައްދުވެފައެވެ. އޭގެ ފަހުންވެސް ގިނަ ޢަދަދެއްގެ ޢާންމު ރަސްމިއްޔާތުތަކަށް އެ ބޭފުޅުންވަނީ ހާޒިރުވެވަޑައިގެންފައެވެ.
މެލޭޝިޔާގައި މިހާތަނަށް 12،813 މީހުންނަށް ކޯވިޑް-19ޖެހި 137 މީހުންވަނީ މަރުވެފައެވެ. މެލޭޝިޔާގައި ބަލި ފެތުރޭ މިންވަރު ދަށަށް ދިޔުމަށްފަހު މިދިޔަ މަހުގައި އެ ޤައުމުގެ ސަބާހު ސްޓޭޓުގައި ބޭއްވި އިންތިޚާބަށްފަހު ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރިގެ ތެރޭގައި 432 މީހުންނަށްވަނީ ބަލިޖެހިފައެވެ.